ރަހުމުކުޑަގޮތަކަށް މަރާލި މުހައްމަދު އަނަސްގެ މަހާނަ ކައިރީ އޭނާގެ ބައްޕަ މަޑުކޮށްލައިގެން: އެ މައްސަލައިގައި ހައްޔަރުކުރި ހަމައެކަނި ކުއްޖާއަށް ރައީސް ވަނީ ލުއި ދެއްވާފައި
'މާޔޫސް ވެއްޖެ، އެކަމަކު މަރުވަންދެން ހިތްވަރު ކުރާނަން'
"މި ފަހަރު ވަރަށް އުއްމީދު ކުރިން އިންސާފު ލިބޭނެ ކަމަށް،" ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި މަރާލި، ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މުހައްމަދު އަނަސްގެ ޝަރީއަތް އިއްޔެ ނިމުނު ގޮތާ ގުޅޭގޮތުން އޭނާގެ ބައްޕަ އަބްދުއްރާފިއު އިބްރާހިމް ބުންޏެވެ.
މާލޭގެ މަގުމަތީގައި، ފަހަތުން ދުވެ ގޮސް ރަހުމުކުޑަގޮތަކަށް ބަޔަކު އަނަސް މަރާލީ މީގެ ހަތް އަހަރު ކުރިންނެވެ. އެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ކުށުގެ ތުހުމަތުކޮށް ހިންގި ޝަރީއަތް އިއްޔެ ނިންމާލީ، އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅައިގެންނެވެ.
މިވޭތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާފިއުގެ ހުރިހާ ވެސް އުއްމީދަކީ ދަރިފުޅަށް އިންސާފު ހޯދައިދިނުމެވެ. އެކަމަކު އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާއެކު އޭނާ ވަނީ ސަރުކާރަށް އަދި ޝަރުއީ ކޯޓުތަކާ މެދު ވެސް މާޔޫސްވެފަ އެވެ.
ރާފިއު ގަބޫލުކުރާ ގޮތުގައި އޭނާގެ އާއިލާއާ މެދު ބޭއިންސާފުވެރިވެއްޖެ އެވެ. އޭނާގެ އެ ކެކުޅުން، ސިޔާސީ މަންފާތަކެއް ހޯދުމަށް ބޭނުންކޮށްފި އެވެ. އަނަސް މަރާލި މީހުން ހޯދައި، އެ މީހުންނަށް އަދަބު ދިނުމަކީ، ކުރީގެ ސަރުކާރުން ވެރިކަމަށް އައުމަށް ކުުރި ވައުދެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2017 ވަނަ އަހަރު ވެރިކަމަށް ކެމްޕޭން ކުރެއްވި ދުވަސްވަރު ރ. މީދުއަށް ވަޑައިގެން ރާފިއު ގާތު ވިދާޅުވީ ވެރިކަމަށް 100 ދުވަސް ތެރޭގައި އިންސާފު ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި މައްސަލައިގެ ކޮޅެއް ނުހޯއްދެވުނު ތަނުގައި، ވެރިކަމުން ފައިބާ ވަޑައިގެންނެވީ، އެ މައްސަލައިގައި ކުށް ސާބިތުވެ، ޖަލަށްލި ހަމައެކަނި މީހާއަށް ލުއި ދެއްވުމަށް ފަހު އެވެ.
އެ ދުވަހު ވެސް ރާފިއު ބުނީ ލޮލުން ކަރުނަ ނުހިކޭ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައުމުގައި ވެސް ރާފިއުއަށް ހަމަ އެ ވައުދުވި އެވެ.
އިންތިހާބުގެ ދުވަސްވަރު، ފޯނުން ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަނަސްގެ މަރަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެ ދުވަހު މުއިއްޒު ވިދާޅުވީ ކުށްވެރިންނަށް އިންސާފު ދޭކަށް ނޫނޭ މި އަންނަނީ. އިންސާފު ލިބެންވާ މީހުންނަށް އިންސާފު ހޯދައިދޭށޭ،" ރާފިއު ބުންޏެވެ.
އެކަމަކު މި ވެރިކަމަށް މިވީ ދުވަސްކޮޅުގެ ތެރޭގައި، ދަރިފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ދޫކޮށްލުމަކީ ބައްޕަގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ނުވި އެވެ.
އަނަސް މަރާލުމުގައި ބައިވެރިނުވާ ކަމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، އެ ދައުވާތައް ސާބިތުކުރަން ފުލުހުން ހުށަހަޅާފައިވާ، ހެކި ގަރީނާތަކުން، އެ ކުށުގައި އެ މީހުން ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން، ސީސީޓީވީ ފުޓޭޖުންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް އެ މީހުންނާ ދެކޮޅަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އިއްޔެގެ ހުކުމުގައި ބުނީ:
-
އަނަސް އަށް ހަމަލާދިނުމަށް ލިޓަސް ގަރާޖުތެރެއަށް ވަން މީހުންނަށް އެހީވެދިން ކަން ސާބިތުކުރަން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން، އެއީ ސީދާ ދައުވާ ރައްދުވާ މީހުންކަން ސާފެއް ނޫން
-
ހުށަހަޅާފައިވާ އެހެނިހެން ގަރީނާތަކުން ވެސް އެ ކުށް ކުރުމުގައި އެއްވެސް މީހަކު ބައިވެރިވެފައިވާކަން ސާބިތު ކޮށެއް ނުދެވޭ
-
ފުޓޭޖުތަަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވޭ
-
ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ކޯލު ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ އެޔަށް ބުރަދަނެއް ނުދެވޭނެ
-
އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގީ ރިޕޯޓަކީ ވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން
މި ވާހަކަތައް، އަނަސްގެ ބައްޕައަކަށް ގަބޫލެއް ނުކުރެވެ އެވެ. ކުށުގެ ތުހުމަތުގައި މިހާ ދުވަސްވީ އިރު އެ މީހުން ބަންދުގައި ބަހައްޓަން ޖެހެނީ ކޮން ހެއްކެއްގެ މައްޗަށް ބަރޯސާ ވެގެންތޯ ރާފިއު ސުވާލު ކުރެ އެވެ.
އޭނާ ބުނިގޮތުގައި އެއީ ނިކަމެތި އާއިލާ އެކެވެ. އިންސާފު ހޯދުމަށް މާގިނަ ފައިސާތަކެއް އެ މީހުންނަށް ހަރަދު ކުރެވޭކަށް ނެތެވެ. އެ މީހުންނަށް އެކަން ވާން އޮތީ ސަރުކާރުން ކޮށްދިނިއްޔާ އެވެ. އެކަމަކު އަދިވެސް އެ މީހުން އުއްމީދު ކުރަނީ އިންސާފަށެވެ.
"އަޅުގަނޑު މަރުވަންދެން ހިތްވަރު ކުރާނަން. ދަރިފުޅަށް އިންސާފު ހޯދުމަށް ޓަކި ނުޖަހާ ދޮރެއް ނުބަހައްޓާނަން." ރާފިއު ބުންޏެވެ.