އާސަންދަ އޮފީސް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

އާސަންދަ

ކުރީގެ ނިންމުން ބަދަލުކޮށް، އަމިއްލަ އިންޝުއަރެންސާ އެކު ވެސް އާސަންދަ ދޭން ފަށައިފި

މިފަހަރު ނިންމާފައިވަނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭނަކުން ހިދުމަތަކަށް ދޭ ކަވަރޭޖަށް ވުރެ އިތުރުވާ އަދަދު އާސަންދައިން ކަވަރުކޮށްދޭ ގޮތަށް؛ މިދިޔަ ނޮވެމްބަރުގައި ގެނައި ބަދަލާ އެކު އެ އަދަދު ދައްކަން ޖެހެނީ އަމިއްލަ ޖީބުން އަދި އާސަންދައިން އުނިކުރަން ފަށަނީ އިންޝުއަރެންސް ޕްލޭން ހުސްވުމުން

ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަށް، އެ އިންޝުއަރެންސްއަށް ކެނޑުމަށް ފަހު އާސަންދަ ލިބޭ ގޮތަށް ނިންމި ނިންމުން ބަދަލުކޮށް، ޕްރައިވެޓް އިންޝުއަރެންސާ އެކު ވެސް އާސަންދަ ލިބޭ ގޮތަށް އަނެއްކާވެސް ހަދައިފި އެވެ.

ވީ ކިހިނެއް؟ - ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތަށް ބިލު ކުރުމުގައި އާސަންދައިގެ ބަދަލުގައި އެ އިންޝުއަރެންސްއަށް އިސްކަންދޭން ނިންމައި އެގޮތަށް އަމަލުކުރަން ފެށީ މިދިޔަ ނޮވެމްބަރުގަ އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތި ނަމަވެސް އޭރު އެގޮތަށް ނިންމީ، އާސަންދައިން ބުނި ގޮތުގައި ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.

ނަމަވެސް އޭގެ ފަސް މަސް ފަހުން ނިންމުން ބަދަލުކުރީ ކީއްވެކަން އާސަންދައިން އަދި ހާމައެއްނުކުރެ އެވެ.

ތަފްސީލު - އެ ބަދަލު ގެނައިކަން ކަށަވަރުކޮށްދެއްވައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިއަދު 'ދައުރު'އަށް ވިދާޅުވީ މިވަގުތު ޕްރައިވެޓް އިންޝުއަރެންސާއި އާސަންދަ އެކީގައި ލިބޭ ގޮތަށް ބަދަލު ގެނައީ ހަމައެކަނި ކޮންސަލްޓޭޝަންތަކަށް ކަމަށެވެ.

އެހެން ހިދުމަތްތަކަށް ޕްރައިވެޓް އިންޝުއަރެންސް އާއި އާސަންދައިގެ ކަވަރޭޖު އެކީގައި ދިނުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބަދަލު އައި ގޮތް

އެންމެ ކުރިން އޮތް ގޮތް:

  • ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް އޮންނަ މީހަކަށް ވިޔަސް ފުރަތަމަ އުނިކުރަނީ އާސަންދައިން

  • ޕްރައިވެޓް އިންޝުއަރެންސް ޕްލޭނުން އުނިކުރަނީ އާސަންދައިން ކަވަރުނުކޮށް ބާކީ އޮންނަ ބައި

ނޮވެމްބަރު 2024ގައި ގެނައި ބަދަލު:

  • ސަރުކާރުގެ އަދި އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އައުޓް ޕޭޝަންޓުގެ ހިދުމަތް ހޯދާ ބަލިމީހުންގެ ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ ފުރަތަމަ ބިލުކުރަނީ ޕްރައިވެޓް އިންޝުއަރެންސްއަށް

  • ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖުން އެ ހިދުމަތަކަށް ކަވަރުކުރާ މިންވަރަށްވުރެ އިތުރުވާ އަދަދު ދައްކަން ޖެހެނީ އަމިއްލަ ޖީބުން

  • އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖު ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ޕްލޭނުން އެ ހިދުމަތަށް ދޭ ކަވަރޭޖު ހުސްވުމުން

މިހާރު ގެނައި ބަދަލު:

  • ޕްރައިވެޓް އިންޝުއަރެންސްގެ ޕްލޭނަކުން ކަވަރުކުރާ މިންވަރަށް ވުރެ އިތުރުވާ އަދަދު އާސަންދައިން ކަވަރު ކުރާނެ

  • މިސާލަކަށް ޕްރައިވެޓް އިންޝުއަރެންސް ޕްލޭނަކުން ކަވަރުކުރަނީ 500ރ.ގެ ކޮންސަލްޓޭޝަން ފީއަކުން 300ރ. ނަމަ، ބާކީ 200ރ. އާސަންދައިން ކެނޑޭނެ

މި ބަދަލާ ގުޅޭ ގޮތުން އާސަންދައިގެ ބަހެއް އަދި ނުލިބެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

20 މާރިޗު 2025
ނުދޭން ނިންމައިފި. ދޭން ނިންމައިފި.
1 0

ހުސޭނުބެ

20 މާރިޗު 2025
ރައީސްކަމަށް ޝަރުތު ހަމަވަނީ ފިރިހެނަކަށްވީމާ. މިހާރުދެން ފިރިހެނަކަށްވަނީ ހަބޭހަށް އުނބަށްޖަހަންޏާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް