ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން މީގެ ކުރިން ބޭއްވި މުޒާހަރާއެެއްގެ ތެރެއިން

އެޗްޑީސީ

ޖާހު އަތުން ޕްރޮޖެކްޓް އަތުލަން އެޗްޑީސީން ނިންމައިފި

އަށް އަހަރު ވެފައިވާ މަޝްރޫއު ނިންމަން އެންމެ ފަހުން އެޗުޑީސީން ޖާހުއަށް ނޯޓިސް ދިނީ މިދިއަ ޖެނުއަރީ މަހު

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި 'ދަ ގާޑެންސް' ފްލެޓްތަކުގެ މަސައްކަތް ނިންމަން އެކި ފަހަރު މަތިން ނޯޓިސް ދިނުމަށް ފަހު، އެންމެ ފަހުން އެ ޕްރޮޖެކްޓް އެ ކުންފުނި އަތުން އަތުލަން ނިންމައި، ތަން ހަވާލުކުރަން އެޗްޑީސީން މިއަދު އަންގައިފި އެވެ.

ވީ ކިހިނެއް؟ -  ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް ބޮޑު އަގުގައި އެކި މީހުންނަށް ވިއްކި ފްލެޓްތައް ނިންމައިފައި ނުވާތީ ޝަކުވާ ކުރަމުން އަންނަތާ ވެސް އެތައް އަހަރެކެވެ. އެކަމާ ގުޅިގެން އެޗްޑީސީން 27 ޖެނުއަރީގައި އެ ކުންފުންޏަށް ފަހުގެ ނޯޓިސް ދިނެވެ.

ފަހު ނޯޓިސްއާ އެއްގޮތަށް ވެސް މަސައްކަތް ނިންމާފައި ނުވާތީ، ޖާހުގެ އެއްބަސްވުން  ނިމުމަކަށް ގެނައިކަން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

ތަފްސީލު - އެޗްޑީސީން ޖެނުއަރީގައި ޖާހުއަށް ދިން ނޯޓިސްގައި މުއްދަތަކަށް އޮތީ 45 ދުވަހުގެ ތެރޭގައި ތަން ނިންމާށެވެ.

"މި ކޯޕަރޭޝަނުން ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއިން މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާފައި ނުވާތީ، އެފަރާތާއި މި ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް 16 މާރިޗު 2025ގައި [މިއަދު] އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން އެޗްޑީސީން ބުނީ:

  • މި ފިޔަވަޅު އަޅާފައި މި ވަނީ، ފްލެޓް ގަތް ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި

  • ކުރިއަށް މި އޮތް ދުވަސްތަކުގައި މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ފްލެޓް ގަތް ފަރާތްތަކާ ހިއްސާކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް