ހޯމް މިނިސްޓްރީގެ 'ނާރެސް' ޕޯޓަލް އާއި 'އޮޕަރޭޝަން ކުރަނގި'ގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

3،000 އިން ދަށުގެ އާބާދީތަކަށް ތިން ކައުންސިލަރުން ތިބޭ ގޮތަށް ހަދަން ރައީސް ހުށަހަޅުއްވައިފި

ރައީސް ވިދާޅުވީ 3،000 އާއި 10،000އާ ދެމެދުގެ އާބާދީތަކަށް ފަސް ކައުންސިލަރުން ތިބުން ރަނގަޅު ކަމަށް

ކައުންސިލްތައް ކުޑަކުރާއިރު، 3،000 އަށް ވުރެ އާބާދީ ކުދި ރަށްރަށަށް ތިން ކައުންސިލަރުން ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. އަދި އޭގެ ތެރެއިން އަންހެނުންނަށާއި ޒުވާނުންނަށް ގޮނޑި ހާއްސަކުރަން ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

ވީ ކިހިނެއް؟ - ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވުމަށް ފަހު، މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ވަނީ މިކަމުގައި ގެންގުޅުއްވާ ވިސްނުންފުޅު ހާމަ ކުރައްވާފަ އެވެ. ނަމަވެސް ގޮތެއް ނިންމަވާނީ، ރައީސް ވިދާޅުވި ގޮތުގައި، ފަންނީ ދިރާސާތަކަށް ފަހު އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމަ ފުދޭނެ. [އެއީ] ކައުންސިލްގެ ރައީސްއަކާއި އަދި އިތުރު ދެ ބޭފުޅުން،" ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބު ކުރާ އަންހެނުންގެ ރައީސާއަކަށްވުމާ އަދި އަނެއް ބޭފުޅަކީ، ޒުވާނުންގެ ފަރާތުން އިންތިހާބު ކުރެވޭ ޒުވާނުންގެ ރައީސްއަކަށްވުން،" ރައީސް ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ 'ނާރެސް' ޕޯޓަލް އާއި 'އޮޕަރޭޝަން ކުރަނގި'ގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ތަފްސިލު - ހޯމް މިނިސްޓްރީގެ ޕޯޓަލްއެއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލްގެ ރައީސްގެ އިތުރުން ދެން އިންތިހާބު ކުރާ ދެ ކައުންސިލަރުންގެ ތެރެއިން ނައިބު ރައީސްއަކީ ކާކުކަން ރައްޔިތުންނަށް އިންތިހާބު ކުރެވިދާނެ ކަމަށެވެ.

"3،000 މީހުންގެ ތެރެއިން ތިން ކައުންސިލަރުން ހޮވިގެން ދުވަހުން ދުވަހަށް މަސައްކަތް ކުރުމުގައި، އެ ލިބޭ ބަޖެޓުގެ ބޮޑު ބައެއް ކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވަންޓުންނަށް ރަނގަޅު މުސާރައެއް ދެވޭ ގޮތަށް ބައްޓަންކޮށްގެން ހިންގީމަ، މުޅި ކައުންސިލްގެ ހުރިހާ މުވައްޒަފުން އުފާވެރިކަމާއެކު ރަނގަޅު ހިދުމަތެއް ދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން 3،000 އަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގެ ކައުންސިލަރުންގެ އަދަދުގެ ގޮތުގައި އެމަނިކުފާނުގެ ހުށަހެޅުއްވުމަކީ ފަހެކެވެ.

"މިސާލަކަށް 3،000 އިން ގޮސް 10،000އާ ދެތޭރޭ ޖުމްލަ ފަސް ކައުންސިލަރުން ތިބުމަކީ އަޅުގަނޑު ހިތުން ރަނގަޅު ގޮތަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

"ނަމަވެސް މިކަންކަން ނިންމާނީ މިކަމާ ގުޅޭ ފަންނީ ދިރާސާތަކުގެ އަލީގައި."

ހޯމް މިނިސްޓްރީގެ 'ނާރެސް' ޕޯޓަލް އާއި 'އޮޕަރޭޝަން ކުރަނގި'ގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

މާލޭގެ ކައުންސިލަރުންގެ އަދަދަކީ މިހާރު 18ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސީޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް މަދު ކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • މިހާރު ކައުންސިލަރުންގެ އަދަދަކީ، މާލީ ގޮތުން ބުރަ ބޮޑުކޮށް އޮތް، ނަތީޖާާ އޭގެ އެންމެ އެދެވޭ ގޮތުގައި ނެރެވޭ ގޮތަށް އޮތް ނިޒާމެއް ނޫން

  • އަމާޒަކީ ކައުންސިލަރުންގެ އަދަދު ކުޑަކޮށްގެން ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް ދިނުން

"އަދަދަކުން ވާ ކަމެއް ނޫން މިއީ. ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ، ހިދުމަތް ދިނުމުގައި އިހްލާސްތެރިވާން މި ޖެހެނީ، ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ،" ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭ މޭޔަރުކަން ކުރެއްވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ 'ނާރެސް' ޕޯޓަލް އާއި 'އޮޕަރޭޝަން ކުރަނގި'ގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ކައުންސިލަރުންގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކޮށްފައި އޮއްވާ، އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ އަދަދު ބޮޑު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ އިސްލާހާ އެކު ކައުންސިލަރުންގެ މުސާރަ ވެސް އޭރު ބޮޑު ކުރި އެވެ. އެގޮތުން:

  • ކިތަންމެ އާބާދީ ކުޑަ ރަށެއް ވިޔަސް މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދި

  • ބޮޑެތި އާބާދީތައް ހުރި ރަށްރަށުގައި ހަތް ކައުންސިލަރުން ތިބޭ ގޮތަށް ހެދި

  • ކޮންމެ ކައުންސިލެއްގެ %33 އަންހެނުނަށް ހާއްސަކުރި؛ އެއީ، ފަސް މެންބަރުންގެ ކައުންސިލެއްގައި ދެ އަންހެނުން އަދި ހަތް މެންބަރުންގެ ކައުންސިލެއްގައި ތިން އަންހެނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް