ރައުދު އަހުމަދު ޒިލާލް: ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރޭ

ރައުދުގެ ބަންދު އަމުރުތައް ކޯޓުން ސިއްރުކުރަން ފަށައިފި

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒަލީލްގެ ބަންދު އިތުރުކުރަން ކޯޓުން މިދިޔަ ދެ ފަހަރު ނެރުނު އަމުރު އާންމުކޮށްފައެއް ނުވޭ؛ ކްރިިމިނަލް ކޯޓުން ބުނީ ރައުދުގެ އަޑުއެހުންތައް ކޯޓުން ގެންދަނީ ސިއްރުކޮށްގެން ކަމަށް

އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު ދެ އަމުރު ވެސް ސިއްރުކޮށްފި އެވެ.

ވީކިހިނެއް؟ - ރައުދުގެ ބަންދަށް ކޯޓުން ހަތަރު ފަހަރު މަތިން އަމުރު ކުރި އެވެ. ފުރަތަމަ ދެ އަމުރު ކޯޓުގެ ސައިޓުގައި ޝާއިއުކުރި ނަމަވެސް ފަހު ދެ ފަހަރުގެ އަމުރު ސައިޓުން ފެންނާކަށް ނެތެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރައުދުގެ ބަންދަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް ސިއްރުކުރުމަށް ވަނީ ނިންމައިފަ އެވެ. ކޯޓުން އެ ގޮތަށް ނިންމީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކަމަށް ކޯޓުން ނިންމި އެވެ.

ގާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ޝަރީއަތް ސިއްރުކުރެވޭ ތިން ހާލަތެއް ބަޔާންކޮށްފައި އޮވެ އެވެ. އެ ތިން ހާލަތަކީ:

  • މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުން، ނުވަތަ މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުން، ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބުރޫ އެރިއަ ނުދިނުން

  • ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަހަތު ރައްކާތެރިކުރުން

  • އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެ ހުރަހަކުން މިންޖުވުން

ފާހަގަކޮށްލެވޭ - ކޯޓުން މިހާތަނަށް ރައުދުގެ ބަންދުގެ މުއްދަތު ދީފައިވާ ގޮތަކީ:

  • ފުރަތަމަ 25 އޭޕްރީލްގައި ދިނީ ފަސް ދުވަސް (ބަންދު އަމުރު އާންމުކުރި)

  • 30 އޭޕްރީލްގައި ދިނީ 10 ދުވަސް (ބަންދު އަމުރު އާންމުކުރި)

  • 10 މެއިގައި ދިނީ ފަސް ދުވަސް (ބަންދު އަމުރު އާންމެއް ނުކުރޭ)

  • މިދިޔަ ބުރާސްފަތި ދުވަހު ދިނީ 20 ދުވަސް (ބަންދު އަމުރު އާންމެއް ނުކުރޭ)

އެނގުން މުހިންމު - ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.

ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ.

ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެ އެވެ.

ޔުމްނުގެ އާއިލާއިން މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުދުގެ އިތުރުން ހަތަރު މީހުން އެ ގޭގައި ތިބި ކަމަށް ޔުމްނުއާ ހަވާލާދީ ބުނެފައިވެ އެވެ.

ފަސްފަހަތް - ހާދިސާ ހިނގި ހ. ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގެ އެވެ.

އެ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. 

ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތާއި ތަހުގީގާ މެދު އާންމުންގެ ތެރޭގައި ސުވާލު އުފެދެން ފެށީ އެ ކަމާ ގުޅުވަ އެވެ. ނަމަވެސް ތަހުގީގަށް ނުފޫޒު ފޯރުވާފައިނުވާނެ ކަމަށް އަމީން ވިދާޅުވެފައިވެ އެވެ. ޕާޓީ އޮތް ތަނަކީ ވެސް ސީދާ އޭނާއާ ގުޅުމެއް ނެތް ތަނެއް ކަމަށެވެ.

ކޮމެންޓް (1)

ނަފްސީ

19 މޭ 2025
ނަފްސާނީ ސޮރެކޭކިޔާ ދޫކޮށްނުލާތި!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް