މަރިޔަމް ޒުބައިރު ފުލުހަށް ހާޒިރުވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަނީ(ފޮޓޯ/އެމްޑީޕީ)

މަރިޔަމް ޒުބައިރުއާ ދެކޮޅަށް ކުރާ މަދަނީ ދައުވާގެ މައްސަލަ ސާޖިދާ ކޯޓަށް ހުށަހަޅުއްވައިފި

ދައުވާކުރީ މަރިޔަމް ޒުބައިރުގެ ވާހަކަތަކުގެ ސަބަބުން ދަރިކަނލުންގެ ފުރާނައަށް ނުރައްކާވެދޭނެފަދަ ހާލަތެއް ކުރިމަތިކޮށްފައިވާތީ އާއި އަނބުރު ނަގާލާފައިވާ ކަމަށް ބުނެ

އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރޭ ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަނލުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ބުނެ، އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާ ދެކޮޅަށް ކުރާ މަދަނީ ދައުވާގެ މައްސަލަ ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިވިލް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ވީ ކިިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަރިޔަމް ޒުބައިރު ތުހުމަތުކުރި މައްސަލާގައި މަދަނީ ދައުވާކުރާނެކަން މީގެ ކުރިން ސާޖިދާ ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލާގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެ މައްސަލަ މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ތަފްސީލް - މަދަނީ ދައުވާގެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވައި، އާޒިމާގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ މައްސަލާގައި މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމަތް ނަގާލާފައިވާތީ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަނބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ ކަމަށެވެ.

އެގޮތުން ބުނީ:

  • ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަނލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ދަރިކަނލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް ކުރިމަތިކުރުވާފައިވޭ

  • ދަރިކަނލުންގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް ކުރިމަތިކޮށްފައިވޭ

ގުޅުންހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާ އިރު، ރައީސްގެ ދަރިކަނލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.

އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

19 މާރިޗު 2025
ސާޖިދާގެ ދަރިއަށް 18 އަހަރު ނުވޭތޯ؟ ޔަގީނޭ މަރިޔަމް ޒުބައިރު ބުނާނެ ތިމަންނާ ދެއްކީ ބޮޑު ދަރީގެ ވާހަކައޭ! މިކަހަލަ ތާކުންތާކު ނުޖެހޭ، މައްސަލަތައް ފެންމަތި ކުރުވީމާ ހަގީގަތުގައިވެސް އެކުދިންނަށް ކުރާ އަސަރު މާ ބޮޑުވާނެ! ދެން އެއްޗެހިވެސް ކިޔާނެ ހަޖޫވެސް ޖަހާނެ! އެހެނެއްކަމަކު، ސާޖިދާގެ ދަރިއޭ ކިޔާ ކޮންމެ މީހަކު ޖަލަކަށްވެސް ނުލެވޭނެ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް