މަރިޔަމް ޒުބައިރު، ސާދިޖާ އަދި ފައްޔާޒު

ދަރިކަލުންގެ ހައްގުގައި ސާޖިދާ، ފައްޔާޒު އާއި އެމްޑިޕީއާ ދެކޮޅަށް މަދަނީ ދައުވާކުރައްވަނީ

އެމްޑީޕީ މުޒާހަރާގައި ދަރިކަލުންނާ ބެހޭ ގޮތުން ވާހަކަ ދެއްކި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ވެސް ދައުވާކުރުން ހިމެނޭ

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުގެ ހައްގުގައި އޭނާގެ މަންމަ އަދި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އިދިކޮޅު އެމްޑީޕީ އަށާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ދައުވާ ކުރަން ނިންމަވައިފި އެވެ.

ވީ ކިިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ތުހުމަތުކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ.

އެކަމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލާގެ ފަރާތުން އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާގެ ބަޔާނެއް ވަނީ އިއްވައި، މިކަމާ ގުޅިގެން ފިޔަވަޅުަތަކެއް އެޅުމަށް ނިންމިކަން ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލު - އުމުރުން 16 އަހަރުގެ އުމައިރުއަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި، ސާޖިދާ ވިދާޅުވި ގޮތުގައި މިކަމަކީ ރައީސް މުއިއްޒުއާ ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކުން ކުރަމުންދާ މިފަދަ ކަންތަތަކުގެ ސަބަބުން ސަބަބުން އުމައިރުގެ ތައުލީމަށާއި އިޖުތިމާއީ ހެދިބޮޑުވުމަށްވެސް ވަރަށް ބޮޑު އަސަރެއް ކުރާނޭ ކަމަށެވެ. އަދި މީގެ ސަބަބުން އޭނާގެ ކަރާމަތަށާއި ރައްކާތެރިކަން ވެސް އުނިކަން އައިސްފައިވާކަން ފާހަގަކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ:

  • އޭނާގެ ފިރިމިހާ، ރައިސް މުއިއްޒުގެ ޒިންމާތަކުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކާއި ސިޔާސީ  ވިސްނުމާމެދު އެއްވެސް ބަޔަކު މިހާތަނަށް ދެއްކި ވާހަކައަކަށް އަދ ކިޔާފައިވާ ފާޑަކިޔުމަކަށް އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެ ފިޔަވަޅު އަޅާފައި ނުވާނެކަމަށް

  • ނަމަވެސް އޭނާގެ ދަރިންނާއި ހާއްސަކޮށް 18 އަހަރު ނުފުރޭ ދަރިންނާ ދިމާކޮށް އެކުދިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުން މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމަށް މިހާރު ގަސްތުކޮފިން

  • ގާނޫނުއަސާސީ އާއި ގާނުނުތަކުން ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީވެސް ރައްކާތެރިކަން ލިބިގެންވާ ކުއްޖެއް

"އެއީ، ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކު ފަދައިން އަޅުގަނޑުގެ އެންމެ ފުރަތަމަ އަދި އެންމެ އިސް ވާޖިބަކީ، އަޅުގަނޑުގެ ދަރިންކަމުގައިވާތީ އެވެ. އަދި ހަމައެއާއެކު ކުދިންގެ ރައްކާތެރިކަމާއި މުސްތަގުބަލު ކަށަވަރުކުރުމަކީ، އެ ކުދިންގެ ބައްޕައާއި އަޅުގަނޑުގެ ޒިންމާއަކަށްވީތީ އެވެ،" މިކަމުގައި ފިޔަވަޅު އަޅަން ނިންމި ސަބަބުން ހާމަ ކުރައްވައި ސާޖިދާ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އޭގެ އިތުރުން ސާޖިދާ ވިދާޅުވީ މިގޮތަށް މީހުންގެ ދަރިންނަށް ގަނާކުރުން އިތުރުވެފައިވާ ކަމަށާއި މި މިފިޔަވަޅު އަޅަނީ މުސްތުގުބަލުގައި ވެސް މިފަދަ މަގާމެއްގައި ތިބޭނެ ކުދިންގެ ރައްކާތެރިކަމަށް ޓަކައިވެސް ކުރަން ޖެހޭ ކަމެއް ކަމުގައިވާތީ ކަމަށެވެ.

"އަޅުގަނޑު މި ފިޔަވަޅުތައް މިއަޅަނީ، މި ކުދިންގެ މަންމަގެ ހައިސިއްޔަތުން އަޅުގަނޑުގެ ފަރުދީ ހައިސިއްޔަތުން، ސަރުކާރުގެ ބައިވެރިވުން އޮވެގެން ނޫން،" މިފިވަޅުތަކުގެ ތަފްސީލުތައް ވަކީލުންގެ ޓީމުން ދެއްވާނެ ކަން ފާހަގަކޮށް، ބަޔާނުގައި ވިދާޅުވި އެވެ.

ބަޔާނަށްފަހު ވަކީލު އާޒިމާ ވިދާޅުވީ މިހާތަނަށް ދައުވާ ކުރަން ނިންމާފައި ވަނީ، ފައްޔާޒު އާއި މަރިޔަމް ޒުބައިރު އަދި އެމްޑީޕީގެ މައްޗަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

  އާޒިމާ ވިދާޅުވީ:

  • މިކަމުގައި ޖިނާއީ ކަންތައްތަކެއް ވެސް ހިމެނޭ؛ އެއީ މިކަންކަމުގެ ސަބަބުން އުމައިރުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން މިހާރު ގޮއްސްފައިވާކަމަށް

  • ނަމަވެސް ސާޖިދާ ނިންމަފައިވަނީ މިކަމުގައި މަދަނީ ދައުވާތަކެއް ކުރުމަށް؛ ޖިނާއީ މައްސަލައެއްގެ ގޮތުގައި މިކަންތައް ބެލުމަށް މުއައްސަސާތަކުން ނިންމަވައިފި ނަމަ، އެއީ އެ މުއައްސަސާތަކުގެ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވަނީ

"އަޅުގަނޑުމެންގެ ފަރާތުން މިހާތަނަށް މައްސަލަ ހުށަހަޅަން ގަސްތުކޮށްފައި އޮތީ، މަރިޔަމް ޒުބައިރު [އާއި] ފައްޔާޒު އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް. އޭގެ އިތުރަށް އެއްވެސް ފަރާތަކަށް ފިޔަވަޅު ނާޅާނަމެކޭވެސް ނޫން. ގާނުނީ ވަކީލުން ދަނީ މައްސަލަ ދިރާސާ ކުރަމުން،" އާޒިމާ ވިދާޅުވި އެވެ.

އެ ދައުވާތަކާއި އެމީހުން ގާނޫނާ ހިލާފަށް ކުރިކަމަށް ބުނާ އަމަލުތަކުގެ ތަފްސީލުތައް މިވަގުތު ހާމަ ކުރުމަށް އާޒިމާ އުޒުރުވެވަޑައިގެންނެވި އެވެ. އެކަމުގެ ތަފްސިޅުތައް މައްސަލަ ކޯޓަށް ހުށަހެޅުމަށްފަހު، ދެއްވާނެ ކަމަށާއި މި ހަފްތާ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށްވެސް ވިދާޅުވި އެވެ.


ކޮމެންޓް (4)

އަލިބެ..

16 މާރިޗު 2025
ދޮނގުވާހަކަ ދައްކައިގެން މިރާއްޖޭގައި ދަޢުވާކުރާނަމަ ފުރަތަމަ ކުރަންޖެހޭނީ މިމީހާ އާއި ދެކޮޅަށް.
1 0

އަލި މަނިކު

16 މާރިޗު 2025
މިހާރު ޖުޑިޝަރީގެ ހާލަތު އޮތްގޮތަށް ބަލާއިރު ތިޔަ މައްސަލަ ނިމޭނެގޮތް ކުޑަކުއްޖަކަށް ވެސް ވަޒަންކޮށްލަން އެނގޭނެ.
2 0

ސިކުނޑި

15 މާރިޗު 2025
މުލީއާގެއަށް ވަންނަންވާނީ އަމަޔާވެސް ބެހޭނެކަން އެނގި ހުރެ! އެހާ ގަޓު ހުުންނަ މީހުން! މަގުމަތިން މީހަކު ބާރަށް ކެއްސާލާއިރަށް ރޮވޭވަރު މީހުންނަކަށް ކެތެއްނުވާނެ! ދައުވާ ކުރަންޏާ ރައްޔިތުންގެ ހައްގުގައި ފިރިކަލުންނަށްވެސް ދައުވާކޮށްދީ! ކިތައް ދޮގު ހަދައިފި؟؟
14 4

ޙާން

15 މާރިޗު 2025
@ސިކުނޑި 100 ގެ ވާހަކަ
6 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް