ގެއްލިގެން ހޯދަމުން އަންނަ މުޝްފިގް.

މުޝްފިގުގެ މަރު ސާބިތުބުކުރަން އަދި ބޭއްވީ 1 އަޑުއެހުން؛ މި ހުކުރަކަށް ނުނިމޭނެ: ކައުންސިލް

ކައުންސިލުން މިހާރު ތައްޔާރުވަމުންދަނީ އަންނަ ހަފްތާގެ ހުކުރަށް ކަށުނަމާދު ބެއްވޭތޯ

ތ. އަތޮޅުގައި ދުއްވާ 'ހޮޅުދޫ ބޯޓު'ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ކަނޑަށް ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު ޝަރީފްގެ މަރު ސާބިތުކުރަން އަދި ބޭއްވީ އެއް އަޑުއެހުން ކަމަށާއި މި ހުކުރަށް ކަށުނަމާދު ބޭއްވޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި މަހު 2 ވަނަ ދުވަހުގެ ރޭ މުޝްފިގް، 25، ގެއްލުނީ ޗުއްޓީއަށް ފަހު، ތ. އަތޮޅުން މާލެ އައުމަށް ކުރި ދަތުރުގަ އެވެ. އެ ހާދިސާއަށް ހަފްތާއެއް ފަހުން މުޝްފިގް ހޯދާ ނުފެނުމުން އޭނާގެ ކަށުނަމާދު  ހުކުރަށް ފަހު ކުރުމަށް ނިންމި ނަަމަވެސް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ލަފައާ އެކު ފަހުން މަޑުޖައްސާލި އެވެ.

ތަފްސީލު - އާއިލާއާ ވާހަކަ ދައްކައިގެން ކަށުނަމާދު މަޑު ޖައްސާލީ އޭނާ މަރު ސާބިތު ކުރުމަށް ޝަރީއަތުން ގޮތެއް ކަނޑައެޅުމަށެވެ. އެހެންވެ އެ މައްސަލަ މާވަށު ކޯޓުން މިހާރު އަންނަނީ ބަލަމުންނެވެ.

އެ ޝަރީއަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މާވަށު ކައުންސިލްެގެ ރައީސް އަހްމަދު މޫސާ މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • މިހާތަނަށް އެ ކޯޓުން ބޭއްވީ އެކަމާ ގުޅޭ ގޮތުން އެއް އަޑުއެހުން

  • އިއްޔެ ބޭއްވި އެ އަޑުއެހުމުގައި އާއިލާ އާއި ބޯޓުން ދަތުރު ކުރި މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވޭ

  • މިއަދު އިތުރު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތް އެބަކުރޭ؛ ނަމަވެސް މި ހުކުރަށް ޝަރީއަތުން ގޮތެއް ނިމިދާނެ ކަމަކަށް ލަފައެއްނުކުރެވޭ

  • މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެންޑީއެފް އަދި ކަމާ ގުޅުން ހުރި ދައުލަތުގެ މުއައްސަސާތަކާ އަދި ސުވާލެއް ނުކުރޭ

"އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ މި ހަފްތާގައި [މި ހުކުރަށް] ކަށުނަމާދު ނުބެއްވޭނެ ކަމަށް. އިސްލާމިކް މިނިސްޓްރީން އިތުރު ގޮތެއް ނާންގާ ހިނދެއްގައި، ޝަރީއަތުން ގޮތެއް ނިމުމުން އަޅުގަނޑުމެން ތައްޔާރު ވަމުން މިދަނީ އަންނަ ހަފްތާއަށް ކަށުނަމާދު ބޭއްވުމަށް،" އަހްމަދު މޫސާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް