މީގެ ކުރިން ބޭއްވި ބައި-އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން : މި އިންތިހާބުތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ވަނީ ހަދާފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ބައި-އިލެކްޝަންތައް އަހަރަކު 2 ފަހަރު ބާއްވާ ގޮތަށް ހަދައިފި
ސިޓީތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ މެންބަރުންގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ބޭއްވުމުގެ ބަދަލުގައި މިއަދުން ފެށިގެން އަހަރަކު ދެ ފަހަރު އެ އިންތިހާބު ބާއްވާ ގޮަތަށް ހަދައިފި އެވެ.
ވީ ކިހިނެއް؟ - މިގޮތަށް ހަދާފައި ވަނީ އެކަން އެގޮތަށް އިސްލާހު ކުރުމަށް ކައުންސިލް އިންތިހާބުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައި މި މަހު ހަތް ވަނަ ދުވަހު މަޖިލީހުން ފާސް ކުރި ދެ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
އެއާ އެކު މިއަދުން ފެށިގެން އެ އިސްލާހުތަކަށް އަމަލު ކުރަން ފަށާނަ އެވެ.
ތަފްސީލު - މީގެ ކުރިން އެ ދެ ގާނޫނު އޮންނަ ގޮތުން ކައުންސިލް ބައި-އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސްދުވަހުގެ ތެރޭގަ އެވެ. އެހެންވެ ކައިރި ކައިރީގައި ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަން ޖެހި ހަރަދު ބޮޑުވުމުގެ ކަންބޮޑުވުން އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ފާޅުކޮށްފައިވެ އެވެ.
ރައީސް ތަސްދީގު ކުރެއްވި ދެ ބިލު މިހާރު ވަނީ ސަރުކާރު ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
އިސްލާހުތަކުގައި ހުރި ކަންކަން ކުރުކޮށް:
-
ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ތެރޭ އިންތިހާބު ބޭއްވުމަށް
-
ނަމަވެސް ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަވެގެން ދެ މަސް ތެރޭ އިންތިހާބު ބޭއްވުމަށް
-
މިގޮތަށް އިސްލާހު ކުރުމުން، އަހަރަކު ދެ ފަހަރު ބައި-އިލެކްޝަންތައް އެކީ އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ބޭއްވުމުގެ ފުރުސަތު ލިބޭނެ
-
ދެ ބައި-އިލެކްޝަން ދެމެދު އެންމެ ކުރު މުދައްތަކީ 120 ދުވަސް ނުވަތަ ހަތަރު މަސް ދުވަސް؛ މި ގޮތަށް ހެދުމުން، އެންމެ އަވަހަށް ވެސް ބޭއްވޭނީ ހަތަރު މަސް ފަހުން
ފާހަގަކޮށްލެވޭ ކަމެއް - ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވަމުންދިއުމާ ގުޅިގެން އަހަރަކު އެއްފަހަރު އެ ބައި-އިލެކްޝަންތައް ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވެ އެވެ.