މުލިއާގޭގެ ގޯތިތެރޭގައި ރައީސް މުއިއްޒު (ކ)، އަނބިކަނބަލުން ސާޖިދާ (ވ) އަދި ދެ ދަރިކަލުން: ދަރިކަލުންނަށް ނިސްބަތްކޮށް އިދިކޮޅުން ދެއްކި ވާހަކަތަކުގެ މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފި. (ފޮޓޯ/ ރައީސް އޮފީސް)

ފައްޔާޒާއި މަރިޔަމް ޒުބައިރަށް ދައުވާކޮށް ފެމިލީ ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފި

ދައުވާކުރީ މަރިޔަމް ޒުބައިރުގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް ކުރިމަތިކޮށްފައިވާތީ އާއި އަނބުރު ނަގާލާފައިވާ ކަމަށް ބުނެ
16 އޭޕްރީލު 2025

ރައީސް މުހައްމަދު މުއިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަރިޔަމް ޒުބައިރު ތުހުމަތުކުރި މައްސަލާގައި މަދަނީ ދައުވާކުރައްވާނެ ކަމަށް، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން 19 މާޗުގައި ސާޖިދާގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ މަރިޔަމް ޒުބައިރާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް މަދަނީ ދައުވާކޮށް ސިވިލް ކޯޓަށް އެ ދުވަހު މައްސަލަ ހުށަހެޅި ކަމަށެވެ.

ތަފްސީލް - އާޒިމާ މިއަދު އިތުރު ބަޔާނެއް ނެރުއްވައި މަރިޔަމް ޒުބައިރާއި ފައްޔާޒަށް ދައުވާކޮށް ފެމިލީ ކޯޓަށް ވެސް މައްސަލައެއް ހުށަހަޅާފައިވާކަން ހާމަކުރެއްވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި، ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅުއްވީ:

  • ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ބުނެ

  • ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއިން ކަށާވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާތީ

ގުޅުން ހުރި ކަމެއް - މަރިޔަމް ޒުބައިރުގެ މައްޗަށް ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، ރައީސްގެ ދަރިކަލުންގެ ކަރާމަތް ނަގާލީ ކުއްޖާގެ މަންމަ ކަމަށް ބުނެ، އެމްޑީޕީން ވަނީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ނިންމައިފަ އެވެ.

އެމްޑީޕީން ބުނީ މަރިޔަމް ޒުބައިރު ވާހަކަ ދެއްކީ ވަކި ކުއްޖަކަށް ނިސްބަތްކޮށް ނޫން ކަމަށާއި ކުއްޖާގެ ޒާތީ މައުލޫމާތުތައް ހާމަކުރީ ސާޖިދާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް