އައްޑޫ ފޭދޫގެ މަގެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އައްޑޫ

އައްޑޫ އިތުރު ޖެންސެޓެއް ހުއްޓިއްޖެ؛ ކަރަންޓު ކަނޑާ ވަގުތު އިތުރުކޮށްފި

އައްޑޫ ސެންޓަްރަލް ޕަވާ ސްޓޭޝަންގައި މައްސަލަ ދިމާވެފައިހުރި ޖެންސެޓުތަކެއް މަރާމާތު ކުރަމުންދަނިކޮށް 1،000 ކިލޯވޮޓުގެ އިތުރު ޖެންސެޓެއް ވަނީ ހުއްޓިފައި

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ހުރި އިތުރު ޖެންސެޓެއް ހުއްޓި، ފެނަކައިން ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ފެނަކަ ކަސްޓަމަރުންނާ މައުލޫމާތު ހިއްސާކުރާ ވައިބާ ގްރޫޕަށް ރޭ ދަންވަރު ފޮނުވި މެސެޖެއްގައި ބުނީ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުން އަންނާތީ ލޯޑު ބޮޑުވާ ގަޑިތަކުގައި މިއަދު އެކި ސަރަހައްދުތަކުން 1 ގަޑިއިރަށް ކަރަންޓު ހިދުމަތް މެދުކަނޑަމުންދާނެ ކަމަށެވެ.

ކަރަންޓު ކަނޑާނެ ކަމަށް އޭރު ދިން ވަގުތަކީ މެންދުރު 12 އާއި ރޭގަނޑު 7އާ ދެމެދެވެ.

ތަފްސީލު - ނަމަވެސް މިރޭ 7 ޖެހި ފަހުން އެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ އިތުރު ޖެންސެޓަކަށް ވެސް މައްސަލަ ދިމާވެ، އިތުރަށް ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށެވެ.

"ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1،000ކވގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ހުއްޓިފައިވާތީ، ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ކަމުގައި ދަންނަވަން،" އެ މެސެޖުގައިވެ އެވެ.

އެ މެސެޖަށް ފަހު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައި އޮތުމަށްފަހު ބައިގަޑިއިރު ނުވަނީސް ލޯޑު ނުހިފެހެއްޓިގެން މަރަދޫގެ ސަރަހައްދަކުން ވަނީ އެއް ގަޑިއިރަށް ކަރަންޓު ކަނޑާލާފަ އެވެ.

އެނގުން މުހިންމު - އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ 1،600 ކިލޯވޮޓުގެ ދެ އިންޖީނަކަށް މައްސަލަ ދިމާވެ، މަރާމާތުގެ މަސައްކަތްތަކެއް ފެނަކައިން އަންނަނީ ކުރަމުންނެވެ.

އެއާ އެކު ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ލޯޑު ނަގާ ގަޑިތަކަށް ބޭނުންވާ ވަރަށް ވުރެ ކަރަންޓު އުފެއްދެނީ 1،000 ކިލޯވޮޓު މަދުން ކަމަށް ވެސް ފެނަކައިން ވަނީ ބުނެފަ އެވެ.

އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން މި ދެ މަސް ދުވަހުގެ ތެރޭގައި އިތުރު ޖެންސެޓުތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ރޯދައިގެ ކުރިން ގެންގޮސް ބޭނުންކުރަން ފެށި 1.8 މެގަވޮޓުގެ ޖެންސެޓަކާއި މި މަހުގެ ތެރޭގައި ފޮނުވި 1،000 ކިލޯވޮޓުގެ ޖެންސެޓެއް ހިމެނެ އެވެ. އަދި ފަހުން 1،600 ކިލޯވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް ވެސް ފެނަކައިން ކުރި އެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާއިރު، ރޯދަމަސް ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށްތަކުގައި ހުރި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ އަމާޒުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ވިސްލްބްލޯވާ

24 މާރިޗު 2025
ކުޑަ އިންވެސްޓިގޭޝަނެއް ހަދާލުން ރަނގަޅުވާނެ؛ އައްޑުއިން ކަރަންޓު ކެނޑޭތީ ރޯދައިގެ ކުރިން އެކަން ހައްލުކުރުމަށް ކަމަށްބުނެ ފެނަކައިން ސްޓެލްކޯ އަތުން ގަނެގެނ ގެންދިޔަ ޖެންސެޓް ގުޅައިފީމޭ ކިޔާފަ ފެނަކައިން ޕޯސްޓްޖަހާ މީޑިއާގަ އެވާހަކަ ޖެހިއިރު، އެ އެއްޗިސް ހުރީ ނުގުޅާ. އެކަން އެނގުނީ ސްޓެލްކޯ އަތުން ގަތްކަމަށް ބުނި ޖެންސެޓްގެ ވޯލްޓާއި އެމީހުން ހަރުކުރި އެތީގައި ހުރި ވޯލްޓު ދިމާނުވާތީ. ގެންދިޔަ އެއްޗިސް ހަރުކުރަން ނޭންގިގެން ފެނަކައިން ގުޅީ ސްޓެލްކޯއަށް. ސްޓެލްކޯއިންވެސް އެކަމާ ހަވާލުނުވި.
2 0

ޙަީސީ

24 މާރިޗު 2025
ތީސީދާ އެތާތިބި އެމް.ޑީ.ޕީ މީހުން ގަސްތުގަކުރާކަމެއް.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް