ޔުމްނުއާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ދައްކަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޔުމްނުގެ ބަޔާން ނަގަން ފުލުހުން މެލޭޝިއާގައި؛ އާއިލާގެ އެއްބާރުލުމެއް ނުލިބޭ

ހައްވާ ޔުމްނު ރަޝީދު ހޭއެރުމުން އާއިލާއާ ވަނީ ވާހަކަ ދައްކާފައި؛ ޔުމްނުއާ ހަވާލާދީ އޭނާގެ ދައްތައަކު ރޭ ވަނީ ހާދިސާ ހިނގި ގޮތް ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކިޔާދީފައި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ބަޔާން ނަގަން ފުލުހުންގެ ޓީމެއް މެލޭޝިއާގައި އެބަތިބި ކަމަށާއި ނަމަވެސް އެކަން ކުރުމަށް އޭނާގެ އާއިލާގެ ފަރާތުން އަދި އެއްބާރުލުމެއް ނުލިބޭކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ޔުމްނު އެ ދުވަހުން ފެށިގެން ހޭނެތިފައި އޮތުމަށް ފަހު ހާލަތު ރަނގަޅުވެ، ހޭއެރީ މި މަހު 4ގަ އެވެ. އޭގެ ފަހުން އާއިލާއަށް ހާދިސާ ހިނގި ގޮތް ކިޔައިދީގެން ޔުމްނު ދެއްކި ވާހަކަތައް ރޭ އޭނާގެ ދައްތައަކު ވީޑިއޯ މެސެޖެއް މެދުވެރިކޮށް ކިޔައިދިނެވެ.

އެހެންވެ، ޔުމްނު ހޭއެރުމުން، އޭނާގެ ބަޔާން ނެގިތޯ ފުލުހުންނާ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.

ތަފްސީލް - ފުލުހުން ބުނި މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ހާދިސާ ހިނގި ދުވަހުން ފެށިގެން ފުލުހުންގެ ތަހުގީގަށް ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ގޮތުގައި ދެކެފައިވާނެ އެވެ.

ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އޭނާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ނުލިބޭ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން އޭނާއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.

"މިއީ މިހާރު ވެސް ހިނގަމުންދާ ތަހުގީގެކެވެ. އެގޮތުން، މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ ފަރާތްތަކުން ފުލުހުންނަށް ދޭ މައުލޫމާތު ކަށަވަރުކުރުމަށް ތަހުގީގުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ފުލުހުންގެ މެސެޖުގައިވެ އެވެ.

އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި:

  • ޔުމްނުގެ ބަޔާން ނެގުމަށް ދެ ފުލުހުން ހިމެނޭ ޓީމެއް މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި އެބަތިބި؛ އޭގެ ތެރެއިން އެކަކީ ޑޮކްޓަރެއް

  • އެ ޓީމަށް ޔުމްނުގެ އާއިލާގެ ފަރާތުން އަދި އެއްބާރުލުމެއް ނުލިބޭ

އާއިލާގެ ބަސް - ޔުމްނުގެ ދައްތަ ރޭ ބުނި ގޮތުގައި، ޔުމްނު ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޔުމްނުއާ ހަވާލާދީ އޭނާ ބުނީ:

  • އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް އޭނާ ބުނި

  • އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، ހ. މީނާޒު، އޭނާއަށް ލޮކޭޝަން ފޮނުވައި ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނޭ

  • އެ ރޭ އެކަންވީ ވަގުތު އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ އިތުރަށް ހަތަރު މީހަކު އުޅުނު ކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނި

"އެ ތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވީމަ، މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ،" އޭނާގެ ދައްތަ ބުންޏެވެ.

އެނގުން މުހިއްމު - ފުލުހުން އާންމުކޮށް ދެއްކި ސީސީޓީވީ ފުޓޭޖުތަކުން ދައްކަނީ ޔުމްނު ވެއްޓުނު އިމާރާތް ކަމަށްވާ ހ. ފެންޓެނޯއީގޭގައި ޔުމްނުއާ އެކު އުޅުނީ ރައުދު އެކަނި ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އެކަމަކު ފަހުން، ރައުދު ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގަށް އޭނާ އެއްބާރުލުން ނުދޭތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން ރައުދު ބަންދުކުރުމަށް ނެރުނު އަމުރުން އެނގުނު ގޮތުގައި ޔުމްނު ވެއްޓުމުގެ ކުރިން އެ ދެ މީހުންގެ މެދުގައި 'ހަމަނުޖެހުމެއް' ވަނީ ހިނގައިފަ އެވެ. ރައުދު ވަނީ މަސްތުވާތަކެތީ ބާވަތެއް ކަމަށްވާ، ކެނަބިސްއަށް ޕޮޒިޓިވް ވެފަ އެވެ.

އަދި އެ ރޭ ޔުމްނު ވީ ތަނެއް ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ވެއްޓުނު ކަމަށް ރައުދު ކޮންމެ ވެސް މީހަކު ކައިރީ ބުނިކަން ވެސް ކޯޓު އަމުރުން އެނގުނެވެ.

ފާހަގަކޮށްލެވޭ - ހާދިސާ ހިނގި ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން ޔުމްނު ވަނީ އެ ރޭ، މއ. މާންދޫގެދެކުނުގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ގޮސްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އާއިލީ ގޭގެ ނަން ފުރަތަމަ ފުލުހުން ހާމަނުކުރުމާއި ޕާޓީގައި ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ކުޑަކަމުދާތަކެތި ދިނުމަށް ދެކޮޅު ހެދި ކަމަށް ބުނެ އިތުރު ފިޔަވަޅެއް ވެސް ފުލުހުން އަޅާފައިނުވުމުން މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ.

ކޮންމެ ރެއަކުހެން ސިލްސިލާކޮށް ޒުވާނުން ދަނީ ހެންވޭރު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ކުރިމައްޗަށް ނުކުމެ ޔުމްނުއަށް އިންސާފު ހޯދުމަށް ގޮވާލާ އަޑުއުފުލަމުންނެވެ.

ފުލުހުންގެ އިހުމާލުތަކުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައްސަލަ ބެއްލެވުމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް ވެސް ހައްދަވައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

9 މޭ 2025
އާއިލާއިން ދައްކާ ވާހަކަ އެއްކޮށް ގަބޫލު ނުކުރެވުނަސް އަދިވެސް ފުލުހުންނަކަށް އިތުބާރެއް ނެތް! މައްސަލަ އޮޅުވާލަން އެއްބާރުލުން ދޭން ބޭނުންނުވި މީހާ އެކަނި އިސްތިއުފާ އެ ދިނީ! ދެން ތިބި މީހުން އެދަނީ ހަމަ ދޮގުހެދުމުގައި ކުރިއަށް! ކުށްވެރިން ހިމާޔަތްކުރަން ގަދަރުވެރި މުއައްސަސާއެއް ހަލާކުކޮށްލާއިރު ވަޒީރުންނާއި ރައީސުން އެތިބެނީ ދޮގު ހަދާލަހަދާލާ!
4 4

އިތުރު އާޓިކަލް

އިތުރު އާޓިކަލް