ޖައުސާ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ 'ދަ ގާޑެން'ގެ އިމާރާތް (ކަނާތްފަރާތުގައި): މިތަނުގެ މަސައްކަތް އަދިވެސް ނުނިމޭ. (ދައުރު ފޮޓޯ/އަހުމަދު މިޒްޔާލް)

ބޯހިޔާވަހިކަން

ޖާހުން ލަގްޒަރީ އެޕާޓްމެންޓް ގަތް މީހުން މައްސަލަ ފުލުހަށް

ހަ އަހަރު ކުރިން އަޅަން ފެށި އެ އިމާރާތް އަދިވެސް ނުނިމޭ

ޖާހު އިންވެސްޓްމެންޓްސްއިން ހުޅުމާލޭގެ ފޭސް އެކެއްގައި ހަދާ ލަގްރަޒީ އެޕާޓްމަންޓްތައް ނުނިމި، ދިގުލައިގެން ގޮސްފައިވާތީ އެޕާޓްމަންޓްތައް ގަތް ބައެއް މީހުން އެ މައްސަލަ ފުލުހާއި ކަމާ ގުޅޭ އެހެން މުއައްސަސާތަކަށް ހުށަހަޅައިފި އެވެ.

އެނގުން މުހިއްމު- ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މަތީ ފެންވަރުގެ އެޕާޓްމެންޓުތަކެއް އެޅުމަށް ޖާހު އިންވެސްޓްމެންޓާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން ހަ އަހަރު ވެފައިވާއިރު، އަދިވެސް އެތަނަށް ވަދެވޭނެ ދުވަހެއް ނޭނގެ އެވެ.

  • އެޕާޓްމެންޓުތަކުގެ %90 ނިމިފައިވާ ކަމަށް ޖާހުން ބުނެފައިވޭ. އެކަމަކު

  • މިދިޔަ އޮކްޓޫބަރު މަހު ނޫސްވެރިން އެ އެޕާޓްމެންޓުތައް ބެލި އިރު، އެތަނުގެ ސިޑިތަކާއި ހޯލްވޭ، އާއްމު ސްވިމިން ޕޫލާއި ޕާކިން އޭރިއާ އަދި ޖިމްގެ މަސައްކަތް ވެސް ނުނިމޭ

  • އެ އެޕާޓްމެންޓުތައް ނިންމައި، އެޗްޑީސީން ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދިން

  • އެންމެ ފަހުން ދިން މުއްދަތު މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފައި

ވީ ކިހިނެއް؟- ޖާހް އިންވެސްޓްމެންޓުގެ 'ދަ ގާޑްން' އިމާރާތުން އެޕާޓްމެންޓު ގަތް މީހުން، އެ މައްސަލައިގެ ކޮޅެއް ނުފެނުމުން، ގާނޫނީ ގޮތުން އެ މީހުންނަށް އެހީވީ، ޝުނާނާ އެންޑް ކޯ އިންނެވެ. އެ ލޯފާމުން، މިދިޔަ ބުދަ ދުވަހު ވަނީ 13 މީހެއްގެ ފަރާތުން މައްސަލަ، އެކި އިދާރާތަކަށް ހުށަހަޅާފަ އެވެ. އެއީ ފުލުސް އޮފީހައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަދި ޕްރައިވަޓައިޒޭޥަން އެންޑް ކޯޕަރޭޝަން ބޯޑެވެ.

ޖާހް އިންވެސްޓްމެންޓުގެ އިތުރުން އެޗްޑީސީގެ މައްސަލައެއް ވެސް ހުށަހެޅި އެވެ.

ޝުނާނާ އެންޑް ކޯ ލޯފާމުން ބުނި ގޮތުގައި:

  • ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެޕާޓްމެންޓް ގަތް މީހުންގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާތީ، އެ ކުންފުނީގެ މަކަރާއި ހީލަތާއި ޓެކުމުގެ ކުށުގައި

  • އޭސީސީއަށް ހުށަހެޅީ، ޖާހް އިންވެސްޓްމެންޓާއި އެޗްޑީސީގެ ބައެއް ޑިރެކްޓަރުންނާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް

  •  އެސްއޯއީ ކޮމިޓީ އާއި ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހެޅީ، އެޗްޑީސީގެ ފަރާތުން އަދާކުރަން ޖެހޭ ޒިންމާތައް އަދާނުކުރާ މައްސަލަ

ޖާހުން ބުނާގޮތުގައި މަސައްކަތް ލަސްވީ، މަސައްކަތްތެރިންގެ ކޯޓާތަކުގެ މައްސަލަ ހަމަވުމާއި ކޮވީޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޮކްޓޫބަރު މަހު އެ ކުންފުނިން ބުނީ:

  • ޑިސެމްބަރު މަހު ބައެއް އެޕާޓްމެންޓުތައް ހަވާލުކުރަން ފަށާނެ ކަމަށް

  • ހުރިހާ އެޕާޓްމެންޓެއް ނިމޭނީ އަންނަ މަހުގައި

އެކަމަކު މިހާތަނަށް މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، އެ މުއްދަތުތަކުގައި ނިންމޭނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ފަސްމަންޒަރު- ޖާހު އިންވެސްޓްމެންޓްސް އަކީ ޖައުސާ ޖައުފަރު އީސާގެ އާއީލީ ވިޔަފަރިއެކެވެ. އަދި އޭނާއަކީ ޖާހުގެ ފައުންޑާގެ އިތުރުން އެ ކުންފުނީގެ އެކްޒެކެޓިވް ޑައިރެކްޓަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް