'ދަ ގާޑެންސް'ގެ އިމާރާތް(ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)
ފްލެޓުތައް ނުނިންމުމުން ޖާހު އަތުން ޕްރޮޖެކްޓު ނަގަނީ
ޖާހު ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފެށި، މަސައްކަތް ނުނިމި އެތައް އަހަރެއްވެފައިވާ 'ދަ ގާޑެންސް' ފްލްޓްތަކުގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން ދިން މުހުލަތުތަކުގައި ވެސް މަސައްކަތް ނިންމާފައިނުވާތީ، އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށް އެޗްޑީސީ އިން ގާނޫނީ ނޯޓިސް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ޖާހު ކުންފުންޏާ 'ދަ ގާޑެންސް' ތަރައްގީކުރަން ހަވާލުކުރީ 2017ގަ އެވެ. ނަމަވެސް އެ މަޝްރޫއު އަދި މިހާތަނަށް އައިއިރު ވެސް ނިންމާފައެއް ނުވެ އެވެ.
ތަފްސީލް - އެކަމާ ގުޅިގެން އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 'ދަ ގާޑަންސް' ޕްރޮޖެކްޓު ނިންމުމަށް އެކި ފަހަރު މަތިން ޖާހުއަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
"ނަމަވެސް [މި]އަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، މިކުންފުންޏާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، މިކުންފުނީގެ ބޯޑުން ނިންމައި އެ ނޯޓިސް ވަނީ 27 ޖަނަވަރީ 2025ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައެވެ." އެޗްޑީސީ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ގާނޫނީ ނޯޓިސްގައި ބަޔާންކުރާ 45 ދުވަހުގެ ތެރޭގައި ޖާހުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް އެ ކުންފުނީގެ އަތުން ނެގުމަށް އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
ޖާހު އާ ދެކޮޅަށް މި ފިޔަވަލު އެޅީ އެޗްޑީސީ އިން ބުނި ގޮތުގައި އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށްވީ އެންމެ އަވަހަކަށް އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމަށެވެ.
ގުޅުން ހުރި - ގާޑެންސް' ފްލްޓްތަކުގެ ނުނިމި ބާކީހުރި މަސައްކަތްތައް އެޗްޑީސީގެ ބެލުމުގެ ދަށުން ފެށި ކަމަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.
ކޮމެންޓް (3)
ވަޅު
ޢައިން
ތެފައާސާ.