މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ދަރިފުޅަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން: ސާޖިދާ

ވަކީލު ވިދާޅުވި ގޮތުގައި މި އަހަރު އުމުރުން 16 އަހަރު ފުރުނު އުމައިރުއަށް މި ކުރާ ތުހުމަތުތަކުގެ ސަބަބުން އެ ކުއްޖާގެ ފުރާނައަށް ވެސް ނުރައްކާވާ ހިސާބަށް ކަންކަން ވަނީ ގޮސްފައި

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަކީ ދުވަހަކު ވެސް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލް ކުރި ނުވަތަ ކުރާ ކުއްޖެއް ނޫން ކަމަށް އޭނާގެ މަންމަ އަދި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ތުހުމަތުކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާގެ ބަޔާނެއް ވަނީ އިއްވައިފަ އެވެ. އާއިލާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.

ސާޖިދާގެ ބަޔާނުގައި އުމައިރުއަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައިވެ އެވެ. 

ބުނީ ކީކޭ؟ - "އުމައިރުއަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްުތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނުނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމުގައި ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށް ޓަކައި ވަރަށް ސާބިތުކަމާ އެކު ދަންނަވަމެވެ." ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މިއަދު ނެރެއްވި ބަޔާނުގައި ވިދާޅުވި އެވެ.

ތަފްސީލު - އެ ތުހުމަތުތައް ކުރައްވަމުން ގެންދަވަނީ ފިރިކަލުން ރައިސް މުއިއްޒުއާ ސިޔާސީ ގޮތުން ހިޔާލުފާތު ފަރާތްތައްކަން ސާޖިދާ ފާހަގަ ކުރެއްވި އެވެ. އަދި އެކަމުގެ ސަބަބުން އުމައިރުގެ "ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތައް ކުރާނޭ ވާހަކަތައް ވެސް" ދަރިފުޅާ ގުޅުވައި ދައްކާފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"މިކަންތައްތަކުގެ ސަބަބުން އޭނާ[އުމައިރު]ގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރު ނުވާ ވަރުގެ ކަންތައްތަކަށް މަގުފަހިވެދާނެ ފުރުސަތުތަކަކަށް ދޮރު ހުޅުވިފައިވާކަން ކަންބޮޑުވުމާ އެކު ފާހަގަ ކުރަމެވެ." އެ ބަޔާނުގައި ސާޖިދާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ގެކޮޅު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާގެ ބަޔާން، އާޒިމާ އިއްވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އުމައިރުގެ އުމަރަކީ 16 އެވެ. އަދި ގާނޫނުއަސަސާސީ އާއި ގާނުނުތަކުން ރާއްޖޭގެ ކޮންމެ ކުޑަ ކުއްޖަކީ ވެސް ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް ކަމަށް ބަޔާނުގައި ވިދާޅުވި އެވެ. އުމައިރުގެ އިތުރުން އެންމެ ދޮށީ ދަރިފުޅަށާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ވެސް ސިޔާސީ ވާދަވެރިން ގާނާކޮށް ފުރައްސާރަ ކުރަމުންދާ ކަމަށާއި އެއީ ބަލައިގަންނަން އުދަނގޫ ކަމެއްގެ ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އެއާއެކު ސާޖިދާ ވިދާޅުވީ:

  • އޭނާގެ ފިރިކަލުން ރައިސް މުއިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކާއި ސިޔާސީ ވިސްނުމާ މެދު އެއްވެސް ބަޔަކު މިހާތަނަށް ދެއްކި ވާހަކައަކަށް އަދ ކިޔާފައިވާ ފާޑަކިޔުމަކަށް އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅު އަޅާފައި ނުވާނެކަމަށް

  • ނަމަވެސް އޭނާގެ ދަރިންނާއި ހާއްސަކޮށް 18 އަހަރު ނުފުރޭ ދަރިންނާ ދިމާކޮށް އެކުދިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުން މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް މިހާރު ގަސްތުކޮށްފިން

ބަޔާނަށް ފަހު، ވަކީލު އާޒިމާ ވިދާޅުވި ގޮތުގައި މިކަމުގައި މަދަނީ ދައުވާތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ.  އަދި މިކަންތައްތަކުގެ ސަބަބުން އުމައިރުގެ ސަލާމަތަށް ވެސް ނުރައްކާވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް (3)

ހޮޅި ޒުއްއިމު

15 މާރިޗު 2025
އަތައްގޮވީ.... އަތައްގޮވީ.
5 2

ކޮސް

15 މާރިޗު 2025
ކަމަކީ ރަނގަޅު ކަމެކޭ ނޫން. އެހެންނަމަވެސް ސާޖިދާ މެން ސިޔާސީ މައިދާނަށް ނިކުތްއިރު ހިތަށް އަރައިގެން ނުވާނެ ، ތިމާމެން ބޭނުންވާގޮތަކަށް ކަންކުރާއިރު، ރައްޔިތުން ތިބޭނެކަމަށް ހިމޭނުން. މިފަދަ ކަމެއްގައި މާރަނގުވާނެ ދޮގުވާހަކައެއްކަމުގައި ބުނެ ނިންމާލުން. މިހާރު ކަންކުރިގޮތުން ދަރިފުޅަށްވެސް އެދެވުނީ އިތުރު ގެއްލުމެއް. ގިނަ ބަޔަކު ޤަބޫލުކުރާނީ ޙަޤީޤަތެއްވީމަ ރުޅިގަދަވީކަމަށް. ރާއްޖޭގެ ސިޔާސީ ސައިކޮލޮޖީ ދަސްކޮށްގެން މުލިޔާގޭގައި އުޅެންވާނީ.
13 4

ސިކުނޑި

15 މާރިޗު 2025
ލޭޑީ ބުނަންތޯ ވާހަކައެއް! ތެޅުނު ވަރަކަށް ދާނީ ހުޅުނބު! މީހުންގެ އަނގައިގައި މަލަމެއް ނޭޅޭނެ! އެންމެން ޖަލަކަށްވެސް ނުލެވޭނެ! އިތުރު ލަފައެއް ނަސޭހަތެއް ބޭނުންނަމަ، ރައީސް މައުމޫނާ ބައްދަލުކޮށްލައްވާ!
12 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް