ފ. މަގޫދޫ އެއާޕޯޓު މަޝްރޫއުގެ މަސައްކަތްތައް. (ފޮޓޯ/ފ. މަގޫދޫ ކައުންސިލް)

ފ. މަގޫދޫ

ކުރީ ސަރުކާރުން މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަކަށް ނޫން: މުއްތޮލިބު

ްމިނިސްޓަރު ވިދާޅުވީ މަސައްކަތުގައި މިވަގުތު ލަސްތަކެއް އުޅުނު ނަމަވެސް، މަޝްރޫއު ނިންމައި އެ އެއާޕޯޓަކީ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފ. މަގޫދޫގައި އެއާޕޯޓު އަޅަން ނިންމީ ރަނގަޅަށް ނޫން ކަމަށާއި ތަރައްގީގެ ޕްލޭނުގައި އޮތީ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓު އަޅަން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލު ކުރެއްވީ މަގޫދޫގައި ފަށައި މިހާރު ހުއްޓިފައިވާ އެއާޕޯޓު މަޝްރޫއު އަލުން ފަށާނެތޯ އާއި އެ މަޝްރޫއު ނިމޭނެ ތާރީހަކާ ގުޅޭ ގޮތުންނެވެ. އަދި ރަންވޭގެ އޭބީސީ ލޭޔަރު ވެސް އަޅާ ނިމިފައިވަނިކޮށް މަޝްރޫއު ހުއްޓާލައިފި ނަމަ ރައްޔިތުންގެ ފައިސާ އިން އިސްރާފުވާނީ ކިހާ ފައިސާއެއްތޯ ވެސް އެ މެންބަރު ސުވާލުކުރެއްވި އެވެ.

ބުނީ ކީކޭ ؟- އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތޮލިވު ވިދާޅުވީ މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި މި ދައުރު ތެރޭ އެ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނަން. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ދައުރުގެ ތެރޭ ނިންމާފައި އިރާދަކުރެއްވިއްޔާ ހުޅުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދުވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫން."

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ (ފޮޓޯ/މަޖިލިސް)

މުއްތޮލިބު ވިދާޅުވީ މަގޫދޫގައި އެއާޕޯޓު އަޅަމުން އަންނަނިކޮށް ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހުނީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.

މަގޫދޫ އެއާޕޯޓުގެ މަސައްކަތުގައި މިވަގުތު ލަސްތަކެއް އުޅުނު ނަމަވެސް މަޝްރޫއު ނިންމައި އެ އެއާޕޯޓަކީ ރައްޔިތުންނަށް ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުން ހުރި - މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު 2022ގަ އެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގައި އަޅާނީ ޖެޓު ޖެއްސޭ ފެންވަރުގެ އެއާޕޯޓެއް ކަމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

އެ އެއާޕޯޓުގެ މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް، އެ ރަށާ ވަރަށް ކައިރީ އޮންނަ ނިލަންދޫގައި އެއާޕޯޓު އަޅަން ނިންމައި އެކަން ފެށީ މި ސަރުކާރުގައި، މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް