އަނަސްގެ މަރުގެ ތުހުމަތުވާ މީހުން މީގެ ކުރިން ބޭއްވި ހައި ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި

އަނަސްގެ މަރު

އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމައިފި

ހައި ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ނިންމީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް

މީގެ ހައެއްކަ އަހަރު ކުރިން، ދުޝްމަނެއް ކަމަށް ހީކޮށް އޮޅިގެން ގޭންގެއްގެ ބަޔަކު، ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހަމަލާދީ މުހައްމަދު އަނަސް މަރާލުމުގެ ތުހުމަތު އޮތް މީހުންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަނަސް، ފެންފިޔާޒުގެ/ ރ. މީދޫ، އަނިޔާވެރި ގޮތަކަށް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި  ހަތް މީހެއްގެ މައްޗަށް ދެ ބާވަތެއްގެ ދައުވާ އުފުލި އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/މާލެ

  • އަހުމަދު ޒަޔާން، އަސުރުމާގެ/ޅ. ކުރެންދޫ

  • އުސްމާން ޝަރީފް، މ. ދިމިޝްގު/މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • ޖުނައިހު އަބްދުﷲ، ނަންނާރިގެ/ލ. ގަން، ތުނޑީ އަވަށް

  • ހަސަން މަހްފޫޒް، ވެސްޓަންވިލާ/ސ. ފޭދޫ

  • ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/މާލެ

  • މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

އަނަސްގެ މަރަށް ހަ އަހަރު ފަހުން، 25 ފެބްރުއަރީ 2024ގައި ކްރިމިނަލް ކޯޓުން ހުކުމްކުރީ އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ. 16 މެއި 2024ގައި ދަށު ކޯޓުގެ ނިންމުން އިސްތިއުނާފްކޮށް، އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުނެވެ.

ތަފްސީލް - ހައި ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގައި އިސްތިއުނާފްގެ ޝަރީއަތް ނިމެންދެން ހަތް މީހުން ބަންދު ނުކުރުމަށް ނިންމީ އިސްތިއުނާފް މަރުހަލާގައި މީހަކު ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށެވެ.

އިސްތިއުުނާފް މަރުހަލާގައި ބަންދު ކުރެވޭނީ ތިން ހާލަތެއް އޮވެގެން ކަމަށް ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް މައްސަލަ ކާމިޔާބުވެދާނެ ކަން ފެންނަ ހާމަކަން ބޮޑު ކަމެއް އޮންނަން ޖެހޭ ކަމަށާއި އެއިން ހާލަތެއް ސާބިތުނުކޮށްދެވޭ ކަމަށް ހުކުމް ކުރެއްވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ފާހަގަ ކުރެއްވި އެ ތިން ހާލަތަކީ:

  • އިސްތިއުނާފްގެ މައްސަލަ ކާމިޔާބުވުމުގެ އިހުތިމާލު ބޮޑު ހާލަތުގައި

  • މުޖުތަމައުގެ ބޮޑު މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

  • އިސްތިއުނާފް ރައްދުވާ ފަރާތް ފިލައިގެން ގޮސްދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުން

މި ގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • މުހައްމަދު ޝަނީޒު (ބެންޗުގެ ރިޔާސަތު)

  • ހުސެއިން ޝަހީދު (ހައި ކޯޓުގެ އިސް ފަނޑިޔާރު)

  • މުހައްމަދު ފައިސަލް

ފަސްމަންޒަރު - މި މައްސަލާގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވާ ހަމައެކަނި ކުއްޖާގެ އަދަބު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވާފައި ވަނިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެހެން އެންމެން ވެސް ހަ އަހަރު ފަހުން މިނިވަންވެގެން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

11 މާރިޗު 2025
ކިހާ ފުރިހަމަ ޝަރުއީ ނިޒާމެއް! އޮޅިގެން ގޮސް މަރާލިކަންވެސް އިނގޭ! އެކަން ކުރި ވީޑިއޯ އެބަހުރި! ރޯމާދުވާލު ގަރާޖެއްގެ ތެރޭގައި! އެކަމު އެއްކެއްނެތް، ސާބިތެއްނުވޭ! އެވެސް 6 އަހަރު ފަހުން! އެހާ ދުވަސްވީމާ އާންމުން ހަދާން ނެތިދާނެ! އެކަމަކު މައިންބަފައިން ހަނދާނެއް ނުނެތޭނެ!! މާދަމާއެއް އޮންނާނެ! އެދުވަހަކުން ސާބިތުކޮށްދޭކަށްވެސް ދިފާޢުވާކަށްވެސް ނުޖެހޭނެ!!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް