ހުޅުމާލޭގައި 'ދަ ގާޑަންސް' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު: (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ދަ ގާޑަންސް ނިންމާނެ ތަނަވަސްކަމާއި ފެންވަރެއް ވެސް ޖާހުގެ ނެތް

ދަ ގާޑަންސް މަޝްރޫއު ނިންމަން އާބަންކޯއިން މިދިޔަ ހަފްތާގައި 30 ދުވަހުގެ ނޯޓިސްއެއް ދިން. ނަމަވެސް މި އަހަރު ނިމުމުގެ ކުރިން ވެސް އެ ތަން ނިންމުމަކީ ނާދިރު ކަމެއް

ޖާހު އިންވެސްޓްމަންޓްސްގެ 'ދަ ގާޑަންސް'ގައި ނުނިމި ހުރި ލަގްޒަރީ އެޕާޓްމަންޓުތަކުގައި މިހާރު ދިރިއުޅެނީ ކާޅާއި ކޮތަރު ފަދަ ދޫނީސޫފާސޫފީގެ ބާވަތްތަކެވެ. ދޭތެރެދޭތެރެއިން އުދުހިލާފައި ގޮސް އެ ސޮރުމެން އެ ތަނަށް ވަދެ ނުކުމެ ހަދަ އެވެ. ކުލި ނުދައްކައި އެ ސޮރުމެންނަށް އެ ތަނަށް ވަދެ ނުކުމެ އުޅެވުނަސް ބޭންކުތަކުން ބޮޑެތި ލޯނު ނަގައިގެންނާއި މުޅި އުމުރު ދުވަހުން ރައްކާކުރި ފައިސާކޮޅު ދީގެން އެ ތަނުން އެޕާޓްމަންޓު ގަތް މީހުން ތިބީ ބޮޑު ތާށިކަމެއްގެ ތެރޭގަ އެވެ. އެއީ ހުޅުމާލެއިން މިހާތަނަށް ވިއްކި އެންމެ އަގުބޮޑު އެޕާޓްމަންޓުތަކެވެ. އެ އެޕާޓްމަންޓްތައް ގަތީ ކާޅާއި ކޮތަރު ދިރިއުޅޭކަށެއް ނޫނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދަ ގާޑަންސް ތަރައްގީކުރަން، ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސްއާ ބިން ހަވާލުކުރީ 2017 ގަ އެވެ. އެއީ ދެ އަހަރުން، ޑިސެމްބަރު 2019އަށް ނިންމާ ގޮތަށެވެ. މިހާރު 2023 ދެބައިވެގެން ދިޔައީ އެވެ. އެކި ބަހަނާތައް ދައްކައިގެން މަޝްރޫއު ދިގުދަންމާލައިފި އެވެ. އެންމެ ފަހުން އާބަންކޯއިން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މި މައްސަލައިގެ 'ނިޔާ ކަނޑައަޅައިފަ' އެވެ. އެ ކުންފުނިން ނިންމީ 30 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ބިމު ކުލި ވެސް ދައްކައި ހަލާސްނުކޮށްފި ނަމަ އެއްބަސްވުން ބާތިލު ކުރުމަށެވެ.

ނުނިންމޭނެކަން އާބަންކޯއަށް ވެސް އެނގޭ؟

ދަ ގާޑަންސްގެ މަސައްކަތް ކޮށްފައި ހުރި މިންވަރާއި ބާކީ ކުރަން ހުރި މިންވަރު އަދި މިހާރު އެކަން ކުރަމުންދާ ދޯހަޅި ގޮތަށް ބަލާއިރު އެ މުއްދަތުގެ ތެރޭގައި އެއީ ވާނެ ކަމެއް ނޫނެވެ. އާބަންކޯއަށް މާ ރަނގަޅަށް ވެސް އެކަން އެނގޭނެ އެވެ. މިކަމުގައި މާ ތަފްސީލީ ޖަވާބެއް އާބަންކޯއިން ނުލިބުނު ނަމަވެސް، މިއީ ގާޑަންސް ނިންމަން ޖާހުއަށް ދޭނެ ފަހު ފުރުސަތު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

"މި 30 ދުވަހުގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމައި، ބިމު ކުލި ނުދައްކައިފި ނަމަ، އިމާރާތް އަތުލާނެ. އަތުލާފައި އެހެން ބަޔަކާ ހަވާލުކޮށްގެން ފިނިޝިން މަސައްކަތް ނިންމައި، އެޕާޓްމަންޓު ގަތް މީހުންނަށް އެ ތަން ހަވާލުކުރާނެ،" އާބަންކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޖާހު ކުންފުނިން ބިމު ކުލީގެ ގޮތުގައި އާބަންކޯއަށް ވަރަށް ބޮޑު އަދަދެއް ދައްކަން އެބަ އޮތެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަން އާބަންކޯއިން ނުބުނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޖާހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނޭޕާލު ކުންފުންޏަކާ ގުޅިގެން ގާޑަންސްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރަށް ނިންމާނެ ކަމަށެވެ. އާބަންކޯއިން މި މަހު 30 ދުވަހުގެ ނޯޓިސްއެއް މި ދިނީ، އެހެން ބުނި ފަހުން ވެސް އެކަށީގެންވާ ވަރަށް ނުވަތަ އެއްވެސް މިންވަރަކަށް މަސައްކަތް ނުކުރާތީ އެވެ. މަޝްރޫއު ދިގުލައިގެން ގޮސް، އެތައް ބަޔަކަށް އެކި ގޮތްގޮތުން ބޮޑެތި ގެއްލުންވަމުން ދާތީ އެޅި ފިޔަވަޅެއް ނަމަ ހަ އަހަރު ވަންދެން މަޑުނުކޮށް ވެސް އެ ފިޔަވަޅު އެޅުނީހެވެ.

ގާޑަންސްއިން އެޕާޓްމަންޓެއް ގަތް އަދި މީގެ ކުރިން ކޮންމެވެސް ވަރަކަށް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރި ތައުފީގު މުހައްމަދު ބުނި ގޮތުގައި ހަމަ ޔަގީނުން ވެސް 30 ދުވަހުގެ ތެރޭގައި ގާޑަންސްގެ މަސައްކަތް ނުނިންމޭނެ އެވެ.

"100 - 150 މީހުން މެދުނުކެނޑި ދުވާލަކު 12 ވަރަކަށް ގަޑިއިރު މަސައްކަތް ކޮށްގެން، އެއްވެސް އެއްޗަކަށް ދަތި ނުވެ، މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. ތިރީސް ދުވަހުގެ ތެރޭގައި ލާހިކެއް ނޫން ނިންމާކަށް. އެއީ ފިނިޝިން އަކީ ހަގީގަތުގައި އެންމެ ބޮޑު މަސައްކަތް،" އޭނާ ބުންޏެވެ.

ތައުފީގު ބުނީ ކުރިން ދިން ފައިސާއަކީ ދެން ގެއްލުނު އެއްޗެއް ކަމަށް ބަލާފައި، އަމިއްލައަށް ފިނިޝިން ނިންމާ ގޮތަށް ވިޔަސް އެޕާޓްމަންޓް ހަވާލުކޮށްދޭން އޭނާ އެދުނު ކަމަށެވެ. ނަމަވެސް އެކަން ވަކި ކޮޅެއްގައި ނުޖެހެ އެވެ.

'ދަ ގާޑެންސް'ގެ އެޕާޓްމަންޓެއް 2021 ވަނަ އަހަރު ހުރި ގޮތް: އެތެރޭގެ މަސައްކަތްތައް ނިމޭނެ ދުވަހެއް ވެސް ނޭނގޭ

"އަޅުގަނޑަށް ރަނގަޅީ ވީހާވެސް އަވަހަކަށް އެއްބަސްވުން ބާތިލު ކުރިއްޔާ. މާ ލަސް ވެސް ވެއްޖެ އެކަން ކުރަން،" ގާޑަންސްއިން އެޕާޓްމަންޓެއް ގަތް އެހެން މީހަކު ބުންޏެވެ.

އޭނާ ވަނީ ގާޑަންސްގެ ބިންގާ ވެސް ނާޅަނީސް، 2017ގައި އެޑުވާންސް ފައިސާ ދައްކައިފަ އެވެ.

އޭނާ ބުނި ގޮތުގައި ގާޑަންސްގެ މަސައްކަތް މިހާރު ކިރިޔާވެ ސް ކުރެވެނީ، މަގުމަތިން ބިދޭސީ މަސައްކަތު މީހުން ނަގައިގެންނެވެ. ނަމަވެސް އެއީ ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް ވުމާއި، ޖާހުން އެ މީހުންނަށް ވެސް މުސާރަ ނުދޭތީ ހަފްތާއެއް ނުވަނީސް އެ މީހުން ވެސް ދަނީ އެވެ.

"އެންމެ ފަހުން އަޅުގަނޑު ދިޔަ ދުވަހު އެތާ ތިބި ބަޔަކު ފޮށިތަކެއް ހިފައިގެން. އެ މީހުން ގާތުގައި ދަނީހޭ އެހީމަ ބުނެފި، މުސާރަ ނުދޭތީ ދަނީއޭ. އެ މީހުން ބުނީ ތިމަންނާމެންނަކީ ދުވާލަކަށް 500ރ. ދޭ ގޮތަށް ގެނައި ބައެކޭ. މިހާރު އެއްވެސް އެއްޗެއް ނުދޭތާ ތިން ދުވަސް ވީމަ މަސައްކަތް ހުއްޓާލީއޭ،" އޭނާ ބުންޏެވެ.

ޖާހު ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކެއް ވެސް މީގެ ކުރިން ފެންމަތިވެފައިވުމާ އެކު ދުވަހު މުސާރައަށް ގެންނަ ބިދޭސީންނަށް ޖާހުން މުސާރަ ނުދިނޭ ބުނުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ.

ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި އެމީހާއަކީ ކޮންމެ މަހަކު އެއްފަހަރު ގާޑަންސް އާއި އެތަނުން އޭނާ ގަތް އެޕާޓްމަންޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަން ދާ މީހެކެވެ. އެތަނުގައި ތިބޭ ސުޕަވައިޒަރުން އޭނާ ގާތުގައި ބުނާ ގޮތުގައި މަސައްކަތް ކުރަމުން އަންނަނީ މަތިން ފެށިގެން ތިރިއަށެވެ. އެގޮތަށް ދާ ދިއުމުގައި ގާޑަންސް 10 ވަނަ ފަންގިފިލާގައި ހުންނަ، އެންމެ ގަދައަށް މަސައްކަތް ކޮށްފައިވާ އެޕާޓްމަންޓު ވެސް އޭނާ ބެލި އެވެ. އެތަން ހުރި ގޮތް ކިޔައިދެމުން އޭނާ ބުނީ:

  • 2021 - އެޕާޓްމަންޓުގައި ހުރީ ޕުޓީ ޖަހައި ސީލިން އަޅާފައި

  • 2022 - ދޮރުތައް ހަރުކުރި، ކަބަޑުސެޓުގެ ދެ ތިން ފޮށިގަނޑު ބާއްވާފައި އޮތް (ހަރުނުކޮށް)

  • 2023 - ތިން ކޮޓަރީގައި ޕާކޭ ޖަހާފައި ހުރި؛ ކަބަޑުސެޓު ކުރިން ވެސް އޮތް ގޮތަށް، އޮތީ ހަރުނުކޮށް

"ތިން އަހަރުން އެ އުޅެނީ އެ ސެޓު ހަރު ނުކުރެވިގެން. ދެން ހުރި އެޕާޓްމަންޓުތައް ހުރީ އަދި އެއަށް ވުރެ މާ ފަހަތުގައި. މިއީ އެންމެ ބޮޑަށް ނިމުނު އެޕާޓްމަންޓު ހުރި ގޮތް،" އޭނާ ބުންޏެވެ.

'ދަ ގާޑެންސް'ގެ އެޕާޓްމަންޓެއް 2021 ވަނަ އަހަރު ހުރި ގޮތް: މި އެޕާޓްމަންޓް ގަތް ފަރާތުން ބުނާ ގޮތުގައި އަދިވެސް އެތަން ހުރީ ހަމަ މިގޮތަށް.

"އެތާ ތިރީގައި އެ މީހުންގެ ތަށިމުށިތައް ހުރޭ ގުދަންކޮށްފައި. އެތަކެތި ޑެލިވާ ކުރުމާ މިކަހަލަ ހަރަކާތްތައް ހިނގާ ކޮންމެ ދުވަހަކު ވެސް. ފޯކުލިފްޓުތައް ވަދެ ނުކުމެ ހަދާ، އެއީ އެ މީހުން ކުޅޭ ޝޯއަކީ އެތަނުގައި،" ޖާހުގެ މައި ކުންފުނި ޖައުސާއިން މާލޭގައި ހިންގާ ތަށިމުށި ވިއްކާ ފިހާރައިގެ ޑެލިވަރީ މަސައްކަތަށް އިޝާރަތްކޮށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބަޔަކު މަސައްކަތްކުރާ ނަމަ ކާޅާއި ކޮތަރުތައް އެތަންތަނަށް ވަދެ އެގޮތަކަށް ނޫޅޭނެ އެވެ. 

މަޝްރޫއު ލަސްވާތީ ނިމޭނެ ދުވަހެއް އޮޅުންފިލުވަން ޖާހު ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު ޖައުފަރު އީސާ އާދަމްއާ އެތައް ބަޔަކު ގުޅާ އަދި ބައްދަލު ވެސް ކުރެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި ދެއްވާ ޖަވާބަކީ ހަ މަސް ތެރޭގައި ނިންމާނެ ވާހަކަ އެވެ. އިތުރަށް ސުވާލުކޮށްފި ނަމަ ވިދާޅުވަނީ މަސައްކަތް ނިމެންދެން މަޑުން ހުރުމަށެވެ. 

"އަޅުގަނޑާ ދިމާލަށް ޖައުފަރު ބުނީ މިއީ 84 މީހުންގެ ތަނެކޭ. ކަލޭގެ ޕަސެންޓަކީ ކުޑަކުޑަ ޕަސެންޓެކޭ. ދެން ކަލޭ ވެސް މިތަނުގައި އުޅެންޏާ މަޑުމަޑުން ހުންނާށޭ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މި އަހަރު ވެސް މަސައްކަތް ނިމޭކަށް ނެތް

ހުޅުމާލެއިން މިހާތަނަށް އެންމެ ބޮޑު އަގުގައި ވިއްކި އެޕާޓްމަންޓްތަކުގެ މަސައްކަތް މިހާރު އޮތް ހިސާބަކީ މިއީ އެވެ. އަނެއްކޮޅުން ހެއްވާ ކަމަކީ، މުޅި މަޝްރޫއު ނިމުނުވަރަށް ބަލާއިރު، ދުވަހެއް ދުވަހަކަށް ޕްރޮގްރެސް ޕަސެންޓު ދަނީ ދަށްވަމުންނެވެ. ގާޑަންސްގެ ވެބްސައިޓުގައި ޑިސެމްބަރު 2021ގެ ޕްރޮގްރެސް ރިޕޯޓަށް ފަހު އިތުރު ރިޕޯޓެއް ޝާއިއުކޮށްފައެއް ނެތެވެ.

"އަހަރެން މިއީ 2020ގެ ސެޕްޓެމްބަރުގައި ސޮއިކުރި މީހެއް. %95 އޭރު ނިމިފައި އޮތީ. މިހާރު ވެއްޓިއްޖެ %92އަށް. އާބަންކޯގެ ލީގަލް ހެޑު ބުނީ %98 ނިމިފައި ހުއްޓަސް، އެ މީހުންނަށް [ޖާހުއަށް] ނުނިންމޭނޭ، އެ މީހުންގެ ނެތޭ ފައިސާ އާއި ކެޕޭސިޓީއެއް،" ތައުފީގު ބުންޏެވެ.

ދެން އުފެދޭ ސުވާލަކީ އެއްބަސްވުން އުވާލުމާ ހަމައިން ދެން ވާނެ ގޮތެވެ. މިއީ އަނެއްކާވެސް ގެއްލުމުގެ ބަދަލު ހޯދުމަށް ކުޅޭ ކުޅިވަރަކަށް ނުވާނެތޯ އުފެދޭ ސުވާލެވެ. އެއް ގޮތަކީ އެއްބަސްވުން ބާތިލުކުރުމަށް ފަހު ބިމު ކުލި ހޯދަން ޖާހު ގޮވައިގެން އާބަންކޯއިން ކޯޓަށް ދިއުމެވެ. އަނެއް ގޮތަކީ 90 އެތައް ޕަސެންޓެއްގެ މަސައްކަތް ނިންމާފައި އޮތް ތަނެއްގެ އެއްބަސްވުން ބާތިލުކުރިއޭ ކިޔާފައި ޖާހުން އާބަންކޯއާ ދެކޮޅަށް ދައުވާާ ކުރުމެވެ.

ނަމަވެސް މަޝްރޫއު ނިންމަން އާބަންކޯއިން އެތައް ފަހަރެއްގެ މަތިން އިތުރުކޮށްދިން މުއްދަތުތަކާއި ދިން ފުރުސަތުތަކަށް ބަލާފައި ޖާހުއަށް މިކަމުގައި ކާމިޔާބު ލިބުމަކީ، ބައެއް މީހުން ދެކޭ ގޮތުގައި، ނާދިރު ކަމެކެވެ. އެ ކުންފުނީގެ އޮފިޝަލަކު ދެއްވި ޔަގީންކަމަކީ، އެއްބަސްވުން ބާތިލުކުރަން ޖެހިއްޖެ ހާލަތަކަށް ހިނގައްޖެ ނަމަ، ދެން ކަން ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް އެޕާޓްމަންޓު ގަތް މީހުންނަށް އެޕާޓްމަންޓް ލިބޭނެކަމުގެ ޔަގީންކަން ދެއްވި އެވެ.

ގާޑަންސްއިން އެޕާޓްމަންޓް ގަތް މީހުން ދެކޭ ގޮތުގައި، މިކަން ކޮޅެއްގައި ޖެއްސުމަކީ އާބަންކޯގެ ޒިންމާއެކެވެ. އެ މީހުން އެޕާޓްމަންޓުތައް ގަތީ، ތަނުގެ ރީތިކަމަށް ބެލުމަށް ފަހު އެކަންޏެއް ނޫނެވެ. މިއީ ސަރުކާރުގެ ބިމެއްގައި ހަދާ ތަނަކަށް ވާތީ، އެ މީހުންގެ ހައްގު ނުގެއްލޭނެ ކަމަށް ވެސް ބެލުމަށް ފަހު އެވެ.

ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން މީގެ ކުރިން އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖެއް.
ޖާހު އިންވެސްޓްމަންޓުގެ 'ދަ ގާޑެންސް'އިން އެޕާޓްމަންޓު ގަތް ބައެއް މީހުން މީގެ ކުރިން އެ ތަނުގެ ކުރިމަތީގައި ކުރި އިހުތިޖާޖެއް.

ހުޅުމާލޭގައި އަމިއްލަ ކުންފުންޏަކުން ހައުސިން މަޝްރޫއެއް 'އަތަށް ގޮއްވާލައިގެން' އުޅޭ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ސީލައިފް މަޝްރޫއަށް ވީ ގޮތެވެ. ކޭ-ޕާކު މަޝްރޫއުގައި ހިންގި ބޮޑު ސްކޭމް ފަޅާއެރީ ދާދި މިދާކަށް ދުވަހު އެވެ.

ދެން މި އޮތީ ޖާހުގެ ގާޑަންސް އެވެ. ތަފާތު ވަނީ ކުންފުންޏާއި މަޝްރޫއުގެ ނަމެވެ. 

އާންމުންގެ އެތައް ބަޔަކާ ގުޅިފައި އޮންނަ މިފަދަ މަޝްރޫއުތައް، އޮޅުވާލައިގެން އެކި ބަހަނާތައް ދައްކައިގެން ދިގު ދަންމާލާއިރު، މައްސަލައަކީ އާބަންކޯއިން ވެސް އެ ފުރުސަތު އެ ކުންފުނިތަކަށް ދޭތީ އެވެ. ހައްގު ލިބޭއިރު، ހައްގުވެރިން މި ތިބެނީ ވާނެ އެއްޗެއް ވެނިމިފަ އެވެ. އެޕާޓްމަންޓު ގަންނަން ބޭންކުން ލޯނު ނެގި މީހުން ލޯނަށް ފައިސާ ދައްކަމުން، ދިރިއުޅޭ ތަނަށް ކުލި ދައްކަމުން ދާއިރު ތިބެނީ މާލީ ގޮތުން ބޮޑު ތާށިކަމެއްގެ ތެރޭގަ އެވެ. ގަތް ތަނަށް ވަދެވޭނީ ކޮން ދުވަހަކު ކަން ނޭނގިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް