ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ، ސިފައިން އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅެނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބޯހިޔާވަހިކަން

އަލިފާނުގައި ގެއްލުންވި ސާވާތައް ރިކަވާކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވަނީ

އަލިފާނުގެ ހާދިސާ ހިނގި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވީ އެ ހާދިސާގައި "ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ" ކަމަށް

ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި މިދިޔަ މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި އެ މިނިސްޓްރީގެ ސާވާތައް ރިކަވާކުރެވޭތޯ ބަލަން ސިންގަޕޫރަށް ފޮނުވަން ނިންމާފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - 'ގެދޮރުވެރިޔާ' ސްކީމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގީ، ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބެކްއަޕް ސާވާ ނިޒާމުތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

މައިކްރޯސޮފްޓު އަޒުއާގައި ގާއިމްކުރެވިގެން [ބޯހިޔާވަހިކަމުގެ] ޕޯޓަލްތައް މި ހުރީ. ހުރިހާ ޑޮކިއުމެންޓެއް އެ ތަނުގައި ރައްކާކުރެވިފައި ހުރީ. ސަބްސްކްރިޕްޝަން ދައްކައިގެން ރައްކާކޮށްފައި ހުރީ.

ޑރ. އަބްދުﷲ މުއްތޮލިބު / ހައުސިން މިނިސްޓަރު

ތަފްސީލް - މުއްތޮލިބު ވިދާޅުވީ ސާވާގެ ޑިސްކުތައް ރިކަވާކޮށް، ސިންގަޕޫރަށް ފޮނުވައިގެން އެއިން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.

"ނަމަވެސް ފުދޭ ވަރަކަށް ބޮޑަށް އަލިފާނުގެ އަސަރު ކޮށްފައި ހުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - އަލިފާނުގެ ހާދިސާ ހިނގި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވީ އެ ހާދިސާގައި "ހަމަ ގާތްގަނޑަކަށް ވުޒާރާގައި ހުރި ހުރިހާ ލިޔެކިޔުމަކާއި ޑޭޓާއަކާ އެއްކޮށް އެ ދިޔައީ" ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެންގެ ސާވާ ސަލާމަތްނުކުރެވޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ،" ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް މިހާރު ހުންނެވި ހައިދަރު އޭރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު މުއްތޮލިބު. (ދައުރު ފައިލް ފޮޓޯ/ހުސެއިން ސުނައިމް)

"އެހެންވެއްޖެ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ މައުލޫމާތެއް ގެއްލިގެން އެ ދިޔައީ. ވަރަށް ގިނަ، ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަޅުގަނޑުމެން ކުރަމުންގެންދިޔަ ހުރިހާ މަޝްރޫއުއެއްގެ މައުލޫމާތެއް ވެސް ރައްކާކުރެވިފައި ހުންނާނީ ސާވާގައި. ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވާ ނަމަ އެ މައުލޫމާތު އަލުން ހޯދޭނެ ގޮތެއް ނޯންނާނެ."

ނަމަވެސް، މިހާރުގެ ހައުސިން މިނިސްޓަރު މުއްތޮލިބު މިއަދު ވިދާޅުވީ ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން ބޯހިޔާވަހިކަމާ ގުޅުން ހުރި އެއްވެސް ލިސްޓަކަށް އަސަރު ކޮށްފައި ނުވާ ކަމަށެވެ.

"މައިކްރޯސޮފްޓު އަޒުއާގައި ގާއިމްކުރެވިގެން މި ޕޯޓަލްތައް މި ހުރީ. ހުރިހާ ޑޮކިއުމެންޓެއް އެ ތަނުގައި ރައްކާކުރެވިފައި ހުރީ. ސަބްސްކްރިޕްޝަން ދައްކައިގެން ރައްކާކޮށްފައި ހުރީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

މަރީނާ

14 ޖެނުއަރީ 2025
ރަޝިޔާ އަށް ފޮނުވާބަލަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް