ހައުސިން މިނިސްޓްރީގައި އަލިފާން ރޯވުމައްފަހު އެތަން ސާފުކުރުމުގެ މަސައްކަތް ކުރަނީ: (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
އަލިފާނުގެ ހާދިސާއާ ގުޅިގެން އެޗްޑީސީގެ ތަހުގީގަށް ބޭނުންވާ ލިޔުންތައް ގެއްލުނުކަން އަދި ފާހަގައެއް ނުވޭ: ފުލުހުން
މިދިޔަ ހަފްތާގައި ހައުސިން މިނިސްޓްރީގައި ހިންގި އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމުން ވަގު ގޯތިތަކެއް ދިން ކަމަށް ތުހުމަތުވާ މައްސަލައާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައި ނުވާކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ލިބުނު މައްސަލައެއް އިއްޔެ ފެންމަތިވެ، މިހާރު ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގާ ގުޅިގެން މިރޭ ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ތަފްސީލު - ބިންވެރިޔާ ސްކީމްގެ ރަޖިސްޓްރީތައް ދޫކޮށްފައިވަނީ ހައުސިން މިނިސްޓްރީންނެވެ. މި ތަހުގީގަށް ބޭނުންވާ ލިޔެކިތުންތައް އެ މިނިސްޓްރީގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލިފައިވޭތޯ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލު ކުރުމުން އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ އެ ތަހުގީގާ ގުޅިގެން "ބޭނުންވާ ޑޮކިއުމެންޓެއް ހޯދުމަށްޓަކައި، ކުރާ މަސައްކަތުގެ ތެރެއިން އަލިފާނުގެ ހާދިސާއާ ގުޅިގެން ޑޮކިމެންޓެއް ތަހުގީގަށް ނުލިބޭނެކަން ފާހަގަ ކުރެވިފައި ނެތް" ކަމަށެވެ.
ވަގަށް ގޯތިތަކެއް ދިން ކަމަށް ކުރެވޭ ތުހުމަރތުތަކާ ގުޅޭ ލިޔުންތައް ލީކުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ހައުސިން މިނިސްޓްރީގައި ރޯވީ ނޫން ކަމަށާއި ރޯކޮށްލީ ކަމަށް އަންނަނީ ތުހުމަތު ކުރުމުންނެވެ. އެ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، "އަދި މިހާތަނަށް މި ދެ މައްސަލަ ގުޅުވޭކަށް ނެތް" ކަމަށެވެ.
ގުޅުން ހުރި ކަމެއް - ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނި ގޮތުގައި ލީކުވެފައިވާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރަމުންދާ ކަމަށާއި މިހާތަނަށް އައިއިރު، ތިން ބިމެއްގެ ވަގު ލިޔުން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ހަ ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށެވެ. އެމީހުން ބުނާ ގޮތުގައި ގޯތި ލިބުނު ކަމުގެ ލިޔުންތަކަކީ، ކުރީ ސަރުކާރުން އެމީހުންނަށް ދިން ލިޔުންތަކެއް ކަމަށް ވެސް ފުލުހުން މިރޭ ބުނެފައިވެ އެވެ.
ކޮމެންޓް