ޖައުސާ ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑެން' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު: މި ތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރާ ނުދޭ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައި. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ޖާހުގެ ދަ ގާޑަންސް ނިންމަން 30 ދުވަހުގެ ނޯޓިސްއެއް ދީފި

ދަ ގާޑަންސް އިމާރާތްކުރަން ޖާހު އިންވެސްޓްމަންޓްސްއާ ހަވާލުކުރީ 2017 ގައި

މަސައްކަތް ނުނިމި ހުއްޓިފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޖާހު އިންވެސްޓްމަންޓްސްގެ 'ދަ ގާޑަންސް' އެޕާޓްމަންޓްތައް 30 ދުވަހުގެ ތެރޭގައި ނިންމަން އާބަންކޯއިން އެ ކުންފުންޏަށް އަންގައިފި އެވެ.

މައްސަލައިގެ ފެށުން - ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދަ ގާޑަންސް އިމާރާތްކުރަން، ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހުއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެގޮތުން:

  • އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށް 

  • އަދިވެސް އެ ތަނުގެ މަސައްކަތް ހުރީ ނުނިންމާ 

  • ޖާހުން ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ ސަބަބުތަކާ ހެދި މަސައްކަތް ލަސްވީ ކަމަށް

ބުނީ ކީކޭ؟ - އާބަންކޯއިން ބުނީ ޖާހުގެ ދަ ގާޑަންސް ހައުސިން މަޝްރޫއު ނުނިމި ދިގުލައިގެންދިޔަ މައްސަލަ އިތުރަށް ބެލުމަށް ފަހު ވަކި މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމަން ނޯޓިސް ދީފައިވާ ކަމަށެވެ.

"މި މައްސަލަ އިތުރަށް ބެލުމަށްފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ، ނޯޓިސް ވަނީ އެ ފަރާތަށް މިހާރު ދީފަ އެވެ،" އާބަންކޯއިން ބުނެފައިވެ އެވެ.

"އަދި މިގޮތަށް ނޯޓިސް ދިނުމުގެ ކުރިން އެކި ފަހަރުމަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް މި ކޯޕަރޭޝަންގެ ފަރާތުން ޖާހު އިންވެސްޓްމަންޓަށް ވަނީ ދީފައިކަން ފާހަގަކުރަމެވެ."

ތަފްސީލު - އެކި މުއްދަތުތައް ފަހަނައަޅައި ދިޔައިރުވެސް މަސައްކަތް ނުނިމި އޮތްއިރު، ޖާހު ކުންފުނިން މިދިޔަ ފެބްރުއަރީ މަހު ބުނީ މަސައްކަތް އަލުން ފަށައި، މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. އެއީ ނޭޕާލްގެ 'އަވްހިރޫ ކޮންސްޓްރަކްޝަންސް' ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅިގެންނެވެ.

މަސައްކަތް އަލުން ފަށާނެ ކަމަށް ޖާހުން ބުނީ، އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން އެ މަޝްރޫއު ނުނިމި ލަސްވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ. 

އޭގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ ޑިސެމްބަރުގައި އެޕާޓްމަންޓްތައް ހަވާލުކުރަން ފެށޭނެ ކަމަށާއި ހުރިހާ އެޕާޓްމަންޓްތައް މި ފެބްރުއަރީ މަހު ނިމޭނެ ކަމަށެވެ.

  • އެޕާޓްމެންޓުތަކުގެ %90 ނިމިފައިވާ ކަމަށް ޖާހުން އޭރު ބުނި

  • އޮކްޓޯބަރު 2022ގައި ނޫސްވެރިން އެ އެޕާޓްމެންޓުތައް ބެލި އިރު، އެ ތަނުގެ ސިޑިތަކާއި ހޯލްވޭ، އާންމު ސްވިމިން ޕޫލާއި ޕާކިން އޭރިއާ އަދި ޖިމްގެ މަސައްކަތް ވެސް ނުނިމޭ

  • އެ އެޕާޓްމެންޓުތައް ނިންމަން އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދިން

  • އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފައި

ގުޅުންހުރި ކަމެއް - މަސައްކަތް ހުއްޓިފައި އޮތް އިރު، ޖާހު ކުންފުނީގެ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދިނުމާއި އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ބޮޑެތި މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި އެބަހުއްޓެވެ.

އޭގެ އިތުރުން މީރާއިން އެންމެ ފަހުން އާންމުކުރި ދައުަލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައިވެސް އެ ކުންފުނި ހިމެނެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް