ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި): މި ތަނުގެ މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރާ ނުދޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

އާބަންކޯގެ ބެލުމުގެ ދަށުން ޖާހުގެ ފްލެޓުތައް ނިންމަން ފަށައިފި؛ '6 މަހުން ނިމޭނެ'

އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ މުށި ޖެހުމާއި ޕުޓީ މަސައްކަތްތަކާއި ސީލިން ކުރުން އަދި ޕްލާސްޓަރިން މަސައްކަތް
25 އޮކްޓޯބަރު 2023

ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި، މަސައްކަތް ނުނިމި އެތައް އަހަރެއްވެފައިވާ 'ދަ ގާޑެންސް' ފްލްޓްތަކުގެ ނުނިމި ބާކީހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް، އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިންމާފައެއް ނުވެ އެވެ.

ބުނީ ކީކޭ؟ - އާބަންކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި، އެ ކުންފުނީގެ ބެލުމުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލު ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތަކެވެ. އެ މަސައްކަތުގެ ތެރެއިން މިހާރު ފަށައިގެން ކުރިއަށްދާ މަސައްކަތްތަކަކީ، އެ ކުންފުނިން ބުނާ ގޮތުގައި:

  • ޕްލާސްޓަރިން

  • ޕުޓީގެ މަސައްކަތް

  • މުށި ޖެހުން

  • ސީލިން ކުރުން

އާބަންކޯއިން ބުނީ ދަ ގާޑަންސްގެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ޖައުސާ ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑެން' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު: މި ތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރާ ނުދޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

މައްސަލައިގެ ފެށުން - ގާޑެންސް ނުނިމި ދިގުލައިގެން ދިޔުމުން އާބަންކޯއިން ވަނީ އެ ތަން ނިންމުމަށް ޖާހުއަށް 30 ދުވަހުގެ ނޯޓިހެއް މިދިޔަ ޖޫން މަހު ދީފަ އެވެ. އެ މުއްދަތު ހަމަވިއިރު ވެސް މަސައްކަތް ނުނިންމުމުން އެ މަޝްރޫއު ނިންމަން 17 ޖުލައިގައި އާބަންކޯއިން ވަނީ ހަވާލުވެފަ އެވެ.

އާބަންކޯއިން އޭރު ބުނި ގޮތުގައި:

  • އާބަންކޯ އާއި ޖާހު ކުންފުންޏާއި އެ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންގޮސް، ވީހާ ވެސް އަވަހަކަށް ނިންމުމަށް ވަނީ ހަމަޖެހިފައިވޭ

  • އަމާޒަކީ ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ޖާހުއަށް ވެސް ގެއްލުން ނުވާނެހެން މަޝްރޫއު އަވަހަށް ނިންމުން

  •  އެ މަޝްރޫއުގެ %91 މަސައްކަތް ވަނީ ނިމިފައި

އޭގެ ފަހުން 28 އޮގަސްޓުގައި އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ އެ މަޝްރޫއު ނިންމަން ލަފާ ހޯދަން މިނިވަން ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯއިން ވަނީ ބުނެފަ އެވެ. އެކަމަށް 'އަލްޓްރާ ގްރޫޕު ޕްރައިވެޓް ލިމިޓެޑު' ނަމަކަށް ކިޔާ ކުންފުންޏެއް ހަމަޖެއްސީ މިދިޔަ މަހު އެވެ.

ނަމަވެސް، މި މަޝްރޫއަށް ނިންމުމަށް ހިނގާ ހަރަދު ކުރަނީ ކޮން ބައެއް ކަމެއް ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް