މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން މަޖިލީހުން ފާސްކޮށްފި

ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ކައިރި ކައިރީގައި ބާއްވަން ނުޖެހޭ ގޮތަށް ހުށަހެޅި އިސްލާހަށް ކޮމިޓީ މަރުހަލާގައި ތާއީދެއް ނުލިބޭ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން:

  • ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާ ހާލަތުގައި ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ 

  • އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި-އިލެކްޝަނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮށްފައި

ވީ ކިހިނެއް؟ - ބައި-އިލެކްޝަންތައް މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށާއި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ދެ ބިލު މިދިޔަ ބުދަ ދުވަހު ލާމަރުކަޒީ ކޮމިޓީން ވަނީ ދިރާސާކޮށް ނިންމާފަ އެވެ. އެ ކޮމިޓީން ނިންމީ:

  • ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އެއް ފަހަރާ، އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހަމަޖައްސަން؛ އެއީ ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު

  • ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް މިހާރު ވެސް ބާއްވަން ޖެހޭ ތާރީހުތަކުގައި ބޭއްވުމަށް؛ އެއީ ދައުރުުގެ ބާކީ އެއް އަހަރު ނެތް ނަމަ، މަގާމު ހުސްވާތާ ދެ މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް؛ ކައުންސިލް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ނުނިމޭތީ، މިއަދުގެ މަޖިލީހުގައި ވޯޓަށް ނާހާ

ތަފްސީލު - މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީން ނިންމި ގޮތަށް ފާސްކުރީ 34 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ. އެއީ:

  • ނައިފައިރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް

  • މާވަށު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ސައީދު

މަޖިލީހުން މި ބިލު މިއަދު ފާސްކުރުމާ އެކު، ރައީސް މި އިސްލާހުތައް ތަސްދީގުކުރައްވާ ދުވަހުން ފެށިގެން، ކޯރަމް ނުގެއްލޭ ހާލަތުގައި ދެން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަރަކު، އެއްފަހަރާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޯންނާނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ:

  • ޑަބްލިއުޑީސީ މެންބަރެއްގެ މަގާމް ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން 

  • އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭއެގޮތަށް އަންގާތާ ލަސްވެގެން 365 ދުވަސް ނުވަތަ އަހަރެއްގެ ތެރޭގައި އެ ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭ 

  • ނަމަވެސް ކޯރަމް ގެއްލޭ ހާލަތުގައި އިންތިހާބު ބާއްވަން ޖެހެނީ ދެ މަސްދުވަހުގެ ތެރޭގައި

މި އަހަރު ބޭއްވި ޑަބްލިއުޑީސީގެ ބައި-އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް ދަނީ. (ފޮޓޯ/އިލެކްޝަންސް ކޮމިޝަން) (ފޮޓޯ/އިލެކްޝަންސް ކޮމިޝަން)

ފާހަގަކޮށްލެވޭ ކަމެއް - ވޯޓަށް އެހުމުގެ ކުރިން، މި ބިލުގެ ކޮމިޓީ ރިޕޯޓަށް މިއަދު ވާހަކަދެއްކެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް އިސްލާހު ގެނައި ނަމަވެސް، ހަގީގީ މައްސަލައަށް ހައްލެއް ނުލިބެ އެވެ. އެގޮތުން:

  • ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފު ވިދާޅުވީ، އިންތިހާބުތައް ބޭއްވުމަކީ ވަރަށް މުހިންމު ސިޔާސީ ހަރަކާތެއް ކަމަށާއި އަސްލު ކުރަން ޖެހޭ ކަމަކީ، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިސްތިއުފާ ދޭ ސަބަބުތައް ހޯދައި، އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށް

  • އަފީފްގެ ވާހަކަތައް ތާއީދު ކުރައްވަމުން ސައީދު ވިދާޅުވީ، އެ ސަބަބުތައް ނުހޯދައިދީ، މި މައްސަލައަށް ހަލެއް ނުހޯދޭނެ ކަމަށް؛ އެކަން ކުރުމުގެ ވިސްނުމެއް ސަރުކާރަކު ނެތް

  • ޝިޔާމް ވިދާޅުވީ، ބޮލަށް އަންނަހާ ނިޒާމެއް ގެނައުމަށް ސަރުކާރުން ރައްޔިތުންނަށް ވައުދުވާއިރު، އެ ނިޒާމް ހިންގޭހާ ވަރަށް އާމްދަނީ ހޯދަން ސަރުކާރަށް ނޭނގޭ ކަމަށް؛ މިގޮތަށް އިންތިހާބުތައް އަހަރަކު އެއް ފަހަރު ބާއްވަން މި ބަދަލުކުރަނީ އެ ފައިސާ ނެތުމުން

ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް. (ފޮޓޯ/ މަޖިލިސް)
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް. (ފޮޓޯ/ މަޖިލިސް)

އެ ހިޔާލުތަކަށް ތާއީދުކުރައްވަމުން، މި ބިލު ދިރާސާކުރި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ޑަބްލިއުޑީސީގެ މެންބަރުން އިސްތިއުފާ ދޭ ސަބަބު ދެނެގަތުމަށް އެ ކޮމިޓީގައި ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ. އަދި ރައީސް އޮފީހުން އިސްނަގައިގެން ސަރަހައްދުތަކަށް ބަހަލައިގެން ބާއްވާ 'ވިއަވެތި ރާއްޖެ' މަހާސިންތާގައި ވެސް ކޮންމެވެސް ވަރަކަށް އެ ސަބަބުތައް ދެނެގަނެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޑަބްލިއުޑީސީގެ މެންބަރުންނަކީ ޕާޓްޓައިމް މެންބަރުންނަށްވުން؛ އެ މެންބަރުން ދެކޭ ގޮތުގައި ލިބެން ޖެހެނީ ފުލްޓައިމް މުސާރަ

  • ދާއިމީ ވަޒީފާއަކަށް ލިބެން ޖެހޭ ބައެއް އެލަވަންސް ނުލިބުމުން؛ ވިހެއުމުން ލިބޭ ޗުއްޓީ އާއި ރޯދަ އިނާޔަތް ނުލިބުން

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ފޮޓޯ/މަޖިލީސް)

ފަސްމަންޒަރު - އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މިދިޔަ ޖޫން މަހުގެ ނިޔަލަށް އީސީން ވަނީ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން، އިންތިހާބުތައް ބާއްވަން އެ ކޮމިޝަނަށް ދީފައިވަނީ، 1.5 މިލިއަން ރުފިޔާ އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް މި އަހަރު 458،628ރ. އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. އެއީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިލެކްޝަންސްގެ ބަޖެޓް އިތުރު ކުރަން ޖެހުނީ ޕާޓީތަކަށް ދޭ ފައިސާ ފިނޭންސްގެ ހާއްސަ ބަޖެޓުން ސީދާ އިލެކްޝަންސްގެ ބަޖެޓަށް އިތުރު ކުރުމާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް