ރޭ ބޯޓެއްގައި ރޯވެ ހިނގި ކަނޑުމަތީ ހާދިސާއަށްފަހު، ގެއްލިގެން ހޯދަމުން އަންނަ މުޝްފިގް.
މުޝްފިގުގެ ލައިފް ޖެކެޓް މީހަކު ޖަހައިގަތީ؛ ސަލާމަތްކުރަން ކޮއްކޮ ގަދަ ހިތްވަރުކުރި
އެއީ ނަމޫނާ އަހުލާގެއްގެ ޒުވާނެކެވެ. ހުނަރުން ފުރިފައިވާ ތައުލިމީ ދަރިއެކެވެ. އޭނާގެ ހިތުގައި ދީނީ ކަންކަމަށް އޮތީ ހާއްސަ ޝައުގުވެރިކަމެކެވެ. ރީޗަށް ގުރުއާން ކިޔެވި އިމާކެވެ. ރަށަށް އެތައް ރީތި ވަނަތަކެއް އެ ރޮނގުން ހޯދައިދިނެވެ. މިއީ މާލެ ދަތުރުކުރަމުން ދިޔަ "ހޮޅުދޫ ބޯޓު" ގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކަނޑަށް ގެއްލުނު އަލީ މުޝްފިގް ސިފަކުރަން ލ. މާވަށުގެ މީހުން ބޭނުންކުރި ބަސްތަކެވެ.
"މުޝްފިގަށްޓަކައި މާވަށު ކޮންމެ ރައްޔިތަކު ވެސް ހަގީގަތުގައި މިއަދު ކަރުނަ އަޅާ ރޯނެ. ވަރަށް ބޮޑު އެސެޓެއް އަދި ވަރަށް ބޭނުންތެރި ކުއްޖެއް މާވަށަށް ގެއްލިގެން އެ ދިޔައީ،" ލ. މާވަށު ކައުސިލް ރައީސް އަހުމަދު މޫސާ ވިދާޅުވި އެވެ.
ތ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ" ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގިއިރު 18 މީހުން ދަތުރުކުރަމުން ދިޔަ އެވެ. އެ ބޯޓު އެއްކޮށް އަނދައި ހުލިވެ މިހާރު ވަނީ އަޑިއަށް ގޮސްފަ އެވެ. ބޯޓުގައި ރޯވުމާ އެކު އެންމެން ކަހަލަ ގޮތަށް ލައިފްޖެކެޓް އަޅައި، ކަނޑަށް ފުންމާލި އެވެ. ސަލާމަތް ނުކުރެވި ހޯދަމުންދަނީ، އުމުރުން 25 އަހަރުގެ މުޝްފިގް އެކަންޏެވެ.
މޫސަ ފާހަގަކުރެއްވި ގޮތުގައި މި ހާދިސާގައި ލިބުނު މާލީ ގެއްލުމަށް ވުރެ އެންމެ ބޮޑު ހިތާމައަކީ ރަށުގެ ތައުލީމީ ދަރިއެއް ގެއްލިގެން ދިޔުމެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ އެ ރަށަށް "ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެ"ވެ.
"މުޅި ކައުންސިލް އަދި މުޅި ރަށުގެ ރައްޔިތުން ވެސް މިތިބީ ވަރަށް ބޮޑު ހިތާމައެއްގައި މުޝްފިގް ގެއްލުމުން. މާލީ ގޮތުން ލިބުނު ގެއްލުމަކީ އެހާ ބޮޑަށް ވިސްނާ ކަމެއް ނޫން. އެކަމަކު މުޝްފިގް ގެއްލުމަކީ، މާވަށަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް،" މޫސަ ވިދާޅުވި އެވެ.
"އޭނާއަކީ ރަށަށް އެތައް ރީތި ނަމެއް ހޯދައިދީ އަދި ރަށަށް އޭނާގެ ބޭނުން އެންމެ ބޮޑަށް ޖެހޭ ކޮންމެ ވަގުތެއްގައި [އެކަމެއް ކޮށްދޭ ޒުވާނެއް]."
ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގައި ވަޒީފާ އަދާކުރާ މުޝްފިގް ރަށަށް ދިޔައީ ރޯދަ މަހުގެ ފަހު 10ގެ ޗުއްޓީއަށެވެ. ރޯދައަށް ރަށަށް ގޮސް ބައެއް މިސްކިތްތަކުގައި އިމާމުވެ މުޝްފިގް ނަމާދު ވެސް ކުރި އެވެ. ބައެއް ރޭރޭ އޭނާ ދަމު ނަމާދު ވެސް އިމާމުވެ ކުރި އެވެ. މުޝްފިގްގެ ބައްޕަ މުހައްމަދު ޝަރީފްއަކީ، އެރަށު އެންމެ ބޮޑު މިސްކިތުގެ އިމާމެވެ.
"ހީބިހިނަގާހާ ރީތިކޮށް ގުރުއާން ކިޔަވާނެ. ދިގުކޮށް ކިޔަވާއިރު ވެސް ރީތިކަމުން ނޭނގޭނެ ނަމާދު ދިގު ކަމެއް ވެސް. އެހާ ވެސް މީހުންނަށް ހިތްހަމަޖެހުން ލިބޭ މުޝްފިގުގެ ކިޔެވުން. ހަމަ ފަހުރުވެރި ދަރިއެއް އެއީ،" މުޝްފިގް ނިސްބަވްތާ އާއިލާއަކީ ވެސް ފަހުރުވެރި އާއިލާއެއްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވި އެވެ.
މުޝްފިގުގެ ލައިފް ޖެކެޓް އެހެން މީހެއް ޖަހައިގަތީ
ރޯދަ އާއި އީދުގެ ޗުއްޓީއަށް ފަހު އެނބުރި މާލެ އަންނަން މުޝްފިގު ފެށި ދަތުރުގައި އޭނާގެ އެއްބަޑު އެއްބަފާ ކޮއްކޮ އަހުމަދު މިންޝާވީ ޝަރީފް ވެސް ބައިވެރިވި އެވެ.
ބޯޓުގެ ބައެއް އިސް މީހުންނާއި ދަތުރު ކުރި ބައެއް މީހުން އަދި އާއިލާގެ މީހުންނާ ހަވާލާދީ މޫސަ އެ ހާދިސާ ހިނގި ގޮތް ކިޔައިދެއްވަމުން ވިދާޅުވި ގޮތުގައި އަލިފާން ރޯވުމާ އެކު މުޅި ބޯޓަށް އަލިފާންގަނޑު ފެތުރެން ނެގީ ވަރަށް ކުޑަ ވަގުތުކޮޅެވެ. އެންމެން ކަހަލަ ގޮތަކަށް ލައިފް ޖެކެޓް އަޅައިގެން ބެލީ ވީހާ ވެސް އަވަހަކަށް ކަނޑައަށް ފުންމާލެވޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫސުން ވެސް ވަރަށް ރީތި، ނިޔާމަ ދަތުރަކަށް ނިޔަތް ގަނެގެން ފެށީ. އެކަމަކު ހިރިލަންދޫން ފުރިތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓް ތެރޭ އެކަން މުޅިން ބަދަލުވީ. ކައްޕި ބުނާ ގޮތުން ޖެނެރޭޓަރަށް ދިމާވި މައްސަލައަކާ އެކު އަލިފާން ރޯވިތާ ދެ މިނެޓް [ނުވަތަ] ތިން މިނެޓު ތެރޭ މުޅި ބޯޓުގައި އަލިފާން ހިފައިފި،" މުސާ ވިދާޅުވި އެވެ.
އެއާ އެކު މުޝްފިގާއި އޭނާގެ ކޮއްކޮ މިންޝާވީ ވެސް ބެލީ ލައިފް ޖެކެޓް އަޅައިގެން ވީހާ ވެސް އަވަހަކަށް ކަނޑަށް ފުންމާލެވޭތޯ އެވެ. މުޝްފިގަށް ލައިފް ޖެކެޓެއް ހޯދައިގެން ގެނެސްދިނީ ވެސް ކޮއްކޮ ކަމަށް މޫސަ ވިދާޅުވި އެވެ.
"މުޝްފިގު ބޮލުގައި ލައިފް ޖެކެޓް ނޭޅެނީސް ބޯޓުގެ އެހެން މީހަކު އެ ނެގީ ކަމަށް ބުނަނީ. ކޮއްކޮއަކަށް ވެސް ނޭނގެ އެއީ ކާކު ކަމެއް. ދެން ވަގުތު ވެސް އެހާ ކުޑަވީމަ ދެބެެއިން އެކީގައި ފުންމާލީ އަތުގައި ހިފައިގެން. ކޮއްކޮ ވަރަށް ބޮޑަށް މަސައްކަތް ކުރި ދޮންބެ [މުޝްފިގް] ސަލާމަތް ކުރަން،" މޫސަ ވިދާޅުވި އެވެ.
މުޝްފިގަކީ ވެސް ކަނޑުމައްޗަށް އެހާ ފަރިތަ މީހެއް ނޫންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވި ގޮތުގައި ދެބެއިންގެ ތަޖުރިބާ ކުޑަވުމުން އެވަގުތު ފުންމާލެވުނީ ވެސް ބޯޓުގެ ވައި ދަށް ފަރާތަށެވެ. ރޯވެފައި އޮތް ވައި ދަށް ފަރާތަށް ފުންމާލުމުން އެވަގުތު ދެބެއިން އެކީގައި ސަލާމަތްވުމަކީ ވެސް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ.
"މުޝްފިގަށް ފަތާކަށް ނޭނގެ، އެހެންވެ އޭނާއަށް މައްޗަށް ނޭރުނު. ކޮއްކޮ އޭނާގެ އަތުގައި ހިފައި މައްޗަށް ނެގި. އޭރު ކޮއްކޮއަށް ވެސް ވަރަށް ބޮޑަށް ލޮނު ބޮވިފައި ހުރީ. ބޭބެ އޮތީ ކޮއްކޮ ގައިގައި ހިފައިގެން. އޭރު ކޮއްކޮ ވަރަށް ބޮޑަށް މަސައްކަތް ކުރި ދޮންބެ އަތަށް ލައިފް ޖެކެޓް ދޭން. އެކަމަކު ވަކި ހިސާބަކުން ކޮއްކޮށް ދޮންބެ ގެއްލުނީ،" މޫސަ ވިދާޅުވި އެވެ.
ބޯޓުން ސަލާމަތް ކުރި 17 މީހުން މިވަގުތު ތިބީ މާވަށުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި ހަތް ބިދޭސީންނެވެ.
މޫސަ ފަހަގަކުރެއްވި ގޮތުގައި އެއަދަށް ވެސް މީހުން ސަލާމަތް ކުރެވުނީ، ކައިރި ރަށްތަކުގެ ލޯންޗުތަކުން މާ ގިނަ އިރުތަކެއް ނުވެ އެތަނަށް ގޮސް އެހީތެރިވެ އެ މީހުން ނެގުމުންނެވެ.
ބޯޓުގައި ރޯވުން
މީގެ އަށް އަހަރު ކުރިން މާޗް 2016ގައި ވެސް ހޮޅުދޫ ބޯޓުގެ އިންޖީނަށް މައްސަަލައެއް ދިމާވެ، ކަނޑު މެދަށް ހުއްޓުނެވެ. މާލޭގެ އުތުރުން 17 މޭލު ބޭރުން އެ ބޯޓު އޭރު ދަތުރު ކުރީ 100އެއްހާ މީހުންނާ އެކު އެވެ. އެފަހަރު އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި، ދަތުރުގެ އެންމެހާ ބައިވެރިން ސަލާމަތުން މާލެ ގެނަ އެވެ.