ފެނަކައިން އައްޑުއަށް މީގެ ކުރިން ގެންދިޔަ އާ އިންޖީނެއް: އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ (ފޮޓޯ/ފެނަކަ)
ކަރަންޓު މައްސަލަ ހައްލު ނުކޮށް އީދަށް އައްޑޫ ދިއްލުމާ ދެކޮޅު
ރޯދަ މަސް ނިމެން ކައިރިވިއިރު ވެސް އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބޭތީ، އީދަށް އެ ސިޓީ ދިއްލުމާ ދެކޮޅަށް އަޑު އުފުލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ނުލިބި، ރޯދަ މަހުގެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑަން ޖެހުމުގެ ތަކުލީފު ވަނީ ކުރިމަތިވެފަ އެވެ. ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ އެކަމުގެ ތަކުލީފު ވެސް އެބައޮތެވެ.
ތަފްސީލް - ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ރަށްރަށުގައި ކުލަ ބޮކި ހަރުކޮށް ދިއްލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނަމަވެސް ކަރަންޓުގެ މައްސަލައަށް ހައްލެއް ނުހޯދައި އީދަށް އައްޑޫ ދިއްލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުކޮށް ގެތައް ދިއްލުމަށް ފަހު ނޫނީ އީދު ލައިޓު ހަރުކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަމަށް ޑެޕިޔުޓީ މޭޔަރު މުހައްމަދު ޝުއާއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހު ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށެވެ.
ރޯދަ މަސް ނިމެމުންދާއިރު، ފިތުރު އީދަށް ރަށް ދިއްލަން އެންގުމަކީ އައްޑޫ ރައްޔިތުންނަށް "ސަރުކާރުން ކުރާ ޖެއްސުމެއްތޯ" އޭނާ ސުވާލު ކުރައްވާފައިވެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ ކޮރޮވައު ތަމްސީލު ކުރައްވާ އިބްރާހިމް ޝިނާޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބެނީސް އައްޑޫގެ މަގުތަކުގައި ލައިޓު ހަރުކޮށް އީދަށް ދިއްލުމާ ދެކޮޅު ކަމަށެވެ.
The current Maldivian government led by @MMuizzu has recently invested millions to buy lights for Eid shows, while around ~25,000 (According to 2022 Census) people living in the southern most atoll (Addu atoll) have been experiencing frequent power cuts for months now!
— marutheyo (@marutheyoa) March 24, 2025
ގާތްގަނޑަކަށް 25،000 މީހުން އުޅޭ އައްޑޫގެ ރަށްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ނުދެވޭއިރު، އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން އީދަށް ލައިޓު ޖަހާ ދިއްލުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.
We don’t need festive lights for Eid. We need the electricity issue resolved. #AdduKarantuCrisis
— dhim ❯❯❯❯ 🇵🇸 (@Dhiimmmm) March 24, 2025
"އީދު ލައިޓު [ދިއްލާކަށް] އަަހަރެމެން ބޭނުމެއް ނޫން. އަހަރެމެން ބޭނުންވަނީ ކަރަންޓުގެ މައްސަލައަށް ހައްލެއް،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އައްޑޫގެ އެހެން ރައްޔިތަކު ލިޔެފައިވެ އެވެ.
ހިޔާލު ފާޅުކުރި އެހެން މީހަކު ބުނެފައިވާ ގޮތުން، ގާތްގަނޑަކަށް 28 މިލިއަން ރުފިޔާ ހޭދަކޮށްގެން އީދު ލައިޓު ހަރުކުރެވޭ ގައުމަކަށް ރަށެއްގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ އުނދަގޫ ކަމަކަށް ވެގެން ނުވާނެ އެވެ.
"ހަލާކުވެ މައްސަލަ ޖެހިފައިވާ ޖެނެރޭޓަރުތަކުގެ ބަދަލަށް އާ ޖެނެރޭޓަރަށް އިންވެސްޓުކޮށްގެން ވެސް [މިއީ ނުކުރެވޭނެ ކަމެއް ނޫން]،" އޭނާ ބުންޏެވެ.
a country that can spend MVR 28 million on Eid decorations could just as easily fix a powerhouse - even if it required investing in several new generators to replace the old, rusty ones.
— fasy (@fasyibrahim) March 24, 2025
they can. it’s just that they aren’t bothered … for reasons only they know. 🤷♀️
ގުޅުން ހުރި - އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް އިތުރު އާ ޖެނެރޭޓަރު ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ރޭ ބުނެފައިވެ އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ރޭ ވިދާޅުވީ 1.8 މެގަވޮޓުގެ ޖެންސެޓު ގެންގޮސް ބަހައްޓައި ބޭނުން ކުރަން ފެށުމުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ.