އެމްޑީޕީން ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގެ ތެރެއިން. (ފޮޓޯ/އެމްޑީޕީ)

އެޗްއާރުސީއެމް

އެއްވެ އުޅޭއިރު ހައްގުތަކަށް އަރައިނުގަތުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފި

ސުލްހަވެރިކޮށް ބާއްވާ އެއްވުންތައް ބޭއްވުމަށް ފުރުސަތު ދީ، އެއްވުންތައް ރޫޅާލަން ޖެހިއްޖެ ނަމަ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އެޗްއާރުސީއެމުން އިލްތިމާސްކޮށްފައިވޭ

އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުން ހިފާއިރު، އެއް ބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައިނުގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު އެމްޑީޕީން މާލޭގައި ބާއްވަމުންދާ އެއްވުންތައް އެޗްއާރުސީއެމުން ބަލަމުން އަންނަކަން ހާމަކޮށް މިރޭ ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ވަނީ، އެއްވެ އުޅުމުގެ ހައްގު ގާނޫނީ އިމުގެ ތެރެއިން ފަހިކޮށްދިނުމަށް ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް ގޮވާލައިފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެހެން މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދޭން ވެސް ވަނީ ގޮވާލައިފަ އެވެ. އަދި މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް އެޗްއާރުސީއެމުން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.

މުޒާހަރާގެ ތެރެއިން އެޗްއާރުސީއެމްގެ މޮނިޓަރިންނަށް ފާހަގަވި ކަންތައްތައް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:

  • ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް މުހާތަބުކޮށްފައިވޭ

  • މިއީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން

  • މިފަދަ ކަންތައް ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފައިވޭ

އެޗްއާރުސީއެމުން ބުނީ އެމްޑީޕީގެ މުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެ ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މީގެ އިތުރުން، މުޒާހަރާގެ ބައިވެރިން އަޑުގަދަ ކުރާ ބޭނުންކޮށް މާލޭގެ މަތުތަކާއި ގްރީން ޒޯނު ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ސަރަހައްދުތަކަށް ވަނުމަށް މަސައްކަތް ކުރުމުން އެކަން ސަލާމަތީ ބާރުތަކުން ހުއްޓުވާފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެޗްއާރުސީއެމުން ވަނީ އެއްވެ އުޅޭއިރު ޓްރެފިކަށް ދަތި ނުވާނެހެން މުޒާހަރާތައް ރޭވުމަށް އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، މުޒާހަރާ ކުރާއިރު ސުލްހަވެރިކަން އިސްކޮށް، މަގުތައް ބޭނުންކުރާ މީހުންނަށް ދަތިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ސުލްހަވެރިކޮށް ބާއްވާ އެއްވުންތައް ބޭއްވުމަށް ފުރުސަތު ދީ، އެއްވުންތައް ރޫޅާލަން ޖެހިއްޖެ ނަމަ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް ވެސް އެޗްއާރުސީއެމުން ވަނީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް