7 އެޕްރީލް 2025 - ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ މަގެއް، އެތަނުގައި ހުރި އިމާރާތަކާ ހަމައަށް ގޮސް ހުއްޓިފައި. އެ އިމާރާތް ހުސްނުކުރާތީ މަގުގެ އަނެއް ބައި ނުހަދާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ވަނީ އަންގާފައި
އީކުއޭޓާ ވިލެޖުން ހިފަނީ އެގުރިމަންޓްގައި ނެތް ބިމަކަށް: އައްޑޫ އެއާޕޯޓް ކޮމްޕެނީ
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ހިންގަން، ހުސްކުރަން އަންގައިގެން ވެސް ހުސްނުކޮށް އީކުއޭޓާ ވިލެޖު ހިންގާ ކުންފުނިން ހިފަނީ އުސޫލުތަކުގެ ބޭރުން ހޯދި، އައްޑޫ އެއާޕޯޓް ކުންފުނީގެ މިލްކުގައި އޮންނަން ޖެހޭ ބިމެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އައްޑޫ ގަމުގައި ހިންގާ އީކުއޭޓާ ވިލެޖުގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ އިމާރާތެއް، ގަން އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގައި ބޭނުން ކުރާ ސަރަހައްދުގެ އިމުގެ ތެރޭ ހުރި އިރު އެ ތަން ހުސްނުކޮށްގެން މަދު ހެދުމުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ތަފްސީލް - އެކަމާ ކަންބޮޑުވުން ފާޅުކޮށް އެއާޕޯޓް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ބިމަކީ އީކުއޭޓާ ވިލެޖުގެ ހޮޓެލްތައް ހިންގަން ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސާވިސަސްއަށް އެންމެ ފުރަތަމަ ކުއްޔަށް ދޫކުރި ބިމެއް ވެސް ނޫން ކަމަށެވެ.
"އީކުއޭޓާ ވިލެޖު ހޮޓެލް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު ކޮށްފައިވާ އެގުރިމަންޓްގައި ނުހިމެނޭ ބިމެއް 2013 ވަނަ އަހަރު އެ އެގުރިމަންޓްގެ ބައެއްގެ ގޮތުގައި ހިމަނައި ރަޖިސްޓްރީކޮށްފައިވާ ކަމީ މި ކުންފުނީގެ ނުހަނު ކަންބޮޑުވާ ކަމެކެވެ." ކުންފުނީގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އެ ކުންފުނިން ދެކެނީ ހުސްނުކޮށް އޮތް އިމާރާތާއި އިމާރާތް ހިމެނޭ ބަޔަކީ އަދިވެސް އެ ކުންފުނީގެ ހަރު މުދަލެއް ގޮތުގަ އެވެ. އަދި އައްޑޫ އެއާޕޯޓް ކުންފުންޏަށް ދީފައިވާ ބިމެއް، އެ ކުންފުންޏަށް އެންގުމަކާ ނުލައި އެހެން ބަޔަކަށް ދިނުން ވާނީ އުސޫލުން ބޭރުން ކުރާ ކަމަކަށް ކަމަށް ބުންޏެވެ.
އެ ބިމުގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ ލަފާ ހޯދުމަށް ފަހު ޝަރީއަތް މެދުވެރިކޮށް ބިމުގެ މައްސަލަ ހައްލުކުރަން ފެނޭތޯ ގޮތެއް ނިންމަން ބޯޑަށް ހުށަހެޅުމަށް މެނޭޖުމަންޓުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ފާހަގަ ކުރެވޭ - އެއާޕޯޓުގެ ތަރައްގީގެ މަސައްކަތުގައި ހިމެނޭ މަގު ހެދުމުގެ މަސައްކަތަށް ބޭނުންކުރާ އެ ސަރަހައްދަކީ އައްޑޫ އެއާޕޯޓުގެ ބައެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވެސް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ހުސްކުރުމަށް އީކުއޭޓާ ވިލެޖުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެހެންކަމުން އެއާޕޯޓުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް އެ ސަރަހައްދު ހަވާލު ކުރެވިފައިނުވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
'އެ ތަން ހުސްކުރިޔަސް އޮޕަރޭޝަނަކަށް އަސަރެއް ނުކުރާނެ'
މި މައްސަލާގައި ވިލެޖު ހިންގާ ކައިމޫ އިން ވެސް ބަޔާނެއް ނެރެފައިވެ އެވެ. ހުސްކުރަން އެދޭ ސަރަހައްދުގައި މުހިންމު ވަސީލަތްތަކާއި ހިދުމަތްތައް ދޭން ހުރި ތަންތަން ވެސް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައި ބުނެފައިވެ އެވެ. އެ ގޮތުން:
-
އޭގެ ތެރޭގައި ބަދިގެ އާއި މުވައްޒަފުންގެ އެކޮމޮޑޭޝަން، މުވައްޒަފުންގެ މެސް، ރިސޯޓުގެ ލޯންޑްރީ، ގަރާޖެއްގެ އިތުރުން މުވައްޒަފުންގެ މުނިފޫހިފިލުވުމުގެ ސަރަހައްދާއި ގެސްޓުންނަށް ހާއްސަ ސްކުއަޝް ކޯޓެއް ހިމެނޭ
-
ހުރިހާ ތަނަކީ ވެސް ރިސޯޓުގެ ދުވަހުން ދުވަހަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ތަންތަން
އައްޑޫ އެއާޕޯޓުން ނެރުނު ބަޔާނުގައި ކައިމޫގެ ބަޔާނުގައި ހުރި މި ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނީ އެ ހުރިހާ ތަނެއް ހުސްކުރަން އަންގާފައި ނުވާ ކަމަށާއި، ހުސްކުރަން އެންގީ މަދު ކޮޓަރިތަކެއް ހިމެނޭ ސަރަހައްދެއް ކަމަށެވެ. އެ ގޮތުން:
-
ހުސްކުރަން ޖެހޭ ކަމަށް ފެންނަ ކޮޓަރިތައް ފާހަގަކޮށް އީކުއޭޓާ ވިލެޖުގެ ވެރިންނަށް ދެއްކި
-
ހުސްކުރާ ކޮންމެ ކޮޓަރިއެއްގެ ބަދަލުގައި އެ ސަރަހައްދާ ކައިރިން ކޮޓަރިއެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދިން
-
އެއާޕޯޓް ކުންފުނިން ސައިޓް ބެލި ބެލުމުން ވެސް ހުސްކުރާ ކޮޓަރިތަކުގެ ސަބަބުން އީކުއޭޓާ ވިލެޖުގެ އޮޕަރޭޝަނަށް އަސަރެއް ނުކުރާނެ ކަން ފާހަގަކޮށް، އެ ޔަގީންކަން ދިން