އައްޑޫ މޭޔަރު އަލީ ނިޒާރު އީކުއޭޓާ ވިލެޖުގެ ވެރިންނާ ބައްދަލު ކުރައްވަނީ (ފޮޓޯ/ފޭސްބުކް)

އައްޑޫ

އިމާރާތް ހުސްކުރަން އީކުއޭޓާއިން ތައްޔާރު ކަމަށް ބުނޭ: މޭޔަރު

މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އީކުއޭޓާ ވިލެޖުގެ ވިޔަފާރިއަށް ގެއްލުންވާގޮތަށް ކަންކަން ނުކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައި

އައްޑޫ ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަހަކަށް ވެފައިވާ އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކު ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެ ރިސޯޓުން ބުނެފައިވާ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ އިމާރާތެއް، ގަން އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ބޭނުން ކުރާ ސަރަހައްދުގެ އިމުގެ ތެރޭ ހުރި އިރު އެ ތަން ހުސްނުކޮށްގެން މަދު ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.

ތަފްސީލް - އެކަމާ އައްޑޫ ސިޓީ ކައުންސިލާއި ގަން އެއާޕޯޓު ހިންގާ ކުންފުނިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އައްޑޫ މޭޔަރު އިއްޔެ ވަނީ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖު ރިސޯޓުގެ ވެރިންނާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވީ އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކުގެ މައްސަލާގައި އެ ރިސޯޓުގެ ވެރިންނާ ބައްދަލުކޮށް އަވަސް ހައްލެއް ހޯދުމަށް އިއްޔެ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"އެ ފާރާތުން ވަނީ މިކަމަށް ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި. އަދި މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި،" ނިޒާރު ފޭސްބުކްގައި ވިދާޅުވި އެވެ.

މިމައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އީކުއޭޓާ ވިލެޖުގެ ވިޔަފާރިއަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ މިވަގުތު ވެސް އައްޑޫގައި އިންވެސްޓުކުރުމަށް ވިޔަފާރިތައް ހޯދުމަށް ދަތިކަން އެބަހުރި ކަމަށެވެ.

"ކުރެވިފައިވާ ވިޔަފާރީގެ އިންވެސްޓުމެންޓްތަކަށް ގެއްލުންވާނެހެން އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ އައްޑޫގެ އިގްތިސޯދަށް އިއާދަ ނުކެރެވޭނެ ގެއްލުން ވެދާނެ ކަމަކަށް ވެދާނެތީ އެވާހަކަ ދަންނަވަމެވެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - ގަން އެއާޕޯޓުގެ މަގު ހަދަން ނިންމާފައިވާ ސަރަހައްދުގައި އީކުއޭޓާ ވިލެޖުން ބޭނުންކުރާ އިމާރާތެއް ހުރުމުން މަސައްކަތް ކުރިއަށް ނުގެންދެވި އޮތް މައްސަލާގައި ގަން އެއާޕޯޓު ކުންފުނިން ބުނީ އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން ހުސްނުކޮށް ހިފަނީ އުސޫލުތަކުގެ ބޭރުން ހޯދި، އައްޑޫ އެއާޕޯޓް ކުންފުނީގެ މިލްކުގައި އޮންނަން ޖެހޭ ބިމެއް ކަމަށެވެ.

އެ މައްސަލާގައި އީކުއޭޓާ ވިލެޖު ހިންގާ ކައިމޫ ކުންފުނިން ބުނެފައިވަނީ އެ ކުންފުނިން އީކުއޭޓާ ވިލެޖު ހިންގާތާ 20 އަހަރު ވެއްޖެ ކަމަށާއި އައްޑުއަށް އަންނަ ތަރައްގީ އާއި ކުރިއެރުމުގެ ފައިދާ އެ ރިސޯޓަށް ވެސް ކުރާނެ ކަމަށެވެ.

އީކުއޭޓާ ވިލެޖު ހިންގަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ ސައްހަ އެއްބަސްވުމެއްގެ ދަށުންކަން ފާހަގަކޮށް އެ ކުންފުނިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ:

  • އެއްބަސްވުމުގައި ހިމެނެނީ ރިސޯޓުގެ މުޅި ގޯތި ތެރެ ކަމަށް

  • އޭގެ ތެރޭގައި އާ މަގު ހެދުމަށް ރޭވިފައިވާ ސަރަހައްދާ އިންވެގެން ހުރި ބައެއް ސަރަހައްދުތައް ވެސް ހިމެނޭ

  • މި ސަރަހައްދުގައި ހުރީ ވަރަށް މުހިންމު އަދި އަސާސީ ވަސީލަތްތަކާއި ހިދުމަތްތައް

  • އޭގެ ތެރޭގައި ބަދިގެ އާއި މުވައްޒަފުންގެ އެކޮމޮޑޭޝަން، މުވައްޒަފުންގެ މެސް، ރިސޯޓުގެ ލޯންޑްރީ، ގަރާޖެއްގެ އިތުރުން މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ސަރަހައްދާއި ގެސްޓުންނަށް ހާއްސަ ސްކުއަޝް ކޯޓެއް ހިމެނޭ

  •  ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން

އެއާ ވިދިގެން އައްޑޫ އެއާޕޯޓުން ނެރުނު ބަޔާނުގައި ކައިމޫގެ ބަޔާނުގައި ހުރި މި ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެ ހުރިހާ ތަނެއް ހުސްކުރަން އަންގާފައި ނުވާ ކަމަށާއި ހުސްކުރަން އެންގީ މަދު ކޮޓަރިތަކެއް ހިމެނޭ ސަރަހައްދެއް ކަމަށެވެ. އެގޮތުން:

  • ހުސްކުރަން ޖެހޭ ކަމަށް ފެންނަ ކޮޓަރިތައް ފާހަގަކޮށް އީކުއޭޓާ ވިލެޖުގެ ވެރިންނަށް ދެއްކި

  • ހުސްކުރާ ކޮންމެ ކޮޓަރިއެއްގެ ބަދަލުގައި އެ ސަރަހައްދާ ކައިރިން ކޮޓަރިއެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދިން

  • އެއާޕޯޓް ކުންފުނިން ސައިޓް ބެލި ބެލުމުން ވެސް ހުސްކުރާ ކޮޓަރިތަކުގެ ސަބަބުން އީކުއޭޓާ ވިލެޖުގެ އޮޕަރޭޝަނަށް އަސަރެއް ނުކުރާނެ ކަން ފާހަގަކޮށް، އެ ޔަގީންކަން ދިން

ކޮމެންޓް (2)

އަދިބެ

13 އޭޕްރީލު 2025
ދިވެހިން ފެލާ ފެލާ މިހާރު އެކައެްޗެއްވެސް ނެތް. އަދިވެސް ކަލޭމެން ހޭލާކަށް ނުވޭތަ. މި މަހުޖަނުންތައް ކުލަކުލަ ޖައްސާފަ ޕާޓީ ތަކޭ ކިޔާފަ ނެރޭހާ އެއްޗަކަށް ވޯޓު ދީ ދީ ތިބޭ.
0 0

ގޯނިބޭ

13 އޭޕްރީލު 2025
އެމީހުންތިބީ އަބަދުވެސް ތައްޔާރައް އެކަމު އެ ބާއިމަރަތައް 25 މިލިއަން ދޭންޖެހޭ... ކުޑަ ރިސޯޓެއްވެސް މިލިބެނީ 2 މިލިއަން ޑޮލަރައް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް