މުޝްފިގް: ކޯޓުން މަރު ސާބިތުކުރުމަށްފަހު ކަށުނަމާދު ކުރުމަށްޓަކައި އޭނާގެ ކަށުނަމާދު ވަނީ މަޑުޖައްސާލާފައި

މުޝްފިގުގެ ކަށުނަމާދު ނުކޮށް މަޑުޖައްސާލައިފި

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، މިކަމުގައި އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ބޭއްވުމަށް މަސައްކަތް ކުރައްވާނެ

ތ. އަތޮޅުގައި ދުއްވާ 'ހޮޅުދޫ ބޯޓު'ގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، ކަނޑަށް ގެއްލުނު ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު ޝަރީފްގެ ކަށުނަމާދު މިއަދު ނުކޮށް، މަޑުޖައްސާލައިފި އެވެ.

ވީ ކިހިނެއް؟ - މި މަހު 2 ވަނަ ދުވަހުގެ ރޭ މުޝްފިގް، 25، ގެއްލުނީ ޗުއްޓީއަށް ފަހު، ތ. އަތޮޅުން މާލެ އައުމަށް ކުރި ދަތުރުގަ އެވެ. ޖުމްލަ 18 މީހުންނާ އެކު ދަތުރު ކުރި އެ ބޯޓުން ސަލާމަތް ނުވެ ގެއްލުނީ ހަމައެކަނި މުޝްފިގެވެ.

އޭނާ ގެއްލުނުތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ފެނިފައި ނުވާތީވެ، މަރުވި ކަމަށް ބަލައި މިއަދު ހުކުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށް އޮތީ ހަމަޖައްސާފަ އެވެ.

ތަފްސީލު - މުޝްފިގުގެ ކަށުނަމާދު ކުރަން ހަމަޖެއްސުމާ އެކު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ހާމަކުރެއްވި ގޮތުގައި މަރާ ގުޅިގެން ޝަރީއަތުން ގޮތެއް ކަނޑަނާޅަނީސް މުޝްފިގުގެ ކަށުނަމާދު ބޭއްވުމަކީ ރަނގަޅު ކަމެއް ނޫނެވެ.

މިއަދު ހުކުރު ނަމާދަށް ފަހު، ޝަހީމް ވަނީ މިކަމާ ގުޅިގެން އިތުރު ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި ޝަހީމް ވިދާޅުވީ:

  • މުޝްފިގްގެ ކަށުނަމާދު ކުރުމާ ގުޅޭ ގޮތުން އާއިލާއާ ވާނީ ވާހަކަ ދައްކަވާފައި

  • މިކަމާ ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރައްވާނެ

"[އެއަށް ފަހު] މުޝްފިގުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމު ކުރާނަން. މުޝްފިގަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެކެވެ. އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެކެވެ. އޭނާ ގެއްލުނު ހާދިސާއަކީ އެ އާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެކެވެ. މާތް ﷲގެ ރަހުމަތް ތަނަވަސް ވެގެންވެ އެވެ،" ޝަހީމް އެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް