ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އަޒްމިރަލްދާގެ ދިފާއުގައި 28 ހެއްކެއް ޖޭއެސްސީއަށް ހުށަހަޅައިފި

ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީން ހިންގި ތަހުގީގުގެ ފުރަތަމަ ރިޕޯޓަށް އަޒްމިރަލްދާގެ ފަރާތްޕުޅުން ޖަވާބު ހުށަހެޅުއްވީ މިއަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އިސްމާއީލް ލަތީފްގެ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ފަނޑިޔާރަށް ކުރާ ތުހުމަތުން ދިފާއުވުމަށް 28 ހެއްކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ވީކިހިނެއް؟ - އަޒްމިރަލްދާގެ ދިފާއުގައި ހެކިންތަކެއް ހުށަހެޅުއްވީ، ޖޭއެސްސީން ހިންގި ތަހުގީގުގެ ފުރަތަމަ ރިޕޯޓަށް އަޒްމިރަލްދާގެ ފަރާތްޕުޅުން ފޮނުއްވި ޖަވާބުގަ އެވެ.

ތަފްސީލް - އަޒްމިރަލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް މީޑިއާތަކަށް ފޮނުއްވި ނޫސް ބަޔާނެއްގައިވާ ގޮތުން އަޒްމިރަލްދާގެ ފަރާތްޕުޅުން ހުށަހެޅުއްވީ:

  • ކިތާބީ 17 ހެކި

  • ޝަފައީ (ހެކިވެރިންގެ ގޮތުގައި) 11 ހެކި

  • 11 ހެކިވެރިންގެ ހެކިބަސް ޖޭއެސްސީން ނެގުމަށް

މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިވަޑައިގެންފައިވާ ކަމަށް ނޫސްބަޔާނުގައިވެ އެވެ. އެ ނޫސްބަޔާނުގައިވާ ގޮތުން، ފަނޑިޔާރު ފޮނުއްވި ޖަވާބުގައި އިތުރަށް ފާހަގަކުރައްވާފައިވާ ކަންކަމަކީ:

  • މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމީ، ކޮމިޝަނުގެ އިސްނެގުމަށް މައްސަލަތައް ބެލުމަށް އޮންނަ އިޖުރާއަތާ ހިލާފަށް

  • ކޮމިޝަނުގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް

  • ޖަވާބުދާރީވުމަށާއި ދިފާއުވުމަށް ކޮމިޝަނުން ހުރަސްއަޅާފައިވޭ

  • ތަހުގީގު ކޮމިޓީގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ނުބޭއްވުމަށް ނިންމީ ގާނޫނީ ހަމައެއް ނެތި

  • ތަހުގީގު ނިންމުމަށް ފަހު ފޮނުވި ފުރަތަމަ ރިޕޯޓްގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމަނާފައިވޭ

ތަހުގީގުގެ ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ ފަނޑިޔާރު ފޮނުއްވާ ޖަވާބަށް ފަހު ކޮމިޝަނުން ބާއްވަން ފެންނަ އަޑުއެހުންތަކަށް ފަހުގަ އެވެ. އެ ގޮތުން ފަހު އަޑުއެހުމުގެ ގޮތުގައި އެއް އަޑުއެހުން ބޭއްވުން ލާޒިމެވެ.

މި މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ސުލޫކީ މައްސަލައެއް ކޮމިޝަނުން ދަނީ ބަލަމުންނެވެ. މަހާޒަށް ވެސް ކޮމިޝަނުގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓް ވަނީ ފޮނުއްވައިފަ އެވެ.

ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ފާހަގަކުރެވޭ - އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ދެން ކޮމިޝަނުން ބަލާ މައްސަލަތަކަކީ:

  • އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް

  • ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި

އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ދެން ސަސްޕެންޑްކުރި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

6 އޭޕްރީލު 2025
ޖޭއެސްސީގެ ތަހުގީގު ބޮޑަށް ސިފަވަނީ ބަތްކައްކާ ކުޅުމަކާ ދޯ؟
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް