ރޭ ދަންވަރު ބޭއްވި ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ދަންވަރު ކޮމިޓީ ބާއްވައިގެން ބައި-އިލެކްޝަން ނުބާއްވާ ބިލް ފާސްްކޮށްފި

މަޖިލީހުގެ މިއަދު ޖަލްސާ މިއަދު މެންދުރު ބާއްވަން ތާވަލުކޮށްފައިވާއިރު، މެންބަރުންނަށް އެޖެންޑާ ފޮނުވީ ފަތިހު

އަންނަ އަހަރު އޮންނަ ކައުންސިލް އިންތިހާބުގެ ކުރިން އިތުރު ބައި-އިލެކްޝަނެއް ދެން މިއޮތް މުއްދަތުގައި ނުބާއްވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު، ރޭ ދަންވަރު ބައްދަލުވުމެއް ބާއްވައިގެން ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ބިލުގެ ބަހުސް އެއް ދުވަސް ތެރޭ ނިންމައި، ޖެހިގެން އައި އަންގާރަ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް އޮތީ ފޮނުވާފަަ އެވެ. އެގޮތުން:

  • ރޭ ދަންވަރު 12:30ގައި އެ ބިލު ދިސާރާ ކުރުމަށް ކޮމިޓީ ބައްދަލުވުން ތާވަލުކުރި ކަމަށް މަޖިލީހުގެ މީޑިއާ ގްރޫޕަށް މެސެޖް ލާފައިވަނީ ރޭ 12:14ގައި

  • ކޮމިޓީން ބިލު ދިރާސާކޮށް ނިންމާލީ، ޖުމްލަ 11 މިނެޓް ތެރޭ؛ މިއީ މި ބިލު ދިރާސާ ކުރުމަށް ކޮމިޓީން ބޭއްވި ހަމައެކަނި ބައްދަލުވުން

  • ކޮމިޓީން ނިންމާފައި ވަނީ، ސަރުކާރުން ފޮނުވި ގޮތަށް އިތުރު ބަދަލެއް ނުގެނެސް ފާސް ކުރުމަށް؛ މިއަދުގެ އޮންނަ ޖަލްސާއަށް އެ ބިލު މިހާރު ވަނީ އެޖެންޑާކޮށްފައި

ރޭ ދަންވަރު ބޭއްވި ކޮމިޓީގެ ބައްދަލުވުން

ތަފްސީލު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ. މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަ ވާނީ، އަންނަ އަހަރު މެއި 17އަށެވެ.

މެންބަރު އަލީ މުސާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:

  • ކައުންސިލަރުންގެ އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ

  • މި ބަދަލު ގެންނަނީ، މާ ގިނައިން ބައިި-އިލެކްޝަންތައް ބާއްވަން ޖެހޭތީވެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ފާހަގަކޮށްފައިވޭ

މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ. 

މި ބިލާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ، ދޮޅު އަހަރުގެ ދިގު މުއްދަތަކަށް ކައުންސިލެއްގެ މަގާމު ހުސްވެފައި އޮތުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

ފާހަގަކޮށްލެވޭ - މިއަދުގެ ޖަލްސާގެ އެޖެންޑާ މަޖިލީހުން މެންބަރުންނަށް ފޮނުވާފައިވަނީ، ރޭ ދަންވަރު 3:13ގަ އެވެ. އެގޮތުން:

  • މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ ޗުއްޓީގެ ކުރިން ބާއްވާ ފަހު ޖަލްސާ 

  • މަޖިލީހުގެ މިއަހަރުގެ މިހިނގާ ފުރަތަމަ ދައުރު ދިގު ކުރުމަށް އަދި މަޖިލީހުން ނިންމާފައި ނުވޭ؛ ޖަލްސާ އޮންނަނީ އާންމު އުސޫލުން ހޯމަ، އަންގާރަ އަދި ބުދައިގައި 

ޗުއްޓީގެ ކުރިން ބައެއް ބިލުތައް ފާސްކުރުމަށްޓަކައި މިއަދު ޖަލްސާ އޮންނާނެކަން އިއްޔެ ޖަލްސާ ނިންމާލަމުން ރިޔާސަތުން ވަނީ އިއުލާންކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް