އާސަންދަ އޮފީސް: ސިއްހީ އިންޝުއަރެންސް ނިޒާމަކީ ދައުލަތަށް އޮތް މާލީ ބުރައެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ހަރަދާއި ހައްގުގެ ބަހުސެއް: އާސަންދައިގެ ބަދަލުތައް ދެކޮޅުޖެހޭތަ؟
އާސަންދަ ސްކީމުގެ ނަމުގެ ކުރިއަށް 'ހުސްނުވާ' ލޭބަލް ޖަހާލުމުން ގިނަ މީހުންނަށް ފުދެ އެވެ. އަތުން ބައެއް ސަލާމަތްވާތީ ބޭހާއި ހިދުމަތުގެ އަސްލު އަގަށް ބަލަނީ ކާކު ހެއްޔެވެ؟ އެ ސްކީމަށް ދައުލަތުން ކުރާ ހަރަދުގެ ނަންބަރުތައް ކޮންމެ އަހަރަކު ވެސް ބަޖެޓު ފޮތުގެ ސަފުހާތަކުގެ ތެރޭގައި ހަމަ އޮންނަ ކަމެވެ.
އާސަންދަ ވުޖޫދުވީއްސުރެ މަދު ބަޔަކު އެ ސްކީމުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަކަން ނުދަންނަ އެކަކު ވެސް ނެތެވެ. ބޭސް އެތެރެކޮށްގެން މާކެޓަށް ދޫކޮށްލަނީ އެތައް ގުނަ ބޮޑު ފައިދާއެއް ލާފަ އެވެ. ބޭހުގެ އަގުތަކުގެ ފަރަގު ބައެއް ބޭސްފިހާރަތަކުގައި އެހާ ބޮޑެވެ. އަގުތައް އިންތިހާއަށް އަރައިގެންދާއިރު، އާސަންދަ އާއި ވެލްފެއާ ލިބެން ޖެހޭ ގޮތުގައި ނުލިބި، އެއީ ސިޔާސީ މީހުންނާއި ނުފޫޒު ގަދަ މީހުންނަށް އެކަނި ލިބޭ އެއްޗެއް ކަމުގެ ޝަކުވާ ވެސް ބޮޑެވެ.
މި މަގުން ކަން ހިނގަމުން ގޮސް، ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށް ފަހު އަހަރެއް ދަނީ ބޮޑުވަމުންނެވެ. ދުވަހަކު ވެސް ބަޖެޓުކުރާ އަދަދަކުން ސްކީމު ދެކޮޅުޖެއްސޭ ތަނެއް ނާދެ އެވެ. އެންމެ ފަހުން މި ޖެހުނީ އާސަންދަ ސްކީމަށް ވެސް އާސަންދަ ދޭށެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި އާސަންދަ ސްކީމު ހިމެނޭ ގޮތަށް ސިއްހީ ނިޒާމު އިސްލާހުކުރަން ފިޔަވަޅުތަކެއް ވަނީ ހިމަނާފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަކާ އެކު އުފެދުނީ އިތުރު ބަހުސެކެވެ. އެއްކޮޅުގައި އޮތީ ހައްގުގެ ވާހަކަ އެވެ. އަނެއްކޮޅުން ދައްކަނީ ހަރަދުގެ ވާހަކަ އެވެ.
ހަރަދު ފަޅިން ބުނަނީ ކީކޭ؟
ސަރުކާރުން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށް މިދިޔަ އަންގާރަދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށް އާސަންދަ އާއި އެންސްޕާގެ ވެރިން ހާޒިރުކުރި އެވެ. އެ ބައްދަލުވުމުގައި އިންނެވި އާސަންދަ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ސިއްހީ ހިދުމަތްތަކުގެ އަގުބޮޑުވުމެވެ. އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި ޒީނިޔާ ވިދާޅުވި އެވެ:
"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށްލަން، ބޮޑެތި އަމިއްލަ ހޮސްޕިޓަލްތަކުން ހުށަހަޅާ އަގުތަކަކީ ފުދޭވަރަކަށް ބޮޑު އަގުތަކެއް. އެ ބޭފުޅުންގެ އަގުތައް ހަދާފައި މި ހުންނަނީ ބަލިމީހަކު ހޮސްޕިޓަލް ތެރެއަށް ވަންނަ ސްޓެޕު ނަގާ ހިސާބުން ފެށިގެން އަޅާ ކޮންމެ ސްޓެޕަކަށް އެބަހުރޭ އަގެއް ކަނޑައަޅާފައި."
ބައެއް ތަންތަނުގެ އަގު ހުރީ، ޒީނިޔާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭރަށް މީހުން ފޮނުވައިގެން ސިއްހީ ހިދުމަތްތަކަށް ދައްކާ އަގަށް ވުރެ ވެސް ބޮޑުކޮށެވެ.
"ދެވޭ ކޮންމެ ހިދުމަތެއް ލައިގެން އަގުތަކެއް ކަނޑައަޅާފައި މި ހުންނަނީ. ހުންނައިރުގައި އެ ކޮސްޓު އަންނައިރުގައި ހަމަ ފުދޭވަރަކަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.
ހުރި މައްސަލަތައް
އާސަންދަ ނިޒާމުގައި ހުރި ބައެއް މައްސަލަތަކަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފުސީލު ހިމެނޭ ފޮތުގައި ވަނީ އަލިއަޅުވާލައިފަ އެވެ. އެގޮތުން ފާހަގަކުރި މައްސަލަތަކަކީ:
-
ރާއްޖޭގެ ބާޒާރުގައި ބޭހުގެ އަގު ބޮޑުވުން - ސަރަހައްދީ ގައުމުތަކާ އަޅާބަލާއިރު ގިނަ ބޭސްތަކުގެ އަގު ރާއްޖޭގައި ވަރަށް ބޮޑު
-
ސިއްހީ ހިދުމަތާއި ފަރުވާ ދިނުމުގެ އާންމު އުސޫލެއް ނެތުން
-
ސިއްހީ ފަރުވާގެ ނިޒާމުގައި ހުރި މައްސަލަތައް - އެއް ހިދުމަތަކަށް އާސަންދަ އާއި މެޑިކަލް ވެލްފެއާ ޕްރޮގްރާމްތަކުން އެހީ ހޯދުމުގެ ފުރުސަތު އޮތުން (މިސާލަކަށް ސިއްހީ އިންޝުއަރެންސް ސްކީމްތަކުން ކަވަރުނުކުރާ ކޮސްމެޓިކް ޕްރޮސީޖާތައް ވެސް ފުލުހުންނާއި ސިފައިންގެ މެޑިކަލް ވެލްފެއާއިން ކަވަރުކޮށްދިނުން)
އަޅަނީ ކޮން ފިޔަވަޅުތަކެއް؟
-
1-
އިންކަމް ޓެކްސް ދައްކާ މީހުންގެ އަތުން ހެލްތު ކޮންޓްރިބިއުޝަނެއް ނަގަން ފެށުން - މި ޕޭމަންޓު ނަގާނީ އިންކަމް ޓެކްސް ދައްކާ ވަގުތުގައި މީރާ މެދުވެރިކޮށް
-
2-
މުއްސަނދިން ހޯދާ އައުޓް ޕޭޝަންޓް ހިދުމަތްތަކާއި ބޭސް ގަންނައިރު ބިލުގެ ވަކި މިންވަރެއް (ކޯ-ޕޭމަންޓެއް) ނެގުން - އަހަރަކު އެންމެ ގިނަވެގެން އަމިއްލަ ޖީބުން ހަރަދުކުރަން ޖެހޭ ލިމިޓެއް ކަނޑައަޅާނެ
-
3-
އަމިއްލަ ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކަށް ޕެކޭޖު އަގުތަކެއް ކަނޑައެޅުން - މީގެ މަގުސަދަކީ އާސަންދަ އާއި އެންސްޕާގެ މެޑިކަލް ވެލްފެއާއަށް ލުޔެއް ހޯދުން
-
4-
މެޑިކަލް ވެލްފެއާ - މުއްސަނދިންނަށް އިންޓްރެސްޓް ނުހިމެނޭ ލޯނެއްގެ ގޮތުގައި ދޭ ގޮތަށް ބަދަލުކުރުން
-
5-
ފުލުހުންނާއި ސިފައިން ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖަކަށް ބަދަލުކުރުން
ޕްރީ-ޕޭ އާއި ކޯ-ޕޭގެ ތަފްސީލު
އެކި ގޮތްގޮތުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު ސަރުކާރުން ރާވާފައިވަނީ، އިންކަމް ޓެކްސްގެ އެކި ބްރެކެޓުތަކަށް، އެކި އަދަދުތައް ކަނޑައަޅައިގެން އެ ޕޭމަންޓު ނެގުމަށެވެ. މިއީ އިހުތިޔާރީ ޕޭމަންޓަކަށް ނުވާތީ، 'ދައުރު'ން ޖެހި ހިސާބުތަކުން ދައްކާ ގޮތުގައި، ޕްރީ-ޕޭގެ ގޮތުގައި ދައުލަތަށް ގާތްގަނޑަަކަށް 42 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ.
ކޯ-ޕޭމަންޓު ބިނާވެގެން ވަނީ އެ މީހަކު ހިދުމަތް ހޯދާ މިންވަރުން ކަމަށް ވުމާ އެކު މި ބައިން ލިބޭނެ ސީދާ ވަކި އަދަދެއް ލަފާކުރުން ދައްޗެވެ. މި ބައިން ވެސް ޗާޖު ނަގަނީ، އެނގިފައިވާ ގޮތުގައި އެކި ބްރެކެޓުތަކަށް ބަހާލައިގެންނެވެ. ކޯ-ޕޭމަންޓު ދައްކަން ޖެހޭ މީހުން، އަމިއްލަ ޖީބުން އަހަރަކު ހަރަދުކުރަން ޖެހޭ މިންވަރު އޮންނަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން ކޯ-ޕޭމަންޓުގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭނެ މިންވަރާއި ޕްރީ-ޕޭގެ ޖުމްލަ އެއްކޮށްލުމުން ދައުލަތަށް އެންމެ ގިނަވެގެން، ލިބުނަސް ލިބޭނީ ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ އެވެ.
ޝަކުވާތަކާ އެކު ހައްގު ފަޅީގެ ވާހަކަ
އާސަންދައިގައި މައްސަލަ ހުރިކަން އެންމެން ވެސް ގަބޫލުކުރެ އެވެ. ބަހުސް އުފެދިގެން އުޅެނީ ސަރުކާރުން އަޅާ ފިޔަވަޅުތަކާ މެދު އެވެ.
އެންމެ އާދައިގެ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި އޮތީ އާސަންދަ އިސްލާހު ކުރުމުގެ ނަމުގައި ސަރުކާރުން އާންމު ރައްޔިތުންގެ ސިއްހީ ފަރުވާގެ ނިޒާމުގެ ތެރެއަށް 'އަތް ބާނާތީ' އެވެ.
ސަރުކާރުން ބުނާ ގޮތުގައި ބަދަލުތަކާ އެކު އާދައިގެ މީހަކަށް ލިބޭ އެއްޗަކަށް އުނިކަމެއް ނާންނާނެ އެވެ. ވިއްޔާ ވާނީ އިތުރެވެ. ނަމަވެސް ސިޔާސީ ބޭފުޅުން ނިސްބަތްވާ ޕާޓީގެ ބައެއް މީހުން ގަބޫލުކުރިޔަސް މިފަދަ ވާހަކަތަކަށް އާންމުން ކުރާ އިތުބާރު ކުޑަ އެވެ. ވާ ގޮތެއް އެނގޭނީ އެކަމެއް ކުރުމުންނެވެ.
ބައެއް މީހުން ބުނާ ގޮތުގައި ހަރަދު ކުޑަކުރާ ނަމަ، އާސަންދަ ނިޒާމުގެ ތެރެއަށް 'އަތް ބޭނުމުގެ' ކުރިން މަދުކުރަންވީ، އަދަދު ސިއްރުކޮށްފައިވާ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދެވެ. އަދި އެ މީހުންނަށް ދެމުންދާ ބަޖެޓާއި މި ހާލަތާ ނުބައްދަލު ބޮޑެތި މުސާރަތަކާއި އިނާޔަތްތަކެވެ.
'މުއްސަނދިން'ގެ ބަސް: ދެކޮޅު ޖެހެނީ ކިރިޔާ؛ ޕްރީ-ޕޭއަކީ އިތުރު ބުރައެއް
ދެން އޮތީ ބަދަލުތަކުގެ އަސަރު ސީދާ އެ ބަޔަކަށް ކުރާ ފުދުންތެރި ނުވަތަ އިންކަމް ޓެކްސް ދައްކާ މީހުންގެ ޝަކުވާތަކެވެ. އިންކަމް ޓެކްސްގެ އެންމެ ދަށް ބްރެކެޓުގެ ބައެއް މީހުން ބުނާ ގޮތުގައި އެ ޓެކްސް ދެއްކިޔަސް، އޭގެ މާނައަކީ އެ މީހުން އުޅެނީ މާ ފުދިގެންނެކޭ ނޫނެވެ.
އެންމެ ދަށް ބްރެކެޓުން (މަހަކު 60،000-100،000ރ.ގެ އާމްދަނީ) އިންކަމް ޓެކްސް ދައްކާ މީހަކު ބުނި ގޮތުގައި އެ ޓެކްސް ލާޒިމުވާ ވަރަށް އާމްދަނީ ލިބުނަސް، ހަރަދަށް ކަނޑާފައި ދެކޮޅު ޖައްސާލެވޭނީ ކިރިޔާ އެވެ. ޓެކުހަށް ކަނޑާފައި، އަނބިދަރިން ގޮވައިގެން އުޅޭއިރު ދިރިއުޅުމުގެ ހަރަދުތަކަށް ކަނޑައި، ބޭންކު ލޯނުތަކަށް ފައިސާ ދެއްކުމަށް ފަހު އެ މީހުންނެކޭ އާދައިގެ މީހުންނެކޭ ދާދި އެއްވަރު ކަމަށް އޭނާ ބުންޏެވެ. އެ މީހުން ބުނާ ގޮތުގައި އިތުރު ޗާޖެއް ނަގާއިރު ހަރަދުތަކަށް ކެނޑުމަށް ފަހު މަސް ނިމޭއިރު އަތުގައި އޮންނަނީ ކިހާ ވަރެއްތޯ ވެސް ބަލަން ޖެހޭނެ އެވެ. ހަގީގީ އާމްދަނީއަކީ އެއީ އެވެ.
"ފުރަތަމަ ކަމަކަށް އިންކަމް ޓެކްސްގެ އެންމެ ދަށް ބްރެކެޓު ވެސް އެބަ ޖެހޭ މުރާޖައާ ކުރަން. ދެ ތިން ކުދިން ގޮވައިގެން މާލޭގައި ކުއްޔަށް އުޅޭއިރު 60،000ރ.އަކީ މާ ބޮޑު އެއްޗެއް ނޫން،" ޝަކުވާ ކުރި މީހަކު ބުންޏެވެ.
އިންކަމް ޓެކްސް ދައްކަން ޖެހޭތީ 'މުއްސަނދި' ލޭބަލް އެޅުވިފައި އޮތަސް، ކިރިޔާ ދެކޮޅުޖެހޭ މީހުން ބުނާ ގޮތުގައި ޕްރީ-ޕޭއަކީ އިތުރު ބުރައެކެވެ.
މިކަމާ ބެހޭގޮތުން 'ދައުރު'ން މީގެ ކުރިން ޖެހި ހަބަރަކަށް ކޮމެންޓު ކުރި މީހެއްގެ ވެސް ޝަކުވާއަކީ އެއީ އެވެ:
"ދުވާލުދާ ހަތަރުދަމު މަސައްކަތްކޮށްގެން އަހަރެމެންނަށް 60،000 ރުފިޔާއަށް ވުރެ އިތުރަށް މުސާރަ ލިބޭތީ ތިގޮތަށް ފެލާލާކަށް ނުވާނެ ދޯ؟ މިހާރުވެސް ބަރާބަރަށް އިންކަމް ޓެކްސް އެބަ ދައްކަން. އެ ޓެކްސް ލާރިން އަހަރެމެންގެ އާސަންދަ ހަމަޖައްސައިދޭންވީމާ، އެ ޓެކްސް ލާރި ސިޔާސީ 'ލަޓޯފަޓޯއިން'ގެ މުސާރައަށް ދުއްވާލާފައި އާސަންދައަށޭ ކިޔާފައި އަނެއްކާ އަހަރެމެން އަތުން އިތުރަށް 'ޓެކްސް' ނަގަން ދިމާކުރާއިރު ލަދު ކޮބާ؟ ފުރަތަމަ ހާހުން ތިބި ބޭކާރު ސިޔާސީން މަދުކޮށްބަލަ."
ކޮމެންޓް (1)
ހައްގު