ރައީސް މުހައްމަދު މުއިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ.

ބަޔާނަކުން ނުފުދޭ، އަޅަންވީ އެންމެ ހަރުކަށި ފިޔަވަޅު: އަބްދުއްރަހީމް

އެމްޑީޕީގެ މުޒާހަރާއެއްގައި ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ވަނީ ވާހަކަ ދައްކާފައި. އެކަން ކުށްވެރިކޮށް އިލެކްޝަންސް ކޮމިޝަނުން ބަޔާނެއް ނެރެފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށް.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީއިން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކުގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކެއް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވަނީ ކުށްވެރިކޮށްފަ އެވެ.

ކޮމިޝަންތަކުން ބަޔާން ނެރުނީ އެމްޑީޕީއިން ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު، ސަރުކާރުން ވޭޕް މަނާކުރުމާއި ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ދެއްކި ވާހަކަތަކަކަށް ފަހު އެވެ.

އަބްދުއްރަހީމް އެކްސް ޕޯސްޓެއްގައި އެމްޑީޕީގެ ނަން ނުގެންނަވައި ގޮވާލެއްވީ ޒާތީ ސިޔާސީ ވާދަވެރިކަމުގައި ކުދިންގެ ހައްގުތަކަށް އަރައިގަންނަ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

ބުނީ ކީކޭ؟ - "ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ގޮވައިލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމައެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެ ފަދަ ކަންކަން ތަކުރާރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން އެބަޖެހޭ."

ގުޅުންހުރި ކަމެއް - ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިހުތިޖާޖުގައި ދެއްކި ވާހަކަތަކާ ގުޅިގެން އިލެކްޝަނާއި އެޗުއާރުސީއެމްއިން ބަޔާންތަކެއް ނެރެފައިވާއިރު، އެމްޑީޕީއިން ވަނީ އެއީ ރައީސްގެ މަސްލަހަތުގައި ނެރުނު ސިޔާސީ ބަޔާންތަކެއް ކަމަށް ސިފަކޮށް، އެ ބަޔާންތައް ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް (3)

ކިރަމަންސަ

15 މާރިޗު 2025
ރައީސް ނަޝީދާ ލައިލާ އަލީ އަކީ ހާދަ ކެތްތެރި ދެމީހުނޭ. އެމީހުންގެވެސް ތިބީ ދަރިން. އޭރު ކޮމިޝަނެއްވެސް ގައުމުގަ ނެތީބާ؟ ވަކި ބައެއްގެބާ
0 0

ސިކުނޑި

15 މާރިޗު 2025
މީހުން ކިޔާފަ ހުންނަ ހަގީގަތާއި ޚިލާފުވާހަކަތަކާއި ބޭއަދަބީ ބަސްތަކާއި އަބުރަށް އަރައިގަތުމަށް ދައުވާ ކުރާނަމަ، އަބްދުއްރަހީމަށްވެސް ލައްކަ ދައުވާ ކުރަން އޮންނާނެ! މީހުން އެއްޗެހި ކިޔާނެ! އަހަރުންވެސް ކުރިން ގަބޫލު ނުކުރަން ވޭޕް މަނާކުރީ ދަރި ބޯތީކަމަކަށް، އެކަމަކު މިހާރު ޔަގީންވެއްޖެ!
1 0

ފުކެއް ބޮޑުވަރު

15 މާރިޗު 2025
ދޮގަކީ އެއްވެސް ކަމަކަށް ނުވާވަރައް ޑރ ރައީސް އެބަ ދޮގުހަދާ. އެހެންވީމަ ދޮގުހަދާމީހާއައް ހިއްވަރުދިނުމުގެ އިނާމެއް ހުށަހަޅަންފެންނަނީ، ވެރިމީހާގެ ސިފަތައް ދިރުވާ އާލާކުރާތީ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް