އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު 'ދައުރު' އަށް އިންޓަވިއުއެއް ދެއްވަނީ: (ދައުރު ފޮޓޯ)

ޝަރީއަތަކުން މަރުވީކަމަށް ނުނިންމައި މުޝްފިގުގެ މައްޗަށް ކަށުނަމާދު ނުކުރެވޭނެ: ޝަހީމް

ލ. މާވަށު އަލީ މުޝްފިގު އަދިވެސް ނުފެންނަ އިރު މާދަމާ ހުކުރު ނަމާދަށް ފަހު ގައިބުގައި ކަށު ނަމާދު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައި؛ އެކަމަކު ކަށު ނަމާދު ކުރެވޭނީ އެ ހާލަތުގައި އެ މީހަކު މަރުވީ ކަމަށް ގާޒީއަކު ކަނޑައަޅައިގެން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި

ގެއްލުނު މީހަކު މަރުވީ ކަމަށް ކަނޑައަޅަން ވާނީ ޝަރީއަތުން ކަމަށާއި އެ މީހާގެ މައްޗަށް ކަށު ނަމާދު ކުރެވޭނީ ގާޒީއަކު އެ ގޮތަށް ނިންމުމުން ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީގެ ހަފުތާއެއް ކުރިން އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓު'ން ގެއްލުނު ލ. މާވަށު އަލީ މުޝްފިގު މަރުވީ ކަމަށް ބަލާފައި އާއިލާގެ އެދުމުގެ މަތިން މާދަމާ ހުކުރު ނަމާދަށް ފަހު ކަށު ނަމާދު ކުރުމަށް ރަށު ކައުންސިލުން ވަނީ ނިންމައިފަ އެވެ.

ބުނީ ކީކޭ؟ - އެ ކަމާ ގުޅިގެން މިނިސްޓަރު ޝަހީމް ފޭސްބުކްގައި ލިޔުއްވީ މި ކަމުގައި ގާޒީގެ ޙުކުމެއް އޮންނަން ޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުއީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވާތީ ކަމަށެވެ.

މިސާލެއްގެ ގޮތން މިނިސްޓަރު ފާހަގަ ކުރެއްވި ކަންކަމަކީ، އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމަށްވެ، ދަރީން ތިބި މީހަކު ކަމަށްވެ، ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވިއްޔާ އޭނާ ވަނީ އެ މީހުންގެ ވާރުތަވެރިއަކަށެވެ.

"މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މި ހުރިހާ ކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެ، ވަރަށް ބޮޑެތި ބަދަލުތައް އަންނާނެ،" މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރު ކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

"ގާޒީއަކު އޭނާ މަރުވީ ކަމަށް ކަނޑައަޅައިފިނަމަ އޭނާގެ މައްޗަށް ކަށުނަމާދު ކުރުން ހުއްދަ ވާނެ. ގާޒީގެ މި ހުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ސައްހަވާނެ."

އެހެންކަމުން މުޝްފިގުގެ މައްޗަށް ވެސް ކަށު ނަމާދު ކުރެވޭނީ ގާޒީއަކު ގޮތް ނިންމައިގެން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"ގާޒީ ގޮތް ނިންމާނީ ގެއްލުނު ހާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަ ފަރާތް ބެލުމަށް ފަހު. ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ގާޒީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެ. އަދި އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ހުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަން ވެސް ޝަހީމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ގާޒީއަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ޝަހީމް ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓް (2)

ސިކުނޑި

10 އޭޕްރީލު 2025
މިކަމުގައި ދިމާވާނީ ދެ ހާލަތެއް! އެމީހާ މަރުވެގެން ދިއުން! ނުވަތަ، ދިރިހުއްޓާ ފަހުން ފެނުން! ޝަރުއީ ހުކުމެއް އޮތަސް އެފަދަ ހާލަތެއްގައި ނަތީޖާއަކަށް ބަދަލެއް ނާންނާނެ! ހުކުމަކުން ދިރިހުރުމުގެ ހައްގު ނިގުޅަައެއް ނުގަނެވޭނެ! ރަނގަޅު ގޮތަކީ، އިންސާނީ ބުއްދިއަށް ވިސްނައިގެން މިފަދަ ކަންކަމުގައި ޢަމަލު ކުރުން!
1 0

ކޮންމެސް މީހެއް

10 އޭޕްރީލު 2025
އެންމެ ރަނގަޅު ގޮތް ކަމަށް ޖުމްހޫރުން އިއްތިފާޤުވަނީ 40 ދުވަސް ވަންދެން ހޯދަން މަސައްކަތް ކުރުމަށްފަހު ދެން ކަށުނަމާދު (ޣައިބަށް) ކުރުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް