އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/މަޖިލިސް)

ދޮޅު އަހަރު ވަންދެން ކައުންސިލެއްގެ ގޮނޑިއެއް ހުސްކޮށް ބާއްވަން އެމްޑީޕީން ދެކޮޅު

ލާމަރުކަޒީ ގާނޫނަށް އެ ބަދަލު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގަނެ، ކޮމިޓީއަށް ވަނީ ފޮނުވާފައި

އާ ދައުރެއް ފެށެންދެން، ދޮޅު އަހަރުގެ މުއްދަތަކަށް، ކައުންސިލެއްގެ ހުސްވާ މަގާމަށް އިތުރު މީހަކު އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލްތަކުގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިއްޔެ ވަނީ އިސްލާހެއް ހުށަހަޅުއްވާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި އެ ބިލުގެ ބަހުސް ނިންމައި ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ތަފްސީލު - ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެޅި އެ ބިލު 58 މެންބަރެއްގެ ވޯޓުން މަޖިލީހަށް ވަނީ ބަލައިގެންފަ އެވެ. ދެކޮޅަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ވޯޓުގެ ކުރިން އޮތް އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ ހުރިހާ މެންބަރުން ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެ ބިލު ސިފަ ކުރެއްވީ "ތާކުންތާކު ނުޖެހޭ" ބިލެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ:

  • ހަރަދުކުރުމަށް ކަމަށް ބުނެ މި ބަދަލު ގެންނަ އިރު، ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް ހަދައި، އެތަނުގައި 80 އަށް މަތިން ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް؛ އެއީ ބޭކާރު ހަރަދަކަށް ނުވޭތޯ އޭނާ ސުވާލު އުފެއްދެވި

  • ކައުންސިލެއްގެ ގޮނޑިއެއް ހުސްވުމުން ދޮޅު އަހަރުގެ "ދިގު މުއްދަތަކަށް" ހަރަދު ކުޑަ ކުރާށޭ ބުނެ، އެ ގޮނޑިއަކަށް މީހަކު އިންތިހާބު ނުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިންތިހާބުކުރާ މަންދޫބުން ކަމަށް

"އަޅުގަނޑަށް މި ސަރުކާރު ފެންނަނީ ލާމަރުކަޒީ ގާނޫނާ އަޅައިގަނެގެން ނުނެއްޓިގެން އުޅޭ ސަރުކާރެއްގެ ގޮތުގައި،" ނާޒިލް ވިދާޅުވި އެވެ.

"ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ނުވަތަ އޮތް ފަސޭހަ، މިކަމުން ރައްޔިތުން ނިކަމެތި ކުރުމުގެ ބައި ހުއްޓާލަން ޖެހޭ."

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ނާޒިލް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގައި ސިޓީ ކައުންސިލްގެ މެންބަރުން އިންތިހާބުކޮށްފައި ވަނީ ވަކިވަކި އަވަށްތަކުގެ މައްޗަށްކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ، އެ އަވަށްތަކުގައި ރައްޔިތުން ތަމްސީލު ކުރަން ހުންނަނީ އެންމެ ކައުންސިލަރެއް ކަމަށެވެ. އެ ކައުންސިލަރު އިސްތިއުފާ ދެއްވުމުން، ދޮޅު އަހަރަށް އެ އަވަށެއް ތަމްސީލްވުން ކައުންސިލުން ގެއްލުނީކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ ކަންބޮޑުވުން އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދުދީދީ ވެސް ފާޅު ކުރެއްވި އެވެ. 

"އައްޑޫ ސިޓީގައި އަޅުގަނޑު ރިޕްރެޒެންޓް ކުރާ ދާއިރާގައި އިންނަނީ އެންމެ ކައުންސިލަރެއް. ދިމާވާ ހާލަތަކުން އެ ކައުންސިލަރު އިސްތިއުފާ ދެއްވާ ހާލަތުގައި ނުވަތަ މަގާމު ގެއްލޭ ހާލަތުގައި ދޮޅު އަހަރު ވަންދެން އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އައްޑޫ ސިޓީ ކައުންސިލްގައި ނޯންނާނެ،" އަހްމަދުދީދީ ވިދާޅުވި އެވެ.

"އެހެންވީމަ ސުވާލަކީ، މި ދޮޅު އަހަރުވަންދެން އަޅުގަނޑުމެން ރައްޔިތުންގެ އެއްވެސް ރެޕްރެޒެންޓޭޝަނެއް ނެތި ތިބެންވީތޯ؟"

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު އަހްމަދުދީދީ ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ލާމަރުކަޒީ ގާނޫނު މި ސަރުކާރު އައި ފަހުން ތިން ފަހަރު އިސްލާހުކޮށްފައިވާތީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

"ހަރަދު ކުޑަ ކުރަން މި އުޅެނީ ސަރުކާރުން. އެއީ ރަނގަޅު ކަމެއް. އެހެން ނަމަވެސް މި ބިލަށް ގެންނަ ބަދަލު ނޫނީ އަޅުގަނޑަކަށް ނުފެނޭ ހަރަދު ކުޑަ ކުރުމަށް މި ސަރުކާރުން ކުރާ ކަމެއް،" އަމީން ވިދާޅުވި އެވެ.  

ދައުލަތުގެ އެހެން ހަރަދުތައް އިންތިހާއަށް ބޮޑުކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ ރަށްރަށުގެ މަޝްރޫއޫތައް ވެސް ހުރީ ހުއްޓިފައި ކަމަށެވެ. 

"[ށ.] ގޮއިދޫ ސްކޫލުގެ އަށް ކްލާސްރޫމުގެ މަސައްކަތް ހިޔާ ކުރުމާ ހަމައަށް ހުއްޓިފައި ހުންނަތާ ދެ އަހަރު ވަނީ، ނުނިމޭ! [ށ.] ބިލެތްފަހީގެ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ދެ އަހަރު ވަނީ ހުއްޓިފައި ހުންނަތާ، ނުފެށޭ! [ށ.] ކަނޑިތީމުގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ހުއްޓިފައި، ނުފޭށޭ!" އޭނާ ނިސްބަތްވާ ދާއިރާގެ ރަށްރަށުގެ ބައެއް މަޝްރޫއުތަކަށް އިޝާރާތް ކުރައްވަމުން އަމީން ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އެއާއެކު މަޖާޒީ ގޮތެއްގައި އަމީން ވިދާޅުވީ، މި ބައި-އިލެކްޝަންތައް ބާއްވަން ޖެހޭތީ ދައުލަތް ނުހިންގެންޏާ މިއީ ކޮންމެހެންވެސް ފާސް ކުރަން ޖެހޭ ބިލެއް ކަމަށެވެ.

"އަޅުގަނޑު އެދެން ކޮމިޓީ މަރުހަލާގައި މިއަށް އިތުރު އިސްލާހެއް އިތުރުކޮށްލަން. ލޯކަލް ކައުންސިލްގެ އިންތިހާބެއް ވެސް ޑަބްލިއުޑީސީގެ އިންތިހާބެއް ވެސް ދެން ބާއްވާނީ، އަދުގެ ރައިސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން އެމަނިކުފާނަށް ފެނިވަޑައިގެންފިއްޔާ އެ ދުވަހަކުން ފެށިގެންނޭ. އެއީ ހަރަދު ކުޑަ ކުރުމުގެ ގޮތުން،" އަމީން ވިދާޅުވި އެވެ.

އެގޮތަށް މާއްދާއެއް އިތުރުކުރުމުން އިރުއިރުކޮޅާ މި އިސްލާހުތައް ގެންނަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް