7 އެޕްރީލް 2025 - ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް، އެތަނުގައި ހުރި އިމާރާތަކާ ހަމައަށް ގޮސް ހުއްޓިފައި. އެ އިމާރާތް ހުސްނުކުރާތީ މަގުގެ އަނެއް ބައި ނުހަދާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ވަނީ އަންގާފައި

އައްޑޫގެ ތަރައްގީ އަށް އެއްބާރުލުން ދޭނަން: ކައިމޫ

ކައިމޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އީކުއޭޓަ ވިލެޖު ހިންގާތާ 20 އަހަރު ވެއްޖެ ކަމަށާއި އައްޑޫ އަށް އަންނަ ތަރައްގީ އާއި ކުރި އެރުމުގެ ފައިދާ އެ ރިސޯޓަށް ވެސް ކުރާނެ ކަމަށް

އައްޑޫގެ ތަރައްގީ އަށް ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސް އިން އަބަދު ވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ކައިމޫ އިން އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ އިމާރާތެއް، ގަން އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ބޭނުން ކުރާ ސަރަހައްދުގެ އިމުގެ ތެރޭ ހުރި އިރު އެ އިމާރާތް އީކުއޭޓާ ވިލެޖުން ނުނަގާތީ އެކަމާ އައްޑޫ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތަފްސީލް - އެކި ފަހަރު މަތިން އެދިގެން ވެސް އީކުއޭޓާ ވިލެޖުން އެ އިމާރާތް ހުސްކޮށްފައި ނުވާތީ ސިޓީ ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުނިން ވެސް ވަނީ އެކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ކައިމޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން އީކުއޭޓަ ވިލެޖު ހިންގާތާ 20 އަހަރު ވެއްޖެ ކަމަށާއި އައްޑު އަށް އަންނަ ތަރައްގީ އާއި ކުރި އެރުމުގެ ފައިދާ އެ ރިސޯޓަށް ވެސް ކުރާނެ ކަމަށެވެ.

އީކުއޭޓާ ވިލެޖް ހިންގަމުން އަންނަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު ވެފައިވާ ސައްހަ  އެއްބަސްވުމެއްގެ ދަށުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ

  • އެއްބަސްވުމުގައި ހިމެނެނީ  ރިސޯޓުގެ މުޅި ގޯތި ތެރެ ކަމަށް

  • އޭގެ ތެރޭގައި އާ މަގު ހެދުމަށް ރޭވިފައިވާ ސަރަހައްދާ އިންވެގެން ހުރި ބައެއް ސަރަހައްދުތައް ވެސް ހިމެނޭ

  • މި ސަރަހައްދުގައި ހުރީ ވަރަށް މުހިންމު އަދި އަސާސީ ވަސީލަތްތަކާއި ހިދުމަތްތައް

  • އޭގެ ތެރޭގައި ބަދިގެ އާއި މުވައްޒަފުންގެ އެކޮމޮޑޭޝަން، މުވައްޒަފުންގެ މެސް، ރިސޯޓުގެ ލޯންޑްރީ، ގަރާޖެއްގެ އިތުރުން މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ސަރަހައްދާއި ގެސްޓުންނަށް ހާއްސަ ސްކުއަޝް ކޯޓެއް ހިމެނޭ

  •  ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން ކައިމޫ އިން ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު އައްޑޫގެ ތަރައްގީ އާއި ރިސޯޓުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މަޝްވަރާކޮށްފަ އެވެ.

ކުރިއަށް އޮތްތަނުގައި ވެސް ޓޫރިޒަމް މިނިސްޓްރީއާ އެކު ގާތުން މަސައްކަތްކޮށް، މައްސަލައަށް އެކަށޭނަ ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފާހަގަ ކުރެވޭ - އެއާޕޯޓުގެ ތަރައްގީގެ މަސައްކަތުގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރާ އެ ސަރަހައްދަކީ އައްޑޫ އެއާޕޯޓުގެ ބައެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ހުސްކުރުމަށް އީކުއޭޓާ ވިލެޖުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް އެ ސަރަހައްދު ހަވާލު ކުރެވިފައިނުވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް