މާޒް ސަލީމް އަދި މަރިޔަމް ޒުބައިރު
މަރިޔަމް ޒުބައިރާއި މާޒް 'ބަރަހަނާކޮށްގެން' ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
އެމްޑީޕީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެ ޕާޓީގެ ގައުމީ މަޖިލިސް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ނޫން އެހެން ހުރިހާ ތަނެއް ހިމެނޭ ގޮތަށް ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން އަންނަ ގޮތަށް އެ ދެ މީހުން ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި ފުލުހުން މިހާރު ހިންގަމުންގެންދާ ތަހުގީގުގާ ގުޅިގެންނެވެ. އެ އަމުރާ ގުޅިގެން ފުލުހުން އެ ދެ މީހުންނަށް ފޮނުވި ޗިޓްގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ތަފްސީލު - މަރިޔަމް ޒުބައިރާއި މާޒްއަށް ފުުލުހުންގެ އިސްޕެކްޓާ ޝަނާޒު އަހްމަދު ސޮއިކުރައްވައި މިދިޔަ ހަފްތާގައި ފޮނުއްވި ޗިޓްގައި ވަނީ، އެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އެ ޗިޓުގައި ބުނީ:
-
މަރިޔަމް ޒުބައިރުއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ، މިދިޔަ މާޗު މަހު މާލޭގައި އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ "ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ ބުނެ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އޮންނަ ގޮތަށް" އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
-
މާޒް ސަލީމްއާ ގުޅޭ ގޮތުން ފުލުހުން ބަލަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކައަށް ތާއީދުކޮށް، "އެ ވާހަކަ ދެއްކުމަށް ހިތްވަރުދީ، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް" އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ
-
އެ ދެ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުންގެ "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށް" ހާޒިރުވުމަށް އަންގަން
ޗިޓްގައިވާ ގޮތުން، އެ ދެ މީހުން ހާޒިރުވުމަށް އަންގާފައި ވަނީ އިއްޔެ އެވެ.
"އިއްޔެ ހާޒިރުވުމަށް ޗިޓްގައި އޮތް ނަމަވެސް ފަހުން އަޅުގަނޑުމެންނަށް ގުޅުއްވާފައިވާ ކެންސަލްވި ކަމަށް އެންގި. އެ ބޭފުޅުން [ފުލުހުން] ވިދާޅުވީ، މިކަމާ ގުޅިގެން ހާޒިރުވުމަށް އަންގާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް،" 'ދައުރު'އާ ވާހަކަ ދައްކަވަމުން މާޒް މިއަދު ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް އެ ދެ ބޭފުޅުން މީގެ ކުރިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. އަދި ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން މަރިޔަމް ޒުބައިރު ހިމެނޭހެން ބައެއް ދައުވާތައް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.
އިތުރަށް ކިޔާލަން
ފައްޔާޒާއި މަރިޔަމަށް ދައުވާކޮށް މައްސަލަ ފެމިލީ ކޯޓަށް ވެސް
16 އޭޕްރީލު 2025
މަރިޔަމް ޒުބައިރުއާ ދެކޮޅަށް ސާޖިދާ ދައުވާ ކޮށްފި
19 މާރިޗު 2025
ދަރިފުޅަކީ ދުވަހަކު ވެސް ވޭޕް ބޭނުން ކުރި ކުއްޖެއް ނޫން: ސާޖިދާ
15 މާރިޗު 2025
ކޮމެންޓް (3)
އަސްލު
ސަލީމާ
ސިކުނޑި