މަޖިލީހުގެ ޖަލްސާއެއްގައި ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

މެންބަރު ފަލާހު

ކައުންސިލްގެ ކޯރަމް ހަމަވާ ނަމަ ބައި-އިލެކްޝަން ބާއްވާނެ ކަމެއް ނެތް: ފަލާހު

ފަލާހު ވިދާޅުވި ގޮތުގައި ކޯރަމް ގެއްލޭ ހާލަތުގައި އޭނާގެ ހުށަހެޅުމަކީ ދެ މަސް ތެރޭ އިންތިހާބު ބޭއްވުން ކަމަށް

މެންބަރެއްގެ ގޮނޑި ހުއްވާ ކައުންސިލެއްގެ ކޯރަމް ހަަމަވާ ނަމަ ދައުރުގެ ބާކީ މުއްދަތަށް ބައި-އިލެކްޝަނެއް ބާއްވާނެ ކަމެއް ނެތް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަލާހު މިގޮތަށް ވިދާޅުވީ، ކައިރި ކައިރީގައި ކައުސިލްތަކުގެ ބައި-އިލެކްޝަންތައް ބޭއްވުމުގެ ބަދަލުގައި އަހަރަކު ދެ ފަހަރު އެ އިންތިހާބުތައް ބޭއްވުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލު - އެ ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި ކޮމިޓީ މަރުހަލާގައި އިތުރަށް އެ ބިލު އިސްލާހު ކުރަން ޖެހެ އެވެ. އެއީ ދައުރުގެ ބާކީ އޮތް މުއްދަތަށް ބައި-އިލެކްޝަންތައް މަދު ކުރާ ގޮތަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"[ކައުންސިލްގެ] ކޯރަމް ހަމަވާ ނަމަ، އެ އިންތިހާބު ނުބާއްވަން އަޅުގަނޑު ތާއީދު ކުރަނީ. ފަސް ކައުންސިލަރުން ތިއްބަވާއިރު، ތިން ކައުންސިލަރުން ތިއްބެވި ކަމުގައިވާ ނަމަ، އެ ކައުސިލެއްގެ ކޯރަމް ހަމަވާނެ،" ފަލާހު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިއްބަވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ފަސް މެންބަރުންގެ ކައުންސިލެއްގައި އެއް ކައުންސިލަރެއްގެ މަގާމު ހުސްވުމުން އެ އިންތިހާބު ބާއްވަން އޭނާއަށް ތާއީދު ނުކުރެވޭ ކަމަށެވެ.

"އެހެންނެއް ނޫން ދެ ކައުންސިލަރުންނަށް މަދުވެއްޖެ ނަމަ، 60 ދުވަސް ތެރޭގައި އިންތިހާބު ބާއްވައި ކޯރަމް ހަމަކުރުމަށް އަޅުގަނޑު ތާއީދު ކުރަނީ. އެކަމަކު ތިން ކައުންސިލަރުން ތިއްބެވި ނަމަ އިންތިހާބު ނުބާއްވަން އަޅުގަނޑު ވަރަށް ބޮޑަށް ތާއީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ފަލާހު ވަނީ ކައުންސިލްތައް ކުޑަ ކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތައް ވެސް ތައީދުކުރައެްވާ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައީ:

  • ކުޑަ އާބާދީތަކަށް ތިން މެންބަރުންގެ ކައުންސިލެއް އޮވެގެން ކަންކަން ކުރެވޭނެ

  • ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ކުޑަ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދި؛ ނަމަވެސް އެމްޑީޕީން އަނެއްކާވެސް ވެރިކަމަށް އައިސް، ގާނޫނު އިސްލާހުކޮށްގެން ކުޑަ އާބާދީތަކުގައި ވެސް ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދި

"އަޅުގަނޑުމެން މި އިސްލާހު [ކައުންސިލްތައް ކުޑަ ކުރަން] ހުށަހެޅީމަ، އެމްޑީޕީއަށް ވެރިކަން ލިބުނީމަ އަނެއްކާވެސް ބަދަލުކޮށްލާނެ. ހަގީގަތުގައި ހުރިހާ ހައްލެއް، އެއް ހައްލެއް ލިބޭނީ އެމްޑީޕީއަށް ވެރިކަން ލިބުނީމަ،" ފަލާހު ވިދާޅުވި އެވެ.

ގުޅުން ހުރި - މިއަދު ބަހުސް ފެށި މި ބިލުގެ ބަހުސް ނިންމައި މަޖިލީހަށް ވަނީ ބަލައިގަންފަ އެވެ. އަދި ދިރާސާކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް