އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (ކ)، އެމްޑީޕީން ބާއްވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި؛ މަރިޔަމް ދެއްކެވި ވާހަކައެއް ކުށްވެރިކޮށް އިލެކްޝަންސުން ބަޔާނެއް ނެރުނު - (ފޮޓޯ/ އެމްޑީޕީ)

ރައީސްގެ ދަރިކަލަކަށް ތުހުމަތުކޮށް އެމްޑީޕީގެ މުޒާހަރާގައި ދެއްކި ވާހަކަ އީސީން ކުށްވެރިކޮށްފި

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ވާހަކަ ދެއްކެވީ ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ގުޅުވާފައި

ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، އެމްޑީޕީގެ މުޒާހަރާއެއްގައި ވާހަކަ ދެއްކެވި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުށްވެރިކޮށްފި އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ވާހަކަ ދެއްކެވީ ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައިފަ އެވެ.

ސޯޝަލް މިޑީއާގައި ސަރުކާރަށް ތާއީދުކުރާ ގިނަ މީހުން ދަނީ މަރިޔަމް ދެއްކި ވާހަކައަށް ފާޑުކިޔަމުންނެވެ.

ތަފްސީލް - އީސީން ރޭ ނެރުނު ބަޔާނުގައި ވެސް މަރިޔަމްގެ ވާހަކަތައް ކުށްވެރިކޮށް ބުނެފައިވަނީ އެމްޑީޕީން ބާއްވާ މުޒާހަރާގައި ކުޑަކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކުރާނެ ގޮތަށް ސާބިތު ނުހިފޭ ވާހަކަތައް ދެއްކުން އެ ކޮމިޝަނުން ކުށްވެރިކުރާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ވާހަކަތައް ދެއްކުމަށް އީސީން އިލްތިމާސްކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ވެސް އީސީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އެ ގޮތުން މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައިވެ އެވެ.

"ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަށް މި ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.

ފާހަގަކޮށްލެވޭ - އީސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ސޯޝަލް މިނިސްޓްރީން ވެސް ވަނީ ކުޑަކުދިންގެ ކާރާމާތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ވާހަކައެއް ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި ނުދެއްކުމަށް އިލްތިމާސްކޮށް ބަޔާން ނެރެފަ އެވެ.

ކޮމެންޓް (1)

ދޮގެއްތަ

14 މާރިޗު 2025
ދައުލަތް ދަންނަނީ ރައީސް (އިސްނޯކަރު) އެކަނި. އޭނަގެ އަންހެނުންނާ ދަރިން އެއީ ދައުލަތަކަށް މުހިއްމު ބައެއްނޫން، އެހެންވެ އެމީހުންނަށް މުސާރައެއް ނުދެނީ ވެސް، ދައުލަތަށް ބޭކާރު ބަޔަކަށްވާތީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް