8 އޮގަސްޓް 2024؛ އަނަސްގެ މަރުގެ ތުހުމަތުވާ މީހުން ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި

އަނަސްގެ މަރު

އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރި މައްސަލަ ސުޕްރީމް ކޯޓަށް

އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ކަނޑައަޅާފައި
4 އޭޕްރީލު 2025

މީގެ ހައެއްކަ އަހަރު ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ވީކިހިނެއް؟ - އަނަސް، ފެންފިޔާޒުގެ/ ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި  ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލި އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ

  • އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

އަނަސްގެ މަރަށް ހަ އަހަރު ފަހުން، 25 ފެބްރުއަރީ 2024ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. 16 މެއި 2024ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނެވެ.

ތަފްސީލް - ހައި ކޯޓުން އެ ހަތް މީހުން ބަންދު ނުކުރަން ނިންމި އެވެ. އެ ނިންމުން ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ސުޕްރީމް ކޯޓުން ވަނީ މައްސަލަ ބަލައި ވެސް ގެންފަ އެވެ.

އެނގުން މުހިންމު - ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އިސްތިއުުނާފް މަރުހަލާގައި ބަންދު ކުރެވޭނީ ތިން ހާލަތެއް އޮވެގެން ކަމަށެވެ. ހާއްސަކޮށް މައްސަލަ ކާމިޔާބުވެދާނެ ކަން ފެންނަ ހާމަކަން ބޮޑު ކަމެއް އޮންނަން ޖެހޭ ކަމަށާއި އެއިން ހާލަތެއް ސާބިތުނުކޮށްދެވޭ ކަމަށެވެ.'

ފަނޑިޔާރުންގެ ބެންޗުން ފާހަގަ ކުރެއްވި އެ ތިން ހާލަތަކީ:

  • އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ އިހުތިމާލު ބޮޑު ހާލަތުގައި

  • މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

  • އިސްތިއުނާފް ރައްދުވާ ފަރާތް ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

ފަސްމަންޒަރު - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވާފައި ވަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން އެންމެން ވެސް ހަ އަހަރު ފަހުން މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް