ޖައުސާ ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑެން' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ޖާހުގެ ފްލެޓުތައް ހަވާލުކުރަން އަނެއްކާވެސް އާ ތާރީހެއް؛ މި ފަހަރު ސެޕްޓެމްބަރުގެ ކުރިން

މިދިޔަ ޑިސެމްބަރު މަހު ވެސް އެޕާޓްމަންޓްތައް ހަވާލުކުރަން ފަށާނެ ކަމަށް އެ ޖާހުން ބުނި ނަމަވެސް، އެކަން ފަށާފައެއް ނުވޭ
15 ފެބްރުއަރީ 2023
2

ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި އިމާރާތްކުރާ 'ދަ ގާޑަންސް' އެޕާޓްމެންޓްތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ފަސް އަހަރަށް ފަހު އަންނަ ހޮނިހިރު ދުވަހު އަލުން ފަށައި އަންނަ ސެޕްޓެމްބަރުގެ ކުރިން ހަވާލުކުރާނެ ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދަ ގާޑަންސް އިމާރާތްކުރަން، ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހުއާ ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. އެގޮތުން:

  • އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުން ނިންމާ ގޮތަށް 

  • އަދިވެސް އެ ތަނުގެ މަސައްކަތް ހުރީ ނުނިންމާ 

  • ޖާހުން ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތާއި މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުން ފަދަ ސަބަބުތަކާ ހެދި މަސައްކަތް ލަސްވީ ކަމަށް

ތަފްސީލު - ޖާހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ދަ ގާޑަންސްގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު އަލުން ފަށާނެ ކަމަށެވެ.

އެ ބަޔާނުގައި ވެސް މަޝްރޫއު ނުނިމުނު ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި އޮތީ މުވައްޒަފުން ނުލިބުމުގެ ދަތިތަކާއި މާލީ ގޮތުން އެ ކުންފުންޏަށް ކުރިމަތިވި ގޮންޖެހުންތަކެވެ.

އެނގުން މުހިންމު - 'ދަ ގާޑަންސް'ގެ މަސައްކަތް އަލުން ފަށާނެ ކަމަށް ޖާހުން ބުނީ، އެޕާޓްމަންޓް ގަންނަން ފައިސާ ދެއްކި ބައެއް މީހުން އެ މަޝްރޫއު ނުނިމި ލަސްވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ.

ގާނޫނީ ގޮތުން އެ މީހުންނަށް އެހީވީ ޝުނާނާ އެންޑް ކޯ އިންނެވެ. އެގޮތުން:

  • އެ ލޯފާމުން ވަނީ މިދިޔަ މަހުގެ 25ގައި 13 މީހެއްގެ ފަރާތުން މައްސަލަ، އެކި އިދާރާތަކަށް ހުށަހަޅާފައި 

  • އެއީ ފުލުސް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް

  • ޖާހް އިންވެސްޓްމެންޓުގެ އިތުރުން އެޗްޑީސީގެ މައްސަލައެއް ވެސް ހުށަހެޅި

ޖާހުން މިދިޔަ އޮކްޓޯބަރު މަހު ބުނީ މިދިތަ ޑިސެމްބަރުގައި އެޕާޓްމަންޓްތައް ހަވާލުކުރަން ފެށޭނެ ކަމަށާއި ހުރިހާ އެޕާޓްމަންޓްތައް މި ފެބްރުއަރީ މަހު ނިމޭނެ ކަމަށެވެ.

  • އެޕާޓްމެންޓުތަކުގެ %90 ނިމިފައިވާ ކަމަށް ޖާހުން އޭރު ބުނި

  • މިދިޔަ އޮކްޓޯބަރު މަހު ނޫސްވެރިން އެ އެޕާޓްމެންޓުތައް ބެލި އިރު، އެ ތަނުގެ ސިޑިތަކާއި ހޯލްވޭ، އާންމު ސްވިމިން ޕޫލާއި ޕާކިން އޭރިއާ އަދި ޖިމްގެ މަސައްކަތް ވެސް ނުނިމޭ

  • އެ އެޕާޓްމެންޓުތައް ނިންމަން އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދިން

  • އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފައި

ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި). (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

މަޝްރޫއު ނިންމަން ނޭޕާލު ކުންފުންޏަކަށް

ޖާހުން އިއްޔެ ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް އަލުން ފަށައި ވީހާ ވެސް ފުރިހަމައަށް ނިންމުމަށްޓަކައި ނޭޕާލްގެ 'އަވްހިރޫ ކޮންސްޓްރަކްޝަންސް' ނަމަކަށް ކިޔާ ކުންފުންޏަކާ ގުޅެން ވަނީ ނިންމާފަ އެވެ.

މުޅި މަޝްރޫއު އަވްހިރޫއާ ހަވާލުކުރެވޭނެ ކަމަށް ބުނި ތާރީހަކީ 16 ސެޕްޓެމްބަރު 2023 އެވެ.

އަވްހިރޫ ކުންފުނީގެ ވެބްސައިޓަށް ނުވަދެވޭތީ އެ ކުންފުނީގެ މައުލޫމާތު ލިބޭ ގޮތެއް ނުވެ އެވެ.

ސެޕްޓެމްބަރުގެ ކުރިން އެޕާޓްމަންޓްތައް ހަވާލުކުރަނީ

އަވްހިރޫ ކުންފުންޏާ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރުމުގެ ކުރިން، ޖާހުން ބުނި ގޮތުގައި، މަސައްކަތް މުޅިން ނިންމާލެވޭ ފަންގިފިލާތަކުން ކަސްޓަމަރުންނަށް އެޕާޓްމަންޓް ހަވާލުކުރަން ފަށާނެ އެވެ.

"ހޭންޑްއޯވަ ތާރީހުގެ ކުރިން (އަވްހިރޫއަށް މަސައްކަތް އެއްކޮށް ހަވާލުކުރުމުގެ ކުރިން) ވަކިވަކި ފަންގިފިލާތަކުގެ %100 މަސައްކަތް ނިމޭ ވަރަކުން. ކަސްޓަމަރުންނަށް އެޕާޓްމަންޓްތައް ހަވާލުކުރަން ފަށާނަން،" ޖާހުން ބުނެ އެވެ.

"މަޝްރޫއު ކުރިއަށްދާ ގޮތާއި އެޕާޓްމަންޓްތައް ހަވާލުކުރާ ގޮތުގެ ތަފްސީލު ބަރާބަރަށް ދޭނަން."

ފަސްމަންޒަރު - ދަ ގާޑްންސްގެ މަސައްކަތް ހުއްޓި، އެ ތަނުން އެޕާޓްމެންޓް ގަތް މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. އެތައް ބަޔަކު ލޯނު ނަގައިގެން އަދި އުމުރު ދުވަހު އެއްކުރި ފައިސާ ހަރަދުކޮށްގެން އެޕާޓްމަންޓް ގަތް ނަމަވެސް އެ ތަނުގެ މަސައްކަތް ނިމޭނެ އިރެއް އަދި އެޕާޓްމެންޓަށް ވަދެވޭނެ ސީދާ ވަކި ދުވަހެއް ނޭނގެ އެވެ.

މަސައްކަތް ހުއްޓިފައި އޮތް އިރު، އެ ކުންފުނީގެ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދިނުމާއި އެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުން ފަދަ ބޮޑެތި މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި އެބަހުއްޓެވެ. އެ ކަންތައްތަކާ ގުޅިގެން އެކި ފަހަރު މަތިން ދަ ގާޑަންސްގެ ކުރިމަތީގައި އެ މީހުން އިހުތިޖާޖުކުރި އިރު، މައިގަނޑު ގޮތެއްގައި އެ މީހުން ފާހަގަކުރާ ޝަކުވާތަކަކީ:

  • ޕާސްޕޯޓު ހިފަހައްޓާފައި އޮތުން

  • ބައެއް މީހުންނަށް 3-6 މަސް ވަންދެން މުސާރަ ނުދިނުން

  • ރަނގަޅު ކާނާ ނުދިނުން

  • ބޭސްފަރުވާގެ ހިދުމަތް ނުލިބުން

ޖާހް އިންވެސްޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ ބިދޭސީން އިހުތިޖާޖްގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭގެ މައްޗަށް، ދައުލަތަށް ޓެކްސް ނުދައްކާ ކުންފުނިތަކުގެ ތެރޭގައި ވެސް، ޖާހު އިންވެސްޓްމެންޓްސް ހިމެނޭ ގޮތަށް، ޖާހުގެ އިތުރު ކުންފުންޏަކާއި ޖައުސާގެ ކުންފުންޏެއް މިހާރު ވެސް އެބައޮތެވެ. ޖާހު އިންވެސްޓްމެންޓްސް އަކީ ޖައުސާގެ ވެރިޔާ ޖައުފަރު އީސާގެ އާއީލީ ވިޔަފާރިއެކެވެ. އަދި އޭނާއަކީ ޖާހުގެ ފައުންޑާގެ އިތުރުން އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރެވެ.

ދަ ގާޑަންސް މަޝްރޫއު އާއި ޖާހު ކުންފުންޏާ ގުޅޭ ގޮތުން ފެންމަތިވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން އެކި ފަހަރު މަތިން ސުވާލުކުރުމުން އެ ކުންފުނިން އެއްވެސް ޖަވާބެއް ނުދެ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

މުއީޒު

15 ފެބްރުއަރީ 2023
ދެން ހެވޭ ތި ނުދިނަސް. ދިން ލާރި ކޮޅާއި ގެއްލުމުގެ ބަދަލު ބޭނުމީ
2 0

އިފާ ޝަރީފް

15 ފެބްރުއަރީ 2023
2017 ގައި ހަވާލުކުރީ 2 އަހަރުން ނިންމަން. އެއީ 2019 އަށް. ދެން 2020 ގައި އައި ކޮވިޑާ ގުޅިގެން އެތަން ލަސްވާންވީ ސަބަބެއް ނެތް. ހޮޅި ވާހަކަ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް