'ހޮޅުދޫ ބޯޓު'ގައި ރޯވި އަލިފާންގަނޑު ނިއްވާލަން ފެން ޖަހަނީ.

ރޯވެ އެނދި ބޯޓު އަޑިއަށް ހިނގައްޖެ؛ ގެއްލުނު ޒުވާނާ ހޯދަނީ

'ހޮޅުދޫ ބޯޓު'ގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ރޭ 9:07 ހާއިރު؛ އެ ބޯޓުން ދަތުރުކުރަނިކޮށް ގެއްލުނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު ޝަރީފް
3 އޭޕްރީލު 2025

އަލިފާން ރޯވެ، އެނދި 'ހޮޅުދޫ ބޯޓު' ކިޔާ މުދާ އުފުލާ ބޯޓު ރޭ ދަންވަރު އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ބޯޓުން ދަތުރުކުރި މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ހޮޅުދޫ ބޯޓު'ގައި ރޯވީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް ރޭ 9:07 ހާއިރު އެވެ. އެ ބޯޓުން ދަތުރުކުރަނިކޮށް ގެއްލުނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު ޝަރީފް، 25، އެވެ.

ތަފްސީލް - އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 'ހޮޅުދޫ ބޯޓު' ދަންވަރު 2:07 ހާއިރު އެ ސަރަހައްދަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

"ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަން. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސްކުރަން،" އެމްއެންޑީއެފްގެ މެސެޖުގައިވެ އެވެ.

މީގެ އިތުރުން، އެމްއެންޑީއެފުން ބުނީ މުޝްފިގް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ޑްރޯން ވެސް ހަރަކާތްތެރިވާކަން އެމްއެންޑީއެފުން ފާހަގަކުރި އެވެ.

ގެއްލިގެން ހޯދަމުން އަންނަ މުޝްފިގް.

އެމްއެންޑީއެފުން ބުނީ:

  • ބޯޓުން ދަތުރު ކުރަމުން ދިޔައީ ކެޕްޓަނާ އެކު 18 މީހުން

  • 17 މީހުން ވަނީ ސަލާމަތްކޮށްފައި

  • ނުފެންނަނީ މުޝްފިގް

'ހޮޅުދޫ ބޯޓު'ގައި އަލިފާން ރޯވެފައި

ފާހަގަކޮށްލެވޭ - 'ދައުރު'އާ ވާހަކަދައްކަވަމުން ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ރޭ ވިދާޅުވީ އެ ބޯޯޓުގައި އަލިފާން ރޯވީ ކަނޑޫދުއަށް ވަދެ މުދާ އަރުވައިގެން ހިރިލަންދުއަށް ގޮސް، އެ ރަށުން ފުރި ފަހުން ކަމަށެވެ.

އެ ބޯޓުގައި ކިހާ މުދަލެއް ހުރި ކަމެއް އަދި އަލިފާން ރޯވި ސަބަބެއް ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް