ފެނަކަ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު.

އައްޑުއަށް މުޅިން އާ ޖަނަރޭޓަރެއް މިރޭ އެބަ ފޮނުވަން؛ މައްސަލަ ހައްލުވާނެ: ނަޖާހު

ފެނަކައިން މިފަހަރު އައްޑުއަށް ފޮނުވަނީ 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް؛ މައްސަލަ ހައްލުކުރަން މަސައްކަތްކުރާކަން ފާހަގަކޮށް ނަޖާހު ވަނީ ރޯދައިގެ ކުރިން އެ މައްސަލަ ހައްލު ނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ވާހަކަ ދޮގުކުރައްވާފައި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޅިން އާ 1.8 މެގަވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ  މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭ ޖެންސެޓުތަކެއް ހަލާކުވެ، މައި އިންޖީނުގޭގައި ކަރަންޓު ލޯޑު ނުހިފެހެއްޓިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ބުނީ ކީކޭ؟ - ފެނަކަ އެމްޑީ ނަޖާހު މިރޭ 'ދައުރު'އަށް ވިދާޅުވީ 1.8 މެގަވޮޓުގެ ޖެންސެޓެއް ފޮނުވުމުގެ މަސައްކަތް މިރޭ ވެސް ކުރަމުން އަންނަ ކަމަށެވެ.

"އެ ޖެންސެޓް ބޭނުންކުރަން ފެށުނީމަ ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ލިބޭނެ،" ނަޖާހު ވިދާޅުވި އެވެ.

'އިސްތިއުފާ ދޭނަމޭ ނުބުނަން'

ކަރަންޓު މައްސަލަ ދިމާވެފައިވާ ހުރިހާ ރަށްތަކަށް، ރޯދަމަސް ފެށުމުގެ ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރޯދަމަހަކީ ކަރަންޓު ގިނައިން ބޭނުންކުރާ މަހަކަށް ވާތީ މައްސަލަ ހައްލުކުރާއިރު އެކަމަށް ސަމާލުކަން ދޭނެ ކަމަށް ފެނަކައިން ވެސް ކުރިން ބުނެފައިވެ އެވެ.

ނަމަވެސް ރޯދަމަސް ނިމިގެންދާއިރު ވެސް މައްސަލަ ހައްލުނުވެ އޮތުމުން ނަޖާހު މަގާމުން އިސްތިއުފާ ދެއްވުމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު އަޒާން މިރޭ ވަނީ ގޮވާލައްވާފަ އެވެ.

އަޒާން ވިދާޅުވީ ރޯދައިގެ ކުރިން އައްޑޫ ކަރަންޓުު މައްސަލަ ހައްލުނުވެއްޖެނަމަ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ނަޖާހު، އެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ.

ނަމަވެސް އެކަން ދޮގުކުރައްވައި ނަޖާހު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ އެއްވެސް ބައްދަލުވުމެއްގައި އަދި އެއްވެސް މީހެއްގެ ގާތުގައި ވިދާޅުވެފައި ނޯންނާނެ ކަމަށެވެ.

މިހާރު ދިމާވަމުންދާ މައްސަލައަށް އަލިއަޅުވާލައްވައި ނަޖާހު ވިދާޅުވީ ކޮންމެ އެއް ގަޑިއިރުން އެއް ގަޑިއިރުން ކަރަންޓު ނުކަނޑާ ކަމަށެވެ.

މައްސަލަ ދިމާވަނީ، އޭނާ ވިދާޅުވި ގޮތުގައި، ބައެއް ޖަނަރޭޓަރުތައް ހަލާކުވެފައި ހުރުމާ އެކު ލޯޑު ނުހިފެހެއްޓިގެންދާ ގަޑިތަކުގައި އެކަންޏެވެ. އަދި އާ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން އެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް