މީގެ ކުރިން ބޭއްވި ބައި-އިލެކްޝަންގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ކައުންސިލް ބައި-އިލެކްޝަންތައް އަހަރަކު 2 ފަހަރު ބާއްވާ ގޮތަށް އިސްލާހު ހުށަހަޅައިފި

މިހާރު ގާނޫނު އޮންނަ ގޮތުން ކައުންސިލަރެއްގެ މަގާމު ހުސްވާތާ ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހޭ

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ބޭއްވުމުގެ ބަދަލުގައި އަހަރަކު ދެ ފަހަރު އެ އިންތިހާބުތައް ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެނގުން މުހިންމު - މިހާރު ގާނޫނު އޮންނަ ގޮތުން ކައުންސިލް ބައި-އިލެކްޝަނެއް ބާއްވަން ޖެހެނީ އެ މަގާމެއް ހުސްވާތާ ދެ މަސްދުވަހުގެ ތެރޭގަ އެވެ. އެހެންވެ ކައިރި ކައިރީގައި ގިނަ ބައި-އިލެކްޝަންތަކެއް ބާއްވަން ޖެހެ އެވެ.

ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށާއި ކައުންސިލް އިންތިހާބުގެ ގާނޫނަށް ވަކިވަކިން އިސްލާހު ހުށަހެޅި މި ދެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

ތަފްސީލު - ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ޝަފީއު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅުއްވި ބިލުގައި، އެ އިސްލާހު ގެންނަ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ:

  • ކައުންސިލަރެއްގެ މަގާމު ހުސްވާތާ ދެ މަސް ތެރޭ އިންތިހާބު ބާއްވަން ޖެހުމުން، ކައުންސިލްތަކުގެ އުމުރު ތެރޭގައި މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުން

  • އޭގެ ސަބަބުން އެކަމަށް ކުރަން ޖެހޭ ހަރަދުތައް އިތުރުވުން

އެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ބިލުގައި ހިމަނާފައި ވަނީ ކައުންސިލެއްގެ ގޮނޑި ހުސްވާތާ ގިނަވެގެން 183 ދުވަސް ނުވަތަ ހަ މަސް ތެރޭ އިންތިހާބު ބޭއްވުމަށެވެ.

ނަމަވެސް ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި ގިނަވެގެން ދެ މަސް ތެރޭ އިންތިހާބު ބޭއްވުމަށް ބިލުގައި ހިމަނާފައިވެ އެވެ.

މިގޮތަށް އިސްލާހު ކުރުމުން، އަހަރަކު ދެ ފަހަރު ބައި-އިލެކްޝަންތައް އެކީ އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ބޭއްވުމުގެ ފުރުސަތު ލިބޭނެ އެވެ.

މީގެ ކުރިން ބޭއްވި ބައި-އިލެކްޝަނެއްގެ ވޯޓު ގުނުމުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އިޔާން)

ލާމަރުކަޒީ ގާނޫނަށް ގެންނަ އެ އިސްލާހާ ގުޅޭގޮތަށް، ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ ޕީއެންސީ މެންބަރު މުންތަސިމް އިބްރާހިމް އެވެ.

ލާމަރުކަޒީ ބިލުގައި ހުރި ތާރީހުތައް އެއްގޮތްކޮށްލުމުގެ އިތުރުން، ދެ ބައި-އިލެކްޝަން ދެމެދު ހޭދަވާން ޖެހޭ އެންމެ ކުރު މުއްދަތު މި ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން:

  • ދެ ބައި-އިލެކްޝަން ދެމެދު އެންމެ ކުރު މުދައްތަކީ 120 ދުވަސް ނުވަތަ ހަތަރު މަސްދުވަސް

އެގޮތަށް އިސްލާހު ކުރުމުން، އެއް ބައި-އިލެކްޝަނަށް ފަހު، އަނެއް ބައި-އިލެކްޝަނެއް އެންމެ އަވަހަށް ވެސް ބޭއްވޭނީ ހަތަރު މަސް ފަހުންނެވެ. 

ގާނޫނު މިހާރު އޮންނަ ގޮތުން، ކައުންސިލަރެއްގެ ދައުރުގެ ބާކީ އެއް އަހަރު އޮވެއްޖެ ނަމަ، އިންތިހާބު ބާއްވާކަށް ނުޖެހެ އެވެ. އަދި ބައި-އިލެކްޝަނަކުން ހޮވޭ ކައުންސިލަރަކަށް އެ މަގާމުގައި ހުރެވޭނީ އެ ކައުންސިލްގެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. މި އިސްލާހުތަކުގައި ވެސް އެކަންކަން ބަޔާންކޮށްފައިވެ އެވެ.

އިސްލާހުތަކަށް އަމަލު ކުރަން އޮތީ ދެ ބިލު ވެސް ފާސްވެ، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނިމިދިޔަ 19 ވަނަ މަޖިލީހުގައި، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވަމުންދިއުމާ ގުޅިގެން އަހަރަކު އެއްފަހަރު އެ ބައި-އިލެކްޝަންތައް ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް