މި އަހަރުގެ ކުރީކޮޅު ބޭއްވި ވިލިމާލޭގެ ޑަބްލިއުޑީސީ ގޮނޑީގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ. (ފޮޓޯ/އިލެކްޝަންސް ކޮމިޝަން)
ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ހަދައިފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެނގުން މުހިންމު - ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން:
-
ޑަބްލިއުޑީސީގެ ގޮނޑިއެއް ހުސްވާ ހާލަތުގައި ގިނަވެގެން 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭ
-
އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި-އިލެކްޝަނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކޮށްފައި
ވީ ކިހިނެއް؟ - ބައި-އިލެކްޝަންތައް މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށާއި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހެޅުއްވި ބިލު މިދިޔަ ހަފްތާގައި މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ތަފްސީލް - ރައީސް މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު، ކޯރަމް ނުގެއްލޭ ހާލަތުގައި ދެން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަރަކު، އެއްފަހަރާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުރަހެއް ނޯންނާނެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ:
-
ޑަބްލިއުޑީސީ މެންބަރެއްގެ މަގާމް ހުސްވާތާ 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް އަންގަން ޖެހޭ
-
އެގޮތަށް އަންގާތާ ލަސްވެގެން 365 ދުވަސް ނުވަތަ އަހަރެއްގެ ތެރޭގައި އެ ހުސްވާ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭ
-
އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ހުސްވި މަގާމަށް، އަލުން މެމްބަރަކު އިންތިހާބު ކުރާކަށް ނުޖެހޭނެ
-
ނަމަވެސް، ކޯރަމް ގެއްލޭ ހާލަތުގައި އިންތިހާބު ބާއްވަން ޖެހެނީ ދެ މަސްދުވަހުގެ ތެރޭގައި
ފަސްމަންޒަރު - އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވަން މިދިޔަ ޖޫން މަހުގެ ނިޔަލަށް އީސީން ވަނީ 1.4 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ދައުލަތުގެ ބަޖެޓުން، އިންތިހާބުތައް ބާއްވަން އެ ކޮމިޝަނަށް ދީފައިވަނީ، 1.5 މިލިއަން ރުފިޔާ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ބަޖެޓަށް މި އަހަރު 458،628ރ. އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ނިންމާފަ އެވެ. އެއީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިލެކްޝަންސްގެ ބަޖެޓް އިތުރު ކުރަން ޖެހުނީ ޕާޓީތަކަށް ދޭ ފައިސާ ފިނޭންސްގެ ހާއްސަ ބަޖެޓުން ސީދާ އިލެކްޝަންސްގެ ބަޖެޓަށް އިތުރު ކުރުމާއި ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުންނެވެ.