ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގު، އެތަނުގައި ހުރި އިމާރާތަކާ ހަމައަށް ގޮސް ހުއްޓިފައި

އީކުއޭޓާ ވިލެޖްގެ އިމާރާތެއް ނުނަގާތީ އެއާޕޯޓް މަޝްރޫއުގެ ބައެއް އުނިކުރަން ހައުސިންއިން އަންގައިފި

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް ހަދަން އީކުއޭޓާ ވިލެޖްގެ އިމާރާތެއް ހުސްކުރަން ޖެހޭ. ނަމަވެސް މިހާތަނަށް ވެސް އެތަން ހުސްކޮށްފައެއް ނުވޭ
7 އޭޕްރީލު 2025

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް ހަދަން ބޭނުންވާ ސަރަހައްދުގައި ހުރި އީކްއޭޓާ ވިލެޖްގެ އިމާރާތެއް ހުސްނުކުރުމުން މަގުގެ އެ ބައި އުނިކޮށްގެން މަސައްކަތް ކުރިއަށް ގެންދަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ކުރީ ސަރުކާރުން 2023ގައި ފެށި 29 މިލިއަަން ޑޮލަރު (455 މިލިއަން ރުފިޔާ)ގެ މަޝްރޫއުގައި ހިމެނޭ މަގު ހަދަން އީކްއޭޓާ ވިލެޖްގެ އެކޮމޮޑޭޝަން އިމާރާތް ނަގަން ޖެހެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ބިން ހަވާލެއް ނުކުރެ އެވެ. އެހެންކަމުން މަޝްރޫއު ނުނިމި ދިގުލުމުގެ ފުރުސަތު އެބަ އޮތެވެ.

ތަފްސީލު - އެކަމަށް އޮތް ހައްލެއް ކަމަށް، އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ މަޝްރޫއުގައި ހިމެނޭ މަގުގެ އެ ބައި މި ވަގުތަށް އުނިކުރުން ކަމަށެވެ. 

"ހުސްކުރަން ޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާ ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަން ޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލު ދޭން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީ ގޮތުން ގެއްލުންވެދާނެތީ އެ އިމާރާތް ހިމެނޭ ސަރަހައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑަށް ވާނީ އަންގާފަ އެވެ،" ފޭސްބުކްގައި ލިއުއްވި ޕޯސްޓެއްގައި މުއްތޮލިބް ވިދާޅުވި އެވެ.

މި މަގު އެކުގައި ނުނިންމާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން މިހާރު ވަނީ އަންގާފައި

ހުސްނުކޮށްގެން އުޅެނީ، އެނގިފައިވާ ގޮތުގައި، އީކްއޭޓާ ވިލެޖް ހިންގާ އިމާރާތެއް ނޫނެވެ. އެއީ އެތަނުގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެކެވެ. ހަދަމުން އަންނަ މަގު މިހާރު އޮތީ އިމާރާތާ ހަމައަށް ހުއްޓިފަ އެވެ.

މުއްތޮލިބް ވިދާޅުވީ "އެ އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ [ވެސް] އައްޑޫ އިންޓަަނޭނަލް އެއާޕޯޓް ކޮމްޕެނީގެ މިލްކެއް" ކަމަށެވެ.

"ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅުހެދުމުގެ ސަބަބުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީއިން އެބިން ކޮންޓްރެކްޓަރާ ވަނީ ހަވާލުނުކުރެވި އެވެ،" މުއްތޮލިބް ލިއުއްވި އެވެ.

އިމާރާތް ހިމެނޭ ސަރަހައްދުން މަގަށް ވާ ބައި އުނިކުރިޔަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެތަން ހުސްކުރެވިއްޖެ ނަމަ ފަހުން އެހެން މަޝްރޫއުއެއްގެ ގޮތުގައި މަގު ހަދާނެ އެވެ. ނުވަތަ މި މަހު 17ގެ ކުރިން ބިން ލިބިއްޖެ ނަމަވެސް މަޝްރޫއު ކުރިން އޮތް ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު

  • އަގު: 29.7 މިލިއަން ޑޮލަރު (455.9 މިިލިއަން ރުފިޔާ)

  • ނިންމަން ދީފައިވާ މުއްދަތު: ދެ އަހަރު

  • އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު އިންޓަނޭޝަނަލް ޓާމިނަލެއް ތަރައްގީކުރާނެ

  • އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް އަޅާނެ

  • އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާ އެކު ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ

  • އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާނެ

"އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާ އެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުމެވެ،" ޕޯސްޓް ނިންމާލައްވަމުން މުއްތޮލިބް ވިދާޅުވި އެވެ.

އޭނާގެ އެ ޕޯސްޓަށް ކޮމެންޓްކުރި ބައެއް މީހުން ބުނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މިލްކެއް އެގޮތަށް ހުސްނުކުރެވި ދިއުމަކީ މައްސަލައެއް ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް