މާލޭ މާޔަރަކަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)

ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރު ނެތް ނަމަ ބައި-އިލެކްޝަން ނުބާއްވަން ފާސްކޮށްފި

މި އިސްލާހާ އެކު މި ފަހުން ހުސްވި ކައުންސިލްގެ މެންބަރުންގެ ގޮނޑިތަކަށް ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ

ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެގޮތުން:

  • ބިލުގެ ބަހުސް އެއް ދުވަސް ތެރޭ ނިންމައި ޖެހިގެން އައި އަންގާރަ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވި

  • މަޖިލިސް މިއަދު ޗުއްޓީއަށް ދާތީވެ، ރޭ ދަންވަރު 11 މިނެޓަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ފޮނުވި ގޮތަށް އެ ބިލު ފާސްކުރަން އޮތީ ކޮމިޓީން ނިންމާފައި

ތަފްސީލު - މިއަދު މެންދުރުފަހު ފެށި ޖަލްސާ ދިގުލައިގެން ގޮސް، މިއަދު ހަވީރު ނެގި ވޯޓުގައި ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކޮށްފައި ވަނީ 51 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުންނެވެ.

ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން "ލާޒިމެއް ނޫނެ"ވެ.

މެންބަރު އަލީ މުސާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:

  • ކައުންސިލަރުންގެ އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ

  • މި ބަދަލު ގެންނަނީ މާ ގިނައިން ބައި-އިލެކްޝަންތައް ބައްވަން ޖެހޭތީވެ ހަރަދު ކުޑަ ކުރުމުގެ ގޮތުން

ގާނޫނުގައިވާ ގޮތުން ދައުރުގެ ބާކީ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް، ކައުންސިލް ބައްދަލުވުމެއް ބާއްވަން ގާނޫނީ އަދަދު ހަމަނުވާ ހާލަތުގައި ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. މެންބަރު އަލީ މޫސާ ހުށަހެޅުއްވި އިސްލާހުގައި ވެސް އެފަދައިން ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް އެ ކައުންސިލެއް ނުވަތަ ޑަބްލިއުޑީސީގެ ގާނޫނީ އަދަދު ހަމަ ނުވާ ހާލަތުގައި އެ ބައި-އިލެކްޝަނެއް ދެ މަސްދުވަސް ތެރޭ ބާއްވަން ޖެހެ އެވެ.

އެނގުން މުހިންމު - މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 370 ދުވަހެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް