ޖައުސާ ޖައުފަރުގެ އާއިލީ މަސްލަހަތު އޮންނަ ޖާހް އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދާ ފްލެޓް ކައިރީގައި މީހަކު މަޑުކޮށްލައިގެން: އެ މަޝްރޫއު ނިމޭނެ ދުވަހެއް ނޭނގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖައުސާ ކުންފުނި

ޖާހުގެ ފްލެޓް ލިބޭނެ ދުވަހެއް ނޭނގި ދިރިއުޅުން 'ހުއްޓިފައި'

ފްލެޓް ގަންނަން ފައިސާ ދެއްކިތާ ހަތަރު އަހަރު ވީ އިރު ވެސް، އެ މަޝްރޫއު ނިމޭނެ ދުވަހެއް ނޭނގެ
13 ފެބްރުއަރީ 2023
4

އައިމިނަތު (އަސްލު ނަމެއް ނޫން) އަބަދުވެސް އުއްމީދަކީ، އޭނާއަށް ލިބޭ ދަރިންނަށް ރަނގަޅު ހިޔާވަހިކަމެއް ހޯދައިދިނުމެވެ. މާލޭގައި، ކުޑަ ތަންކޮޅެއްގައި ދަތި ހާލަތުގައި އޭނާ އުޅެބޮޑުވި އިރު، އެފަދަ ދިރިއުޅުމަކާ ދަރިން ކުރިމަތިލާން ނުޖެހުމަކީ އޭނާގެ އެންމެ ބޮޑު އަޒުމެކެވެ. ބޯހިޔާވަހިކަން ފޯރުކޮށްދޭން މާލެ ސަރަހައްދުގައި ހިންގި ދެ މަޝްރޫއަށް އައިމިނަތު ކުރިމަތިލީ އެ މަގްސަދުގަ އެވެ. އެކަމަކު، ފްލެޓަށް ފައިސާ ދެއްކުމުން ކޮންމެ ބަޔަކު ވެސް އޭނާއަށް ދިނީ ލަނޑެވެ.

ކައިވެންޏަށް ފަހު ދަރިއަކު ނުހޯދައި، އައިމިނަތު މަޑުކޮށްލައިގެން ހުރީ ދިރިއުޅޭނެ ތަނެއް ނެތުމުންނެވެ. އެކަމަކު  ފުރަތަމަ ކުރިމަތިލި މަޝްރޫއުން ވެސް އޭނާއަށް ކުރިމަތިވީ ހުސް ގެއްލުމާ އެވެ.

ދެން އައިމިނަތު ފްލެޓް ހޯދީ، ހުޅުމާލޭގައި ޖައުސާގެ ސަބްސިޑަރީ ކުންފުނި ޖާހު ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ ހައުސިން މަޝްރޫއުންނެވެ. ޑައުންޕޭމަންޓްގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ދައްކަން ޖެހުނު އިރު، އަތުގައި އެހާ ފައިސާ ނެތުމުން އޭނާއަށް ޖެހުނީ، މަހަކު 21،000 ރުފިޔާ ބޭންކަށް ދައްކާ ގޮތަށް ބޮޑު ލޯނެއް ނަގާށެވެ. އެ ލޯނުގެ ފައިސާއިން ޑައުންޕޭމަންޓް ދެއްކީ، ޑިސެމްބަރު 2019ގައި ފްލެޓް ލިބޭނެ ކަމަށް ބުނުމުންނެވެ.

އެކަމަކު އޭގެ ފަހުން މި ހިނގަނީ ހަތަރު ވަނަ އަހަރެވެ. ކޮންމެ ފަހަރަކު ވެސް އާ ތާރީހެއް ދިނުމަށް ފަހު ހަބަރެއް ނުވެ އެވެ. އެންމެ ފަހުން ދިން ތާރީހު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަވެފައިވާއިރު އެ ކުންފުނި އަނެއްކާވެސް ވަނީ 'ގެއްލިފަ' އެވެ. ފޯނު ކުރިޔަސް، އީމެއިލް ކުރިޔަސް މިހާރު ޖަވާބެއް ނުދެ އެވެ.

ޖާހް ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި). ބައެއް މީހުން މިތަނަށް ފައިސާ ދެއްކި ނަމަވެސް ފްލެޓްތައް ލިބޭނެ ދުވަހެއް ނޭނގެ (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

އައިމިނަތު މިހާރު އިނީ ބަލިވެ އެވެ. ބަނޑަށް ހަ މަސް ފުރިފައިވާއިރު، ދަރިފުޅު ވިހަން ވާއިރަށް ވަންނާނެ ތަނެއް ނެތުމުން އޭނާގެ ގޮތް ވަނީ ހުސްވެފަ އެވެ. ކޮންމެ މަހަކު ބޭންކަށް ބޮޑު އަދަދެއް ދައްކަން ޖެހޭއިރު، ދިރިއުޅޭނެ ތަނެއް ނެތުމުން ނަފްސާނީ ގޮތުން ވެސް އޭނާއަށް ކޮށްފައިވާ އަސަރު ބޮޑެވެ. އަދި އެކަމުގެ ގެއްލުން، އޭނާ އާއި ބަނޑުގައި އޮތް ތުއްތު ދަރިފުޅަށް ވެސް ދަނީ ކުރަމުންނެވެ.

"މި ޖޫންގައި ވިހާނެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނާ ވިސްނާ ގޮތް ހުސްވެއްޖެ،" އައިމިނަތު ބުންޏެވެ.

އޭނާ ބުނިގޮތުގައި މިދިޔަ ދުވަސްތަކުގައި ފްލެޓް ދައްކާލަން ގެންދިޔަ ނަމަވެސް، އެތަނަށް ކުރިއެރުން އަންނަ ތަނެއް ނުފެނެ އެވެ. އަބަދުވެސް ތަން ހުންނަނީ، ކުރިން ހުރި ގޮތަށެވެ. އެހެންވެ، މިއިން ދުވަހަކު އެތަނުގައި ދިރިއުޅެން ލިބިދާނެ ކަމަކަށް އޭނާ މިހާރު އުއްމީދެއް ވެސް ނުކުރެ އެވެ.

ލަގްޒަރީ ފްލެޓް އެޅުމަށް، ޖައުސާ، ނުވަތަ ޖާހު އިންވެސްޓްމެންޓްސްއާ އެޗްޑީސީން ބިން ހަވާލުކުރީ ޖެނުއަރީ 2017 ގައެވެ. އެ މަޝްރޫއުގެ %90 ނިމިފައިވާ ކަމަށް ޖާހުން ބުނި ނަމަވެސް، ފެންނަ ފެނުމަށް ނިމިފައިވަނީ އެޕާޓްމެންޓުތަކުގެ ބައެއް މަސައްކަތްތަކެވެ. ގިނަ އެޕާޓްމަންޓްތަކުގެ އެތެރެ ވެސް އަދި ނުނިމެ އެވެ. އޭގެ އިތުރުން ސިޑިތަކާއި، ހޯލްވޭ، އާންމު ސްވިމިން ޕޫލާއި، ޕާކިން އޭރިއާ އާއި ޖިމްގެ މަސައްކަތް ވެސް ނިމެން ކައިރި ނުވެ އެވެ.

އެ މަޝްރޫއު ނިންމުމަށް އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދީފި އެވެ. އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޑިސެމްބަރު މަހު ވަނީ ހަމަވެފަ އެވެ.

ޖާހުން ބުނާ ގޮތުގައި މަސައްކަތް ލަސްވީ، މަސައްކަތްތެރިންގެ ކޯޓާތަކުގެ މުއްދަތު ހަމަވުމުންނާއި ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޖައުސާ ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑެން' އިމާރާތްކުރަމުން އަންނަ ސައިޓުގެ ބޭރު (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ޖާހުގެ ފްލެޓް ގަތް ބައެއް މީހުން ވަނީ، މިދިޔަ މަހު އެ މައްސަލަ ފުލުހުންގެ އިތުރުން އެކަމާ ގުޅުން ހުރި އެހެން އިދާރާތަކަށް ހުށަހަޅައިފަ އެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެޕާޓްމެންޓް ގަތް މީހުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، އެ ކުންފުނީގެ މަކަރާއި ހީލަތާއި ޓެކުމުގެ ކުށުގަ އެވެ.

ކުޑަ ތަންކޮޅެއްގައި ދިރިއުޅެ، ކުރަން ޖެހުނު ހިތްދަތި ތަޖުރިބާ ދަރިންނަށް ތަކުރާރުވިޔަ ނުދިނުމަށް އައިމިނަތު ކުރި އުއްމީދުތައް މިހާރު ވަނީ ވިއްސިވިހާލެވިފަ އެވެ. ދަރިންނާ އެކު ހިތްހަމަޖެހޭ ބޯހިޔާވަހިކަމެއްގައި އުޅުމަށް، އެއްކުރި ހުރިހާ ފައިސާއެއް ގެއްލި، ބޮޑު ލޯނެއް ވަނީ ބޮލުގައި އެޅިފަ އެވެ. އަދި ކޮންމެ މަހަކަށް އެތައް ހާހެއް ދައްކަން ޖެހިފައިވާއިރު އޭނާގެ އަތްމަތި ވަނީ އެއްކޮށް ހުސްވެފަ އެވެ.

އެކަމަކު، މިއިން އެވެސް ކަމަކަށް ޖާހުން ޖަވާބެއް ނުދެ އެވެ. އެ ކުންފުނި އުޅެނީ މިހާރު ފިލައިގެންނެވެ. މުވައްޒަފުން ވެސް މުސާރަ ނުލިބި ތިބީ ޝަކުވާގަ އެވެ. 

ކޮމެންޓް (4)

މަސްވެރިޔާ

13 ފެބްރުއަރީ 2023
ކޮބާތަ އެންސިސް ފުލެޓު ތައް
7 0

ތެފައާސާ.

13 ފެބްރުއަރީ 2023
އެޗްޑީސީގެ އިހުމާލު ވަކިން ބޮޑު. ރެގިއުލޭޓަރީ ބޮޑީ، އެކަމަކު ތިބެނީ ޑިވެލޮޕަރުންގެ އުނގުގަ. ދެން ކިހިނެތް ފިޔަވަޅެއް އަޅާނީ؟
11 0

ފެރީނިޒާމު

13 ފެބްރުއަރީ 2023
ފުލުހުން ނޫނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ތި މައްސަލަ ބަލާތޯ ނޫންތޯ އަދި ބަލާނަމަ ގޮއްސަ އޮތް ހިސާބެއް ބުނެލިނަމަވެސް ރަނގަޅު ދައުރުނޫސް.
14 0

ސަންތި

13 ފެބްރުއަރީ 2023
މީހުންނަށް މިފަދަ ބޮޑެތި ގެއްލުންދޭ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާ، ހުރިހާ ގެއްލުމެއް އާއްމުންނަށް. ގެއްލުމުގެ ބަދަލެއްވެސް ނުދޭނެ އަދި އިތުރު ބިންތައްވެސް މިކަހަލަ މީހުންނަށް އިމާރާތްކުރަން އިދާރާތަކުން ދޭނެ. މިގޮތަށް ކަންހިނގާހާ ދުވަހަކު އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ.
14 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް