މީގެ ކުރިން ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން

ކައުންސިލަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރު ނެތް ނަމަ، ބައި-އިލެކްޝަން ނުބާއްވާ ގޮތަށް ހަދަނީ

މި އިސްލާހާ އެކު މި ފަހުން ހުސްވި ކައުންސިލްގެ މެންބަރުންގެ ގޮނޑިތަކަށް ބައި-އިލެކްޝަން ބާއްވާކަށް ނުޖެހޭނެ

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ)ގެ މެންބަރުންގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ އެވެ. ބިލު ހުށަހަޅުއްވާ ސަބަބެއް ކަމަށް ބަޔާންކޮށްފައި އޮތީ:

  • ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހޭ

  • އޭގެ ސަބަބުން ބައި-އިލެކްޝަންތައް ބާއްވަން ކުރަންޖެހޭ ހަރަދުތައް ދަނީ އިތުރުވަމުން

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅު ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން ކައުންސިލަރުން އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 365 ދުވަސް ނުވަތަ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ބައި-އިލެކްޝަނެއް ބޭއްވުން "ލާޒިމެއް ނޫނެ"ވެ.

މެންބަރު އަލީ މުސާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން:

  • ކައުންސިލަރުންގެ އަދި ޑަބްލިއުޑީސީގެ މެންބަރުންގެ ދައުރުގެ ބާކީ 548 ދުވަސް ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ބައި-އިލެކްޝަން ނުބޭއްވޭނެ

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ދައުރުގެ ބާކީ އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް، ކައުންސިލް ބައްދަލުވުމެއް ބާއްވަން ގާނޫނީ އަދަދު ހަމަ ނުވާ ހާލަތުގައި ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. މެންބަރު އަލީ މޫސާ ހުށަހެޅުއްވި އިސްލާހުގައި ވެސް އެފަދައިން ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަވެސް އެ ކައުންސިލެއް ނުވަތަ ޑަބްލިއުޑީސީގެ ގާނޫނީ އަދަދު ހަމަ ނުވާ ހާލަތުގައި އެ ބައި-އިލެކްޝަނެއް ދެ މަސްދުވަސް ތެރޭ ބާއްވަން ޖެހެ އެވެ.

އެނގުން މުހިންމު - މިހާރު އޮތް ކައުންސިލްގެ ދައުރު ހަމަވާނީ އަންނަ އަހަރު 17 މޭގަ އެވެ. އެ މުއްދަތަށް ބާކީ މިހާރު އޮތީ 370 ދުވަހެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި އިސްލާހާ އެކު މާލޭ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނެވި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް މިދިޔަ 12 މާޗުގައި އިސްތިއުފާ ދެއްވުމުން ހުސްވި އެ މަގާމަށް މީހަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް