ފ. ނިލަންދޫގެ ގޮނޑުދޮށް ހިއްކުމުން މިހާރު އޮތްގޮތް (ކ) އަދި ކުރިން ނުހިއްކާ އޮތްއިރު އޮތް ގުދުރަތީ ރީތިކަން: އެ ރަށުގައި މޫދަށް އެރިލަން އޮތް އެންމެ ހިތްގައިމު ސަރަހައްދު ވަނީ ގެއްލިފައި (ފޮޓޯ/ކިޔުންތެރިއެއް)
މި ރީތި ގޮނޑުދޮށް އެއާޕޯޓަކަށް ގުރުބާންކޮށްފި؛ ބުނެދޭ އެތައް ވާހަކައެއް
އެ ރަށުގެ އެތައް ބައެއްގެ އުފާވެރި ހަނދާންތައް ގުޅިފައި ވަނީ އެ ރީތި ގޮނޑުދޮށާ އެވެ. އެ ދޮންވެލި ގޮނޑުދޮށަށް އާއިލާއާ އެކު ދަތުރުގޮސް، ވިލު ނޫކުލައިގެ މޫދަށް އެރި ފަތާލައި އުފާކޮށްލާ ހަނދާންތައް ވަނީ އެތައް ބައެއްގެ ހިތާ އެންމެ ކައިރީގަ އެވެ. އެކަމަކު 2،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފ. ނިލަންދޫގެ ރައްޔިތުންގެ އެ ހަނދާންތަކަށް ފަސް އެޅި މިހާރު މި ވަނީ މާޒީއަށްވެފަ އެވެ.
ރަށުގެ ބޮޑު މަގުން ފެށިގެން ތުނޑިއަށް ސުރޭންސުރޭންކޮށް އެއްއިރެއްގައި ދަމާލާފައި އޮތް އެ ރީތި ގޮނޑުދޮށުން މިހާރު ފެންނަން ހުރީ ފަސްފުނި ތަކެކެވެ. ވިލު ނޫކުލަ ގެއްލި އެ ރީތި މޫދު ކިލަނބު ވެއްޖެ އެވެ. ދިރުން ގެއްލި ހަނަފަސްވެއްޖެ އެވެ. ނިލަންދޫ ރައްޔިތުން މޫދަށް އެރި ހަދާ ރަށުގެ ދެކުނު ކޮޅުގައި އޮތް ހަމައެކަނި ގުދުރަތީ ގޮނޑުދޮށާއި މޫދު ގުރުބާންކޮށްފައި ވަނީ އެ ރަށުގެ ބައެއް މީހުންގެ ޒަމާންވީ އުންމީދެއް ކަމަށްވާ އެއާޕޯޓް އެޅުމަށް ބިން ހިކުމަށެވެ.
"އަޅުގަނޑުގެ 10 އަހަރުގެ ދަރިފުޅުގެ ފޭވަރިޓް ބީޗް އެެއީ މުޅި ރާއްޖެއިން ވެސް. އެކަމަކު މިހާރު އޭނާއަކަށް އެއްކަލަ ރީތި ބީޗަކަށް އެރިއެއް ނުލެވޭ. އެ ފުރުސަތު އޭނާއަށް ގެއްލިއްޖެ. އެކަމާ ވަރަށް ދެރަވެ ސުވާލު ވެސް ކުރޭ،" ނިލަންދޫ ރައްޔިތަކު 'ދައުރު'އަށް ބުންޏެވެ.
އޭނާ ވެސް އެއާޕޯޓް ބޭނުން ނުވަނީއެއް ނޫނެވެ. އެކަމާ ދެކޮޅު ހަދަނީއެއް ވެސް ނޫނެވެ. އޭނާ ވެސް ގަބޫލުކުރާ ގޮތުގައި އެއާޕޯޓެއް ނިލަންދޫގައި އެޅިއްޖެ ނަމަ އެ ރަށަށް ވެސް ލިބޭނޭ މަންފާތަކެއް ހުންނާނެ އެވެ.
އޭނާ ބުނި ގޮތުގައި، ރަށުގެ ރައްޔިތުންނަށް ލިބިފައި އޮތް ގުދުރަތީ މޫދު ހަލާކުކޮށް ނުލާ ވެސް އެ މަޝްރޫއު ހިންގިދާނެ އެވެ. ނިލަންދޫގެ ފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. އެހެންވެ، ގުދުރަތީ ގޮތުން އޮތް ގޮނޑުދޮށް ހަލާކުކޮށް ނުލައި ފަޅު ތެރޭގައި އެހެން ދިމާލެއް ހިއްކައިގެން އެ ރަށުގައި އެއާޕޯޓެއް ހެދިދާނެ ކަމަށް އޭނާ ހުރީ ގަބޫލުކޮށްގެންނެވެ.
"ރައްޔިތުން މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރައީސްގެ ކޮއްކޮ [މިހާރު ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަދު ސައުދާ] މި ދާއިރާއަށް ކުރިމަތިލީމާ ކުއްލިއަކަށް އޭރު މަސައްކަތް ފަށައިގަތީ މަޖިލިސް އިންތިހާބަށް ބޯމަތިވެފައި އޮއްވާ. އެތައް އޮޕްޝަނެއް އޮއްވާ އެންމެ ފަސޭހަ ގޮތަށް އެކަންކޮށްލީ،" އޭނާ ބުންޏެވެ.
ކައުންސިލްގެ ރައީސް އަލީ އަހުމަދު ވެސް ވިދާޅުވީ މީހުން މޫދަށް އެރިލަން މިހާރު ބޭނުންކުރަމުން އައި ގޮނޑުދޮށް ހިމެނޭ މޫދު ސަރަހައްދު ހިއްކައިގެން އެއާޕޯޓް އަޅަން ނިންމީ ސަރުކާރަކަށް އެންމެ ހަރަދުކުޑަކޮށް އެ މަޝްރޫއު ހިންގޭނެ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. އަދި އެހެން ސަރަހައްދެއްގައި އެެއާޕޯޓް ހަދާ ނަމަ ކަރަންޓާއި ފެނާއި މިހެން ގޮސް ހުރިހާ ވަސީލަތްތަކެއް ޖެހޭނީ އެއާޕޯޓަށް ހާއްސަކޮށް އަލުންބަލުން ގާއިމްކުރަން ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"ސަރުކާރަކަށް ލޮޖިސްޓިކަލީ ބުރަ ބޮޑު ކަމަކަށް ވާތީ އެގޮތަށް އެ ސަރަހައްދު ނިންމީ އެ އެެއާޕޯޓް ހަދަން. އަޅުގަނޑުމެން ވެސް އެދުނިން އެހެން ސަރަހައްދެއްގައި ހަދަން. އެކަމަކު ސަރުކާރުން މި ސަރަހައްދުއް ނިންމީ ހުރިހާ ގޮތަކުން ބަލާފައި،" ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް އަލީ ވިދާޅުވި އެވެ.
ރަށުގެ ގުދުރަތީ ވެށި ހަލާކުކޮށްލައިގެން އެއާޕޯޓް ހެދުމާ ދެކޮޅަށް ހިޔާލު ފާޅުކުރި ނިލަންދޫ ރައްޔިތެއް ކަމަށްވާ މުހައްމަދު ނިމާލް އެކަން ސިފަކުރީ ވަރަށް ހިތްދަތި ކަމެއްގެ ގޮތުގަ އެވެ. އެއާޕޯޓް އެޅުމުގެ ކަންތައް ވެސް ސިޔާސީ އޮއިވަރެއްގައި ޖެހި އެންމެ ފަހުން ރަށުގެ ގުދަރަތީ ވެއްޓަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނީ ކަމަށް އޭނާދެކެ އެވެ. ރަށުގެ ރައްޔިތުންނަށް ގުދުރަތުން ލިބިފައި އޮތް ރީތި ގޮނޑުދޮށާއި މޫދުގެ ނިއުމަތުން އެ މީހުން މަހުރޫމްވީ ކަމަށް ނިމާލް ހުރީ ގަބޫލުކޮށްގެންނެވެ.
"ނިލަންދޫގެ އެ ހިތްގައިމު އަތިރިމަތި މާޒީގެ ސޮފުހާތަކުގެ ތެރެއަށް ދިޔައީ އެވެ. އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެކެވެ. ނަމަވެސް ތަރައްގީ ބޭނުންވާތީ އެެވެ. އެއާޕޯޓެއް އެޅުން ކޮންމެހެން މުހިއްމުވީ އެެވެ. ސިޔާސީ ބޭނުންތަކަށް ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނުން ހަގީގީ ގެއްލުންތަކުގެ މިންވަރު ފޮރުވަނީ އެވެ،" ނިމާލް އޭނާގެ ފޭސްބުކުގައި ލިޔެފައިވެ އެވެ.
"ސިޔާސީ ކުޅިވަރަށްވެ މިކަން ވެސް މި ދިޔައީ އެވެ. ވަރަށް ވެސް ދެރަ ކަމެކެވެ. މިއަދު މިކަމުގައި ދެރަވާ މީހުން އިއްޔެއަށް ވުރެ ގިނަ އެވެ. ނަމަވެސް ވަގުތު ފާއިތުވެ ހިނގައްޖެ އެވެ."
އަޅުގަނޑުގެ 10 އަހަރުގެ ދަރިފުޅުގެ ފޭވަރިޓް ބީޗް އެެއީ މުޅި ރާއްޖެއިން ވެސް. އެކަމަކު މިހާރު އޭނާއަކަށް އެއްކަލަ ރީތި ބީޗަކަށް އެރިއެއް ނުލެވޭ. އެ ފުރުސަތު އޭނާއަށް ގެއްލިއްޖެ. އެކަމާ ވަރަށް ދެރަވެ ސުވާލު ވެސް ކުރޭ.
ނިލަންދޫގެ އެއާޕޯޓާ އެކު ގުދުރަތީ ވެށި ހަލާކުކޮށްލުމުގެ ބަހުސްގެ ތެރެއިން ނިމާލް އެހެން ސީރިއަސް ބޮޑެތި މައްސަލަތަކެއް ވެސް ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި، މިކަހަލަ މަޝްރޫއުތަކާ މެދު ރައްޔިތުންގެ މެދުގައި ހިޔާލު ބަދަލުކުރެވޭ ވަރު މަދީ އެވެ. އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ވެށި ހިމާޔަތްކުރުމާއި ސަގާފަތާއި ތަރިކަ ހިމާޔަތްކުރުން ފަދަ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން ވެސް ކުޑަވަނީ އެވެ.
ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަން ވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމުގެ މުހިންމުކަމަށް ވުރެ ބޮޑަށް އިސްކުރެވެނީ ސިޔާސީ ފިކުރެވެ. އެންމެ ފަހުން ސިޔާސީ ބަހުސަކަށް އެކަން ބަދަލުވެ އަސްލު މައްސަލަ އޮންނަނީ ހަނދާން ނެތިފަ އެވެ.
"ކުރިއަށް އޮތް ތާނގައި އަހަރަމެން މިކަހަލަ ކަންކަމުގައި އަމަލުތައް ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟ މާޒީގެ ސޮފުހާތަކުން ފިލާވަޅެއް ނުލިބޭ ކަމަށް ވަނީ ވިއްޔާ އިންސާނީ ކުރިއެރުމެއް ނުފެންނާނެ އެވެ. ހައްތަހާ ވެސް މި ދެވެނީ ފަހަތަށެވެ،" ނިމާލް ލިޔެފައިވެ އެވެ.
"ގެއްލިގެން މި ދިޔައީ މަގޭރިންގެ އަސްލެކެވެ. ޗާލޫ ޖަޒީރާގެ ޗާލުކަން ތަރައްގީއާ މަސްހުނިވެގެން ގެއްލި ދަނީ އެވެ."
ނިމާލް އެ ބުނާ ގޮތަށް ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ހުރިހާ ނިންމުމެއްހެން އޮތީ ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދިނުމަށް ވުރެ ސިޔާސީވެފަ އެވެ. ސަބަބަކީ އެ ވައުދު އެ ރަށުގެ ރައްޔިތުންނަށް ސިޔާސީ ވެރިން ވަމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެ އެވެ. ސިޔާސީވެރިންގެ އެކަން ކުރުމުގެ ބޮޑު ނިޔަތަކަށް ވެފައި އޮންނަނީ ވޯޓް ހޯދުމެވެ.
އެންމެ ފުރަތަމަ އެއާޕޯޓުގެ ވައުދު އެ ރަށަށް ވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެއަށް ފަހު އެމްޑީޕީގެ ސަރުކާރުގައި އެ އެއާޕޯޓް ފ. މަގޫދޫގައި އަޅަން ނިންމީ އެވެ. މަގޫދޫގައި އެ މަޝްރޫއު ފަށައި އެތައް ހަރަދެއް ވެސް ވަނީ ކޮށްފަ އެވެ. ދެން މި ސަރުކާރުން ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ އިންތިހާބު ކާމިޔާބުކުރަން އަނެއްކާވެސް ނިލަންދުއަށް އެއާޕޯޓެއްގެ ވައުދުވީ އެވެ. އަދި އެއަށް ފަހު ހަރަދުތަކެއް ކޮށްފައި އޮތް މަގޫދޫ އެއާޕޯޓް މަޑުޖައްސާލުމަށް ފަހު ނިލަންދޫގައި ސުމަކުން އެ މަސައްކަތް ފަށައިގަތީ އެވެ.
"މި ރަށާ 10-15 ވަރަކަށް މިނެޓުން ދެވޭ ހިސާބެއްގައި އޮތް އެއާޕޯޓެއް [މަގޫދޫ] އެއީ. އެކަމަކު ހަމަ އެވެސް އަހަރުމެންގެ ޓެކްސް ފައިސާއިން ފަށާފައި އޮތް މަޝްރޫއެއް. އެހެން އޮއްވާ އެކަން ކުރުމުން މުޅި ދައުލަތަށް އެބަ ބޮޑު ގެއްލުމެއްވޭ. އަނެއްކާ އިތުރު ރަށެއްގެ ވެށި ވެސް މި ހަލާކުކޮށްލެވެނީ،" ނިލަންދޫގެ އެހެން ރައްޔިތަކު ބުންޏެވެ.
އޭނާ ބުނާ ގޮތުގައި، ނިލަންދޫ އެއާޕޯޓުގެ މަޝްރޫއު ބޮޑު ސިޔާސީ ކުޅިގަނޑަކަށްވެފައި އޮތް އިރު އަދި މާޒީގައިކަން ހިނގާފައިވާ ގޮތަށް ބަލާއިރު ނިލަންދޫ އެއާޕޯޓް މަޝްރޫއުގެ ހިޔާލު އަނެއްކާވެސް ބަދަލުވުމުގެ ބިރު އެބައޮތެވެ. އެހެން ވެއްޖެ ނަމަ، ނިލަންދޫ ރައްޔިތުންނަށް ގުދުރަތީ ގޮނޑުދޮށް ވެސް ގެއްލި އެއާޕޯޓް ވެސް ގެއްލުނީ އެވެ.
"މަގޫދޫ ރައްޔިތުންނަށް އެ އޮތީ ކިހާ ބޮޑު ގެއްލުމެއްތޯ ލިބިފައި. އެ ރަށުގެ ފަޅަށް ވެސް ވެލި އަޅައިގެން ބިން ހިއްކާފައި އެކަމަކު އެއާޕޯޓެއް ވެސް ނުލިބި. އަނެއްކާވެސް ސިޔާސީ ކަންކަން ބަދަލުވާއިރަށް މި ރަށަށް ވެސް މިހެން ވެދާނެ،" ނިލަންދޫ ރައްޔިތަކު ބުންޏެވެ.
އުދާސްތަކާއި ޖަޒުބާތުތައް ހުންނާނެތާ ބައެއް މީހުންގެ ބޭނުންކުރަމުން ދިޔަ ހިތްގައިމު ރީތި ބީޗެއް މިހެން ބޭނުން ނުކުރެވެންޏާ. އެކަމަކު މި ރަށުން ބީޗް އެއްކޮށްދަނީއެއް ނޫން. އެއާޕޯޓް ނިމޭއިރު ވިލަކާ އެކު ވަރަށް ރީތި ބީޗެއް އޮންނާނެ. އެއީ ޔަގީންކަމެއް.
ނަމަވެސް ނިލަންދޫ ކައުންސިލްގެ ރައީސް އަލީ ހުންނެވީ އެއާޕޯޓް މަޝްރޫއާ މެދު ވަރަށް ބޮޑު އުންމީދެއްގަ އެވެ. އެ މަޝްރޫއުގެ މަސައްކަތްތައް އެތައް އަހަރަކަށް ފަހު ކުރިއަށް ހިނގާތީ ހިތްހަމަޖެހިގެން ހުރެ އަލީ ވިދާޅުވީ އެއާޕޯޓް ނިމޭއިރު ރަށުގެ ރައްޔިތުން މޫދަށް އެރޭނޭ ރީތި ޗާލޫ ގޮނޑުދޮށެއް ހުޅަނގު ފަރާތުގައި ހެދިގެންދާނެ އެވެ. ކައުންސިލުން އެ ކަމަށް ދަނީ މަސައްކަތްތައް ކުރަމުންނެވެ.
"އުދާސްތަކާއި ޖަޒްބާތުތައް ހުންނާނެތާ ބައެއް މީހުންގެ ބޭނުންކުރަމުން ދިޔަ ހިތްގައިމު ރީތި ބީޗެއް މިހެން ބޭނުން ނުކުރެވެންޏާ. އެކަމަކު މި ރަށުން ބީޗް އެއްކޮށްދަނީއެއް ނޫން. އެއާޕޯޓް ނިމޭއިރު ވިލަކާ އެކު ވަރަށް ރީތި ބީޗެއް އޮންނާނެ. އެއީ ޔަގީންކަމެއް،" އަލީ ބުންޏެވެ.
"ބޮޑަށް ޒުވާން ކުދިން އެގޮތަށް [ކަންބޮޑުވެގެން] ވާހަކަ ދައްކަނީ. އެކަމަކު މިއީ ހަމަ ރަށުގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ނިމިފައި އޮތް ކަމެއް. މިއީ މި ރަށުގެ ވަރަށް ބޮޑު އުންމީދެއް."
އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ ކޮންނަ ބޯޓުގެ ހޮޅިތައް ފަދަ ބައެއް ސާމާނު މިވަގުތު ރަށުގެ ތަންތަނުން ފެންނަން ހުއްޓަސް އެއާޕޯޓް ނިމޭއިރު ރަށުގެ ރީތިކަން އަލުން އެގޮތުގައި އޮންނާނެ ކަމަށް ނިލަންދޫ ރައީސް އަލީ ހުރީ ޔަގީންކުރައްވައިގެންނެވެ.
ނިލަންދޫގެ އެއާޕޯޓް މަޝްރޫއާ އެކު ރަށެއްގެ ގުދުރަތީ ވެށި ހަލާކުކޮށް ތަރައްގީ ގެނައުމުގެ ހިތްދަތި އުދާސްތަކާ އެކުއެ މަޝްރޫއުން ވެސް ބޮޑެތި ވާހަކަތަކެއް ބުނެދެ އެވެ. ދެމެހެއްޓެނިވި ތަރައްގީ އާއި ރޭވުންތެރި ތަރައްގީއަށް ސިޔާސާތު ކަނޑައެޅުމުގައި އިސްކަން ނުދެވޭކަމެވެ. އެ ހުރިހާ ކަމެއްގެ މައްޗަށް ސިޔާސީ އޮއިވަރާއި ވާދަވެރިކަމުގެ ހިޔަނި މާބޮޑަށް އެޅެމުން ދާ ކަމެވެ. އަދި އޭގެ ނަތީޖާއަކީ ދައުލަތުގެ ފައިސާ އިސްރާފުވާ ގޮތަށް އެއިރެއްގެ ބާރުވެރި ސިޔާސީވެރިންގެ ފައިދާއަށް ކަންކަން ނިންމަމުންދާކަމެވެ.
ކޮމެންޓް (13)
އެކްޓިވިސްޓް
މުހައިމިނު
ސޭކުސްތާން
ރައްދު
އިބުރޭ
ގައުމީ
ވާނުވާ
ޖަލީލު ދޮނާ
ކޮސް
ކަތީބުގެ ދޮށީ ދަރި
މުރާސިލް
މަގޭ ގައުމު
ރޯނޭ